ޚަބަރު

މިއަދު މި ފެންނަނީ ފުއްދި ވައުދުތަކުން ސިޔާސީ ހަމަޖެހުމާއި އުފާވެރިކަން ލިބޭ މަންޒަރު: ރައީސް

އަލީ ޔާމިން

ށ. މަރޮށިން އަލީ ޔާމީން (ވަން އޮންލައިން)

މިއަދު ފެންނަމުން އަންނަ މަންޒަރަކީ މި ސަރުކާރުން ފުއްދި ވައުދުތަކުން ސިޔާސީ ހަމަޖެހުން ލިބެމުން އަންނަ މަންޒަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ރަށަށް ވަޑައިގެން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ވަނީ މިރަށުގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ދެ ވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ މިރަށުގެ ބިން ހިއްކައިދެއްވައި ސަރުކާރުގެ ހައުސިން ސްކީމްގެ ތެރެއިން މިރަށުގައި 50 ހައުސިން ޔުނިޓު އިމާރާތްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"މަގު ހަދާ ރަށްރަކުގެ އެންމެ ކުރިއަށް މިރަށުގެ މަގު ހެދުމުގެ މަޝްރޫއު ހިމަނާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި ރަށުގެ ސިއްހީ މައްސަލަ ހައްލުކުރުމަށް މި ރަށުގެ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކޮށް ވަސީލަތްތައް އިތުރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މިރަށުގައި މިއަހަރުގެ ތެރޭގައި އޭޓީއެމްގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ރައްޔިތުން ގޮތް ނިންމަން ޖެހޭ ދުވަސް އަންނާނެ ކަމަށާއި ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ރައްޔިތުން ގޮތް ނިންމާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. މި ރަށުގެ ބޮޑު މެޖޯރިޓީއެއް އެ މަނިކުފާނުގެ ކޯލިޝަނަށް ލިބޭނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު މި ފެންނަނީ ފުއްދި ވައުދުތަކުން ސިޔާސީ ހަމަޖެހުން ލިބޭތަން. އެ ހަމަޖެހުމުން އުފާވެރިކަން ލިބޭ މަންޒަރު" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނާއެކު ކޯލިޝަން ހަދައިގެން ތިބި އެމްޑީއޭއާއި އަދާލަތު ޕާޓީ އެއްކޮށްލުމުން އެއީ މިހާތަނަށް އޮތް އެންމެ ބޮޑު ކޯލިޝަން ކަމަށާއި އަމާޒަކީ އިންތިހާބުގެ ކުރިން ކޯލިޝަންގެ މެންބަރުންގެ އަދަދު 90،000 އިތުރުކުރުން ކަމަށެވެ.