އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ދިނުމުގެ ދައުވާކުރާ އަހްމަދު ކްރިކް ރިޒާއާ ހެދި އެ ޝަރީއަތް މަޑުޖެހިފައިވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، ކުރިކް ރިޒާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާ ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ.
ރިޒާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ގެންދަނީ އިތުރަށް ބަލަން ޖެހޭ ބެލުންތައް ބަލަމުން ކަމަށެވެ. އެއީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒްގެ އޯޑިއޯއެއް ކަމަށް ބުނެ ރިޒާ ހުށަހެޅި ހެއްކެކެވެ.
ޝަފީއު ވިދާޅުވީ، ކުރިކް ރިޒާގެ ބައި ވަކިން ކޯޓުގައި ކުރިއަށްގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ގާނޫނީ ގޮތުން އޮތީ ބަންދުވެފައި ކަމަށެވެ.
"މި މައްސައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށް ވެފައި, މިފަދަ މައްސަލައެއްގައި ދައުވާ ލިބޭ އެކެއްގެ ބައިގައި ދިމާވި ހާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ އާންމު މަސްލަހަތު އޮތް ގޮތް ކަމަށް ނުފެންނާތީ އާއި, އަހުމަދު ކުރިކް ރިޟާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް, އަހުމަދު ކުރިކް ރިޟާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށް ޓަކައި, އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުއްވައިދެއްވުމަށް ވާނީ ދަންނަވާފައެވެ." ޝަފީއު ވިދާޅުވިއެވެ.
ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓު މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މި ހާލަތުގައި އޮތް ދައުވާއެއް އަނބުރާ ގެނެވޭނީ އެކަމަށް ކޯޓުން ހުއްދަ ދީފިނަމަ އެވެ.
ކްރިކް ރިޒާ ބަލިވެ އުޅޭތީ ފުއްގިރި މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުން ފެށިގެން ބޭއްވިފައެއް ނުވެއެވެ.
ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާވެސް ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު