އިންޓަ މިލާނަށް ކުޅެމުން އަންނަ ކެމަރޫންގެ ގޯލްކީޕަރު އަންދްރޭ އޮނާނާ ގެންދަން މެންޗެސްޓާ ޔުނައިޓެޑަށް ބޮޑު ފުރުސަތެއް އެބަ އޮތް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޔުނައިޓެޑުން ގޯލްކީޕަރެއް ހޯދުމަށް މަސައްކަތް ކުރަމުންދާ އިރު، ޑޭވިޑް ޑެ ހެއާ އާއެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން އާ ކުރަން ކުރަމުން އަންނަ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ. ހާއްސަކޮށް ކޯޗު އެރިކް ޓެން ހާގު މިހާރު ޑެ ހެއާ މަޑުކުރުވަން ބޭނުން ނުވާ ކަމަށްވެސް ނޫސްތައް ބުނެއެވެ. އަދި ޓެން ހާގު އެންމެ ބޮޑަށް ބޭނުންވަނީ އޮނާނާ ގެންދަން ކަމަށްވެސް ހަބަރުތައް ޔަގީން ކޮށްދީފައިވެއެވެ.

ޔުނައިޓެޑްގެ ލެޖެންޑަރީ ގޯލްކީޕަރު ޑެ ހެއާ އާއެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުން މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާ އިރު، އެއްބަސްވުން އާ ކުރަން ހުށަހެޅި ޕްރޮޕޯސަލްއަށް ދެ ފަރާތަށް އެއްބަސްވެވިފައެއް ނުވެއެވެ. އެހެންކަމުން ޑެ ހެއާ މި ވަގުތު ހުރީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ.

ޔުނައިޓެޑުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އިންޓަ މިލާންގެ އޮނާނާއަކީ މިދިޔަ ސީޒަނުގައި އެންމެ ތަފާތު އެއް ގޯލްކީޕަރެވެ. އުމުރުން 27 އަހަރުގެ އޮނާނާ ވަނީ ސެރެއާ އޭގައި ކުޅުނު 24 މެޗުގައި އަށް ކްލީންޝީޓް ދަމަހައްޓައިފައެވެ. އަދި އިންޓައިން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިޔަ ދިޔުމުގައި އޮނާނާ ވަނީ 13 މެޗުން އަށް ކްލީންޝީޓް ދަމަހައްޓައިފައެވެ.

އޮނާނާ އިންޓައަށް ބަދަލުވުމުގެ ކުރިން އަޔެކްސްގައި ކުޅެފައިވާ އިރު، އޭރު އަޔެކްސްގެ ކޯޗަކީ ޓެން ހާގެވެ. ޓެން ހާގަކީ އަބަދުވެސް އޮނާނާއަށް ސަޕޯޓްކުރާ ކޯޗެއްގެ ގޮތުގައި ފާހަގަވެފައިވާ އިރު، ޓެން ހާގު ޑެހެއާ ބޭނުން ނުވާ އެއް ސަބަބަކީ ފަހަތުން ކުޅޭ ކުޅުންތަކުގައި ގޯސްތައް ހަދާތީ ކަމަށް ހަބަރުތައް ބުނެއެވެ.

ޔުނައިޓެޑަށް އޮނާނާ ގެންދަން އުނދަގޫތަކެއް އޮތީ އެ ޓީމަށް ފައިނޭންޝިއަލް ފެއާ ޕްލޭގެ ސަބަބުން މާބޮޑަށް ހަރަދު ކުރެވެން ނެތުމުންނެވެ. އަދި އޭގެ އިތުރުން ކްލަބު އޯނާޝިޕްގެ ކަންތަކުގައި އަދި ގޮތެއް ނުނިމި އޮތުންވެސް އެއީ އޮނާނާއަށް އިންޓައިން ދޭން ބުނާ ސީދާ އަގު ދޭން ޔުނައިޓެޑަށް އޮތް އުނދަގުލެކެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޔުނައިޓެޑުން އޮނާނާ ގެންދަން ބޭނުންވާ ނަމަ، 80 މިލިއަން ޕައުންޑަށްވުރެ ބޮޑުކޮށް ހަރަދުކުރަން ޖެހޭނެއެވެ.