ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)ގެ މަރުގެ މައްސަލައިގެ ދައުވާ ސާބިތު ނުވެގެން ދޫކޮށްލި ހަތަރު މީހުންގެ އިސްތިއުނާފުގައި، ވަކީލަކު ހަމަޖެއްސުމަށް ތިން ދުވަހުގެ ފުރުސަތެއް ހައިކޯޓުނުް އެމީހުންނަށް ދީފިއެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ކުރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ ގ. ޝާރާޒް މުހައްމަދު މަފާޒު ހުސެއިން ސަލީމާއި ރ. އިންނަމާދޫ/ ސަމަންތާ, ހުސެއިން ޝާމިން އާއި، ގއ. ގެމަނަފުށި/ ހަވާސް, މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން/ ވިދާތަރި, އަލީ ނިފާޒުގެ މައްޗަށެވެ.

މީގެ ތެރެއިން، މަފާޒުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރި އިރު، ދެން ތިބި މީހުންގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ދުވަހު ކުރިިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެހެންކަމުން އެ އެންމެން ވަނީ ދޫކޮށްލައިފައެވެ.

ކުރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ.

މިއަދުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އެ މައްސަލައިގެ އިސްތިއުނާފާއެކު، އެ މައްސަލައިގައި ހިމެނޭ ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމެވެ.

މިއަދުގެ އަޑުއެހުގައި ދައުލަތުން ހައިކޯޓުގައި ބުނީ މިއީ މަރުގެ މައްސަލައަކަށްވާތީ، އިސްތިއުނާފު މަރުހަލާގައި އެ މީހުން ބަންދުން ދޫވެފައި ތިބެއްޖެނަމަ އެ މީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި ނަދީމްގެ މަރުގެ މައްސަލަ ނިމުނު ފަހުން ވެސް، މަފާޒްގެ އެހެން ކުށުގެ ރެކޯޑުތަކެއް ހުރުމާއެކު، ހައިކޯޓުން އިސްތިއުނާފް މަރުހަލާ ނިމެންދެން އެ މީހުން ބަންދުގައި ބޭތިއްބުމުގެ އަމުރަކަށް ދައުލަތުން އެދުނެވެ.

ފަހުން ފެންމަތިވި މައްސަލަތަކަކީ ބަންދުކުރަން ޖެހޭ ބާވަތުގެ މައްސަލަތަކެއްތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރުމުން، ދައުލަތުން ބުނީ މާރާމާރީއެއް ހިންގަން އުޅުމުގެ ތުހުމަތުގައި މިދިޔަ މަހު މަފާޒް ހައްޔަރު ކުރި ނަމަވެސް ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި މަފާޒާއި ޝާމިން އެދުނީ ވަކީލުން އައްޔަން ކުރަން ފަސް ދުވަހުގެ ފުރުސަތެއް ދިނުމަށެވެ.

ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ވަކީލަކު ހަމަޖައްސަން ތިން ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އަދި އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމާނީ ވަކީލުން ހަމަޖައްސަން ދިން ތިން ދުވަހުގެ މުއްދަތަށް ފަހު ކަމަށާއި، އެ މުއްދަތު ހަމަވާއިރު ވަކީލަކު ހަމަނުޖެހުނަސް، ބަންދާ މެދު ގޮތެއް ނިންމާނެ ކަމަށް ބެންޗުން ބުންޏެވެ.

ހައިކޯޓުން މި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަަވަނީ، ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.