ށ. ފޯކައިދޫއިން އަލީ ޔާމީން ( ވަން އޮންލައިން)

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވާދަވެރީން މަސައްކަތް ކުރަނީ ފިތުނަ އުފެއްދުމަށް ކަމަށާއި ބޮޑު ތިލަދުންމަތިން ވާދަވެރީން ބޮޑުތަނުން ބަލިކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ފެއްޓުމަށް، މި ރަށުގައި މިހާރު ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، ވާދަވެރިން އުޅެނީ ދައްކާނެ ވާހަކައެއް ނެތިގެން ކަމަށާއި އެ ބޭފުޅުން ވިއްކަނީ ފިތުނަ ކަމަށެވެ.

ޝާހިދު ވިދާޅުވީ ރައީސް މިއަދު ވަޑައިގަތް ކޮމަންޑޫ، މަރޮށި، ނޫމަރާ އަދި މި ރަށުން ވާދަވެރިންނަށް ލިބޭނެ ވޯޓެއް ނެތް ކަމަށެވެ. އަދި ބޮޑުތިލަދުންމަތިންވެސް ބޮޑުތަނުން އެ ބޭފުޅުން ބަލިކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ބޮޑު ތިލަދުންމަތީގެ 40 ރަށާއި އެއް ސިޓީން ބޮޑުތަނުން ވާދަވެރިން ބަލިކޮށްލާނަން. މިކަން ނިމިއްޖެ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޔާމީންގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއް ކަމަށާއި އެ މަގަށް ދާން ދިވެހިން ބޭނުން ނުވާ ކަމަށެވެ. އަދި މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެއެއްް ހޯދައިދިނުމަށް ކަމަށް ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މަސައްކަތް ހުއްޓާނީ ރައީސަށް ދެވަނަ ދައުރެއް ހޯދައިދީފައި ކަމަށެވެ.