މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭނުކުރެއްވުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާލޭގައި ޑޯޓުޑޯ ފައްޓަވައިފިއެވެ.
ރައީސް ސޯލިހު ވަނީ މިއަދު ގަލޮޅުގެ ގެތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. ރައީސްގެ އަރިހުގައި އެމަނިކުފާނުގެ މާލޭ ސިޓީގެ ކެމްޕޭން މެނޭޖަރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް ނަސީމު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހީމް (އަނދުން) ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި މާރިޔާ ވިދާޅުވީ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ރައީސް ސޯލިހަށް ވަރަށް ބޮޑުކޮށް ތާއިދު އޮތްކަން އެނގިގެން ދިޔަ ކަމަށެވެ. މާރިޔާ ވިދާޅުވީ "ދުވަހަކުވެސް ހީނުކުރާ މީހުން" ވެސް ރައީސް ސޯލިހަށް ކެމްޕޭން ކޮށްދެއްވުމުގެ މަސައްކަތުގައި އުޅެމުންދާ ކަމަށެވެ.
ރައީސް ސޯލިހުގެ މާލޭ ސިޓީގެ މެޖޯރިޓީ ރިޔާސީ އިންތިހާބުގައި ނަންގަވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވަނީ ރައީސް ސޯލިހަށް ކެމްޕޭން ކޮށްދެއްވުމުގެ ގޮތުން މީގެ ކުރިން ވެސް ޑޯޓުޑޯ ކެމްޕޭންތައް ކުރިއަށް ގެންދަވައިފައެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝަހީމު ވިދާޅުވީ މާލޭ ރައްޔިތުން ވަނީ އެ ރައްޔިތުންގެ ހާލަތު ބަދަލުކުރުމުގެ ފުރުސަތު ވަރަށް ގިނަ ވެރިންނަށް ދީފައި ކަމަށެވެ. ނަމަވެސް 50 އަހަރު ވަންދެން މާލޭ ރައްޔިތުން ދިރިއުޅުނު ދަތި ހާލަތަށް ހައްލެއް ގެނެސްދެއްވީ ރައީސް ސޯލިހު ކަމަށް އޭނާ ވިދާޅުވިއެވެ.
"މާލެއަށް ބޭނުންވާ ހަގީގީ ބިންވެރިކަމާއި ބޯހިޔާވަހިކަން އަދި އަޅުގަނޑުމެން ދަތި ހާލުގައި މި އުޅޭ އުޅުމަށް އެކަށީގެންވާ ލުޔެއް ގެންނާކަށް (ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި) އެއްވެސް ރައީސެއްގެ ވިސްނުންފުޅަކު ނެތް" ޝަހީމް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ރިޔާސީ އިންތިހާބަށް މިފަހުން ށ. އަތޮޅުގެ ރަށްތަކަށް ވެސް ވަޑައިގެންފައެވެ. އެމްޑީޕީގެ ދާއިރާތަކުގެ ރައީސުން ވެސް ގެންދަނީ ރައީސް ސޯލިހަށް ކެމްޕޭން ކޮށްދެއްވުމުގެ ގޮތުން ޑޯޓުޑޯ ކުރިއަށް ގެންގޮސްފައެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ މިއަދު ރައީސް ސޯލިހަށް ކެމްޕޭން ކޮށްދެއްވުމަށް ގދ. ތިނަދުއަށް ވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު