މި ސަރުކާރަށް ނިންމުނު ތަރައްގީގެ މަޝްރޫއެއް ނެތް ކަމަށާއި ރާއްޖޭގައި އަދިވެސް ކުރިއަށްދަނީ ނިމިދިޔަ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދަށް ތާއިދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ އުފެއްދި ސިޔާސީ ޕާޓީއެއް ކަމަށްވާ "ދަ ޑިމޮކްރެޓްސް" ހަރުގެ ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވި ވައުދުތައް ބިލާހަކަށް ވެއްޖެ ކަމަށެވެ. ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކަކީ ރައްޔިތުން މަޖިލީހުގެ ކުންފުނިތަކަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފަސްފުނިތަކެއް ޖަހައިފައި ކަމަށާއި ނަމަވެސް އެއްވެސް މަޝްރޫއެއްގެ މަސައްކަތް ނިމިފައިނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

""ރައީސް ޔާމީން ފެއްޓެވި ނަރުދަމާތައް، އޭގެ މަސައްކަތްތައް އަދިވެސް އަދިވެސް އެތައް ރަށެއްގައި ކޮށްޓައިލަ ކޮށްޓައިލަ. ސަރުކާރަށް ގެންގޮސް ނިންމޭ އެއްވެސް މަޝްރޫއެއް މިދިޔަ ފަސް އަހަރު ތެރޭގައި ނުފެނުނު،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން ފުޓްސަލް ދަނޑުތަކެއް އަޅައިފައިވާ ކަމަށާއި އެކަމަށް އިންކާރު ނުކުރެވޭނެ ކަމަށާއި ނަމަވެސް ރައްޔިތުންނަށް ހަގީގަތުގައި ބޭނުންވާ އެއްވެސްކަމެއް ފޯރުކޮށްދެވިފައިނުވާ ކަމަށެވެ.

ރާއްޖޭގެ ވަރިކަމަށް ވަރަށް ގިނަ ރައީސުން އައިސްފައިވާ ކަމަށާއި އެއިން އެއްވެސް ވެރިއަކީ ހުރިހާ ގޮތަކުން ރަނގަޅު ވެރިއެއް ކަމަށް ރައްޔިތުން ގަބޫލުނުކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ދަ ޑިމޮކްރެޓްސް ދަނީ ސިޔާސަތުތަކެއް އެކުލަވައިލަވަމުން ކަމަށާއި އެއީ ރާއްޖެއަށް ބޭނުންވާ އެންމެ ފުރިހަމަ ސިޔާސަތު ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑަށް ފެނުނު މަންޒަރަކީ ޑިމޮކްރެޓުންގެ ފަރާތުން އެބޭފުޅުން އެކުލަވައިލަވަމުން އެދަނީ ސިޔާސަތުތަކެއް، އެންމެ ގޯސް މީހާއަށް ވެސް ރަނގަޅުކަމެއް ނޫނީ ނުކުރެވޭނެ ސިޔާސަތުތަކެއް. އަޅުގަނޑުމެން އުފައްދަން މި ޖެހެނީ ނުރަނގަޅު ވެރިޔާއަށް ވެސް ރަނގަޅުކަމެއް ނޫން ކަމެއް ނުކުރެވޭނެ ނިޒާމެއް، އިންތިޒާމެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހެޔޮ ގޮތެއް ލިބިގެންދާނީ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިގެން ކަމަށާއި އެފަދަ ސިޔާސަތެއް ދަ ޑިމޮކްރެޓުން ގެނެސްދޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މި އިންތިހާބު ކާމިޔާބުނުވާނެކަން އެއީ ޝައްކެއް އޮތްކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.