ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ގޯސްކޮށް ދިއުމުގެ ކަންބޮޑުވުންތަކަށް މަޝްވަރާކުރުމަށް ބައެއް ފަރާތްތަކުން އިސް ނަގައިގެން ކުރިއަށްގެންދާ "ސޭވް އެފްއޭއެމް" ކެމްޕޭންގެ ބައްދަލުވުމެއް ރޭ ޝީ ބިލްޑިންގްގައި ބާއްވައިފިއެވެ.

ރޭ ބޭއްވި ބައްދަލުވުމުގައި "ސޭވް އެފްއޭއެމް" ގެ ހަރަކާތް ލީޑު ކުރައްވާފައިވަނީ ކުރީގެ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އިބްރާހިމް އާމިރު (ސަލްސާ އާމިރު) އެވެ. ރޭގެ އިވެންޓުގައި ހާއްސަ ޓީޝާޓުތަކަކާއެކު ކުރީގެ ކުޅުންތެރިންނާއި ފުޓްބޯޅައިގެ ކުރީގެ ބައެއް ހިންގުންތެރިން ތިއްބެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުޅިވަރުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ހާމިދު އަބްދުލް ޣަފޫރާއި ކުރީގެ ކުޅުންތެރިން ކަމަށްވާ ސޮބާހު މުހައްމަދު (ސޮބާ) އާއޮ ގޯލްކީޕަރު މުހައްމަދު ސިނާން (ނާނި) ފަދަ ބޭފުޅުންވެސް ތިއްބެވިއެވެ.

އެއާއެކު ނޫސްވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތަކާއި އާންމުންގެ ތެރެއިން ބައެއް ފަރާތްތައް ވެސް ރޭގެ ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.

ރޭގެ އިވެންޓު ފެށުމުގެ ގޮތުން ވާހަކަދެއްކެވީ އާމިރެވެ. އެ ވާހަކައިގައި ފުޓުބޯޅަ އޮތް ހާލަތުގެ ކޮންމެވެސް ވަރަކަށް ކިޔައިދެއްވާފައިވާ އިރު، އާމިރުގެ ވާހަކައިގައި ފާހަގަކުރެއްވީ ފުޓުބޯޅަ ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ، ހަރުދަނާ ލީގު ފޯމެޓެއް ހޯދަން ޖެހޭ ކަމަށެވެ. އަދި އެއީ އެފްއޭއެމުން ބޭރުން ހޯދެން އޮތް ގޮތެއް ނަމަ، އެގޮތަކަށް އެކަން ކުރަން ވިސްނަން ޖެހޭ ކަމަށްވެސް އާމިރު ފާހަގަކުރެއްވިއެވެ. އެއާއެކު އޭނާ ވިދާޅުވީ މި ހަރަކާތަކީ ވަކި ހިސާބަކުން ހުއްޓާލާނެ ހަރަކާތެއް ނޫން ކަމަށާއި އެއްވެސް މީހަކަށް ނުވިކޭނެ ކަމަށެވެ.

އާމިރު އެހެން ވިދާޅުވީ އާންމު ބައިވެރިންނަށް ހުޅުވާލި ފުރުސަތުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކުރީގެ ޑައިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ ވިދާޅުވި ވާހަކައަކަށް ޖަވާބުދެއްވަމުންނެވެ. އަންވަރު ވިދާޅުވީ 2019 ގެ ތެރޭގައި، "ފުޓްބޯލް ފްރެންޑްސް" ކިޔާ ވައިބާ ގުރޫޕެއްގައި ފުޓްބޯޅަ ބަދަލުކުރަން ޖެހޭކަން ފާހަގަކޮށް ވާހަކަދެއްކި ބައެއް މީހުންނަށް ހުށަހެޅުނު މަގާމުތަކާއެކު އޭރު ދެއްކި ވާހަކަތައް ހިނދިގެން ދިޔަ ކަމަށެވެ. އަދި މިފަހަރު އެހެން ނުވާނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވިއެވެ.

ހިޔާލު ހުށަހެޅުމުގެ ފުރުސަތުތަކުގައި ވާހަކަދެއްކި ފަރާތްތަކުގެ ތެރެއިން ސޮބާ ބުނީ އެފްއޭއެމް ބަދަލުކުރުމުގެ ވާހަކަވެސް ސީދާ ސީދަލަށް ދައްކަން ޖެހޭ ކަމަށާއި، "ބައްސާމަށް އެފްއޭއެމްގެ ޒިންމާ ނުނެގި ބޮއްސުންލައިގެން،" ގޮސްފައިވާ ކަމަށާއި، "އެފްއޭއެމް ބަދަލުކުރަން ޖެހޭ،" ކަމަށެވެ. އަދި ގިނަ ވާހަކަތަކެއް އެކަމުގައި ދައްކަން ނުޖެހޭ ކަމަށަވެސް ސޮބާ ފާހަގަކުރިއެވެ.

ރޭގެ ބައްދަލުވުމުގައި މައިގަނޑު ކަންކަމަށް ވާހަކަދެއްކެވީ ހާމިދު އަބްދުލްޣަފޫރެވެ. ހާމިދު ވަނީ "ސޭވް އެފްއޭއެމް" އުފެދުނު ސަބަބަށްވެސް ވާހަކަ ދައްކަވައިފައެވެ. އެ ކަންކަމުގެ ގޮތުގައި ފާހަގަކުރި ކަންކަމަކީ:

  • ސޭވް އެފްއޭއެމްގެ އުފެދުނީ އެފްއޭއެމް ފެއިލްވުމުން. އެފްއޭ ފެއިލްވި ނަމަވެސް، ބޯޅަ ކުޅުން ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމުގެ މަގުސަދުގައި.
  • އެފެއޭއެމް ފެއިލްވީ ޕްރިމިއާ ދިވެހި ލީގު ނުހިންގި، ރާއްޖޭގެ ބައިނަލްއަގުވާމީ ފެންވަރު ވެއްޓުމުން.
  • މިހާތަނަށް ދިވެހި ޕްރިމިއާ ލީގު ހިންގީ އެފްއޭއެމުން ހައުސް މުބާރާތެއްގެ ގޮތުގައި ނަމަވެސް، އެފްއޭއެމްގެ ދަރަނި ބޮޑުވެ، މުސާރަ ނުދެވުމުން ކުޅުންތެރިންނަށް "އޮޕޮޗިއުނިޓީ ކޮސްޓް" ގެއްލޭތީ.
  • މޮޅު ކުޅުންތެރިން އުފައްދަން ލީގު ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދަން ޖެހޭ، އަދި ލީގު ތަރައްގީ ކުރެވި ޕްރޮފެޝަނަލް ވާން ޖެހޭ. ސޭވް އެފްއޭއެމްގެ ބޭނުމަކީ ލީގަށް ގޮތެއް ހޯދުން.
  • އެހެން ބަޔަކު ލީގު ހިންގުމަށް ހޯދުމަށް ވިސްނުން.
  • އެކަމަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމަށް ވަކާލާތު ކުރުމަކީ ސޭވް އެފްއޭއެމުން ކުރާނެ ކަންތައް.

ލީގު ހިންގުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހާމިދު ފާހަގަކުރެއްވީ މި ޒަމާނުގައި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް، އަދި މި ސަރަހައްދުގެ ގައުމުތަކުގައިވެސް ލީގު ހިންގަމުންދަނީ އައުޓްސޯސް ކޮށްގެން، ގާބިލު ފަރާތްތަކަށް ހަވާލުކޮށްގެން ކަމަށެވެ. އެފްއޭއެމްއަށް ލީގު ހިންގަން 35 މިލިއަން ރުފިޔާ ލިބި މެނޭޖުނުކުރެވި ދާ ދިއުމަށް ހައްލު ހޯދަން ރަނގަޅު ސްޕޯޓްސް މެނޭޖުމަންޓް ކުންފުންޏަކުން ލީގު ހިންގަން ޖެހޭ ކަމަށެވެ. އަދި އޭރުން އެފްއޭގެ އެތެރޭގެ މައްސަލަތަކުގެ އަސަރު ލީގަށް ނުކުރާނެ ކަމަށްވެސް ހާމިދު ފާހަގަކުރެއްވިއެވެ.

ހާމިދު ވިދާޅުވީ އެކަމަށް ސަރުކާރުގެ ސިޔާތު އަނބުރަން ޖެހޭ ކަމަށާއި، "ސޭވް އެފްއޭއެމް" އިން އެކަމަށް ވަކާލާތު ކުރާނެ ކަމަށެވެ.

އޭގެ އިތުރުން ހާމިދު ފާހަގަކުރެއްވީ ރަނގަޅު ލީގަކަށް ވަސީލަތްތައް ރާއްޖޭގައި އެބަހުރި ކަމަށާއި، މެނޭޖު ނުކުރެވި އަތޮޅު ތެރެއަށްވެސް ލީގެއް ނުހިންގެނީ "މިސް މެނޭޖް" ކުރެވުމުން ކަމަށެވެ. 35 މިލިއަން ރުފިޔާގެ ބަޖެޓެއް ލީގަށް އެބައޮތް ކަމަށް ފާހަގަކުރައްވައި ހާމިދު ވިދާޅުވީ ބޮޑު ލީގަކަށް ބޭނުންވާ ދަނޑުތައް އެބަހުރި ކަމަށާއި، ލައިވް ކުރަން ޗެނަލެއް އެބައޮތް ކަމަށާއި، އުވާލަން އުޅުނު ނަމަވެސް، އަދި އުވާނުލައި އޮތް ސްޕޯޓްސް ކޯޕަރޭޝަނެއްވެސް ލީގު މެނޭޖުކުރަން އެބައޮތް ކަމަށެވެ.

އޭގެ އިތުރުން 80 އަށްވުރެ ގިނަ ކްލަބުތައްވެސް ރާއްޖޭގައި އޮތް އިރު، ދަތުރުފަތުރުގެ ނިޒާމުވެސް އޮތީ އުނދަގޫކޮށް ނޫން ކަމަށް ހާމިދު ރޭ ފާހަގަކުރެއްވިއެވެ.

ރޭގެ އިވެންޓު ނިންމާލީ "ސޭވް އެފްއޭއެމް" ކެމްޕޭނަށް އާމިރަށް ލަފާދޭން ހާއްސަ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައިފައެވެ. އެއީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ.