ފުކުޝީމާއިން ނިއުކްލިއާ ފެން، ކަނޑަށް އެޅުމަށް ތައްޔާރުވުމާއެކު ޗައިނާއިން ޖަޕާނުގެ އުފެއްދުންތައް މަނާކުރަން ނިންމައިފިއެވެ.

ޗައިނާ އިން ވަނީ ފުކުޝިމާ މައްސަލައިގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށް ޖަޕާނުގައި އުފައްދާ ކާބޯތަކެތީގެ ބައެެއް ބާވާތްތައް އެގައުމަށް އެތެރެކުރުން ހުއްޓުވައިފައެވެ.

ޖަޕާނުގެ އެހެން ސަރަހައްދުތަކުން ޗައިނާއަށް ކާބޯތަކެތި އެތެރެކުރާ ނަމަ، ހުރިހާ މުދަލެއް ރޭޑިއޭޝަން ޓެސްޓު ހެދުމަށް ޗައިނާ އިން ވަނީ ނިންމައިފައެވެ.

ދެކުނު ކޮރެއާއިން ވެސް ޖަޕާނުގެ ބައެއް ކާބޯތަކެތީގެ ސާމާނު އެތެރެކުރުން ހުއްޓުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގައުމުން ވަނީ އެކަމުގެ އިތުރު މައުލޫމާތު ދޭނެ ކަމަށް ވެސް ބުނެފައެވެ.

ފުކުޝީމާއިން ނިއުކްލިއާ ފެން، ކަނޑަށް އެޅުމުގެ ހުއްދަ އދ.ގެ ނިއުކުލިއާ ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީން (އައިއޭއީއޭ) އިން ވަނީ ދީފައެވެ.

އައިއޭއީއޭ އިން ވަނީ ފުކުޝީމާއިން އުކާލަން ނިންމާފައިވާ ފެނަކީ ބައިނަލްއަގުވާމީ ސްޑޭންޑަޑަށް ފެތޭ ފެނެއް ކަމަށާއި އެކަމުގައި ނުރައްކަލެއް ނެތް ކަމަށް ބުނެފައެވެ. އެ ފެނުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ބުނެފައިވީ ނަމަވެސް، އެ ހިސާބުގެ މަސްވެރިންނާއި އާންމުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.