މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކެންސާ ކެއާ ސޮސައިޓީ އޮފް މޯލްޑިވްސްއަށް 100،000 ރުފިޔާ މިއަދު ހަދިޔާކޮށްފިއެވެ.

އެމްއޭސީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެ ފައިސާ ހަދިޔާކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއުއެވެ. އަދި ކެންސާ ކެއާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ފައިސާއާ ހަވާލުވެވަޑައިގެންނެވީ ޓްރެޒަރާ ނީނާ މަންސޫރެވެ.

އެމްއޭސީއެލުން ބުނީ، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއަށް ދިން އެހީއަކީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ދިން އެހީއެއް ކަމަށާއި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.

"ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއަށް އެމްއޭސީއެލުން ކުރާ ހަދިޔާއަކީ ހޭލުންތެރިކުރުމާއި، ސްކްރީނިން ފޯރުކޮށްދިނުމާއި، ކެންސަރާ ގުޅުންހުރި ޑޭޓާގެ ޖުމުލަ މެނޭޖްމަންޓް ރަނގަޅުކުރުމުގައި އެ ސޮސައިޓީން ކުރާ މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެއްޗެއް،" އެމްއޭސީއެލުން ބުންޏެވެ.

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއިން މިހާތަނަށް 20،900 މީހުން ކެންސަރަށް ސްކްރީން ކޮށްފައިވާ ކަމަށާއި އެ ސޮސައިޓީން މިއަހަރު ޕްރޮސްޓޭޓް އަދި ކޮލޮރެކްޓަލް ކެންސަރު ސްކްރީނިން ތައާރަފުކޮށް، އެ ސޮސައިޓީގެ ހިދުމަތް ފުޅާކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.