މިއަހަރުގެވެސް އެންމެ ބޮޑު ޓާގެޓަކީ ސެޕްޓެމްބަރު މަހު ފަށަން އޮތް އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި ރާއްޖެ ތަމްސީލުކޮށް، ރަނގަޅު ނަތީޖާއެއް ނެރުން ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ބުނެފިއެވެ.
މާޒިޔާއިން ރާއްޖޭގެ ޑޮމެސްޓިކް ފުޓްބޯޅަ ޑޮމިނޭޓް ކުރަމުންދާތާ އަހަރުތަކެއް ވެފައިވާ އިރު، އެ ކްލަބަށް އަދިވެސް އެންމެ ރަނގަޅު ނަތީޖާއެއް ނުނެރެވި އޮތީ އޭއެފްސީ ކަޕްގައެވެ. އެ މުބާރާތުގައި ވާދަވެރި މެޗުތަކެއް މާޒިޔާގެ ފަރާތުން ފެނިގެން ގޮސް، ސަރަހައްދީ ބޮޑެތި ކްލަބުތައް ކައިރީ އެ ޓީމުން ވާދަކޮށްފައިވީ ނަމަވެސް، އަދިވެސް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވޭ ގޮތެއް ނުވެއެވެ.
މާޒިޔާގެ އާ ކޯޗު ބުރާސްފަތި ދުވަހު އިއުލާންކޮށްފައިވާ އިރު، އެ ކްލަބާއެކު މި ސީޒަން ފެށި ކޯޗު އިވާން ވެންކޯވް ކޮލޭވް އާއެކު ވެފައިވާ އެއްބަސްވުން ދެ ފަރާތް އެއްބަސްވެ އުވާލީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. އާ ކޯޗު އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކްލަބުގެ މީޑިއާ އޮފިޝަލް އަދި ބޯޑު މެމްބަރު ހަސަން ޝިފާން ވިދާޅުވީ އޭއެފްސީ ކަޕްގައި މާޒިޔާ ނުކުންނަނީ އަބަދުވެސް ރާއްޖެ ތަމްސީލުކުރަން ކަމަށާއި، އެއްބާރުލުން އަބަދުވެސް ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެން ކޯޗުވެސް ފާހަގަކުރިހެން އޭއެފްސީ ކަޕަށް މި ނުކުންނަނީ ހަމައެކަނި މާޒިޔާ ތަމްސީލުކުރާކަށް ނޫން. އަޅުގަނޑުމެން ތަމްސީލުކުރަނީ ހަމަ ދިވެހިރާއްޖެ. އަދި އަމުދުން މިހާރު އޮތް އޭއެފްސީ ކަޕް ފޯމެޓުގައި ގްރޫޕް ސްޓޭޖުގައި ސާފް ގައުމުތަކުގެ ވާދަވެރިކަން ބޮޑުވާނެ. އަބަދުވެސް ޓާގެޓަކީ އޭއެފްސީ ކަޕުން ރާއްޖެއަށް ރަނގަޅު ކާމިޔާބީއެއް ހޯދައިދިނުން. އެކަމުން ކުރިއަށް ދިއުމަށް ސަރުކާރުން ދަނީ އެއްބާރުލުން ލިބެމުން،" ޝިފާން ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ކޮންމެ އަހަރެއްގައިވެސް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ކުޅެމުންދަނީ މާޒިޔާ ކަމަށްވާ އިރު، އެ ކްލަބަށް ޔޫތު މިނިސްޓްރީން އަހަރުން އަހަރަށް މާލީ އެހީތެރިކަންވެސް ވަނީ ފޯރުކޮށްދީފައެވެ. މި ސީޒަން ފެށުމުގެ ކުރިން ބައެއް ކްލަބުތަކުން އެކަން މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވެސް ވެއެވެ. ހާއްސަކޮށް މިދިޔަ ދުވަސްތަކުގައި އެހެން ކްލަބުތަކަށް މާލީ ގޮންޖެހުންތަކާ ކުރިމަތިވެފައިވާތީ، އެ މައްސަލަ ބައެއް ކްލަބުތަކުން ވަނީ ވަރަށް ބޮޑުކޮށް ނަގައިފައެވެ.
މާޒިޔާގެ ފަރާތުން ބުނީ ސަރުކާރުގެ މާލީ އެހީތެރިކަމަށް އެ ކްލަބުން އަބަދުވެސް ޝުކުރު އަދާކުރާ ކަމަށާއި، މިފަހަރު ދޭން ޖެހޭ މާލީ ފައިސާ އެއްކޮށް ނުދެވި އޮތުމުން އެކަމުން ބައެއް ދަތިތައްވެސް ހުރި ކަމަށެވެ.
"ދެން 2020 ފެށިގެން އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖަށް ދާ ޓީމަށް މިނިސްޓްރީ ފަރާތުން ދިޔައީ މާލީ އެހީތެރިކަން ދެމުން. އެކަން ވަރަށް ބޮޑަށް ބަލައިގެނެ، މިނިސްޓްރަށް ޝުކުރުވެސް އާދަކުރަން. އެހެން ނަމަވެސް މިއަހަރު އަދި މިހާތަނަށް އެ ފައިސާ ލިބިފައެއް ނުވޭ. އޭއެފްސީ ކަޕަށް މިހާރު އޮތީވެސް ދޮޅު މަހެއް، ދެ މަހެއް ވަރު. އަޅުގަނޑުމެން އެދެނީ ގައުމީ ކަމެއްގެ ގޮތުގައި ބަލައިގެން އެހީތެރިވެދިނުން،" އޭއެފްސީ ކަޕަށް މާޒިޔާއިން ވަމުންދާ ތައްޔާރީތަކާއި ހުރި ގޮންޖެހުންތަކަށް ޝިފާން ވިދާޅުވިއެވެ.
މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު ވިދާޅުވީ މާޒިޔާއިން އަބަދުވެސް ވިސްނަނީ ދިވެހި ފުޓުބޯޅައިގެ ކުރިއެރުމަށް ކަމަށާއި، އެކަން އެކަނި ނުކުރެވޭނެ ކަމަށެވެ.
"މާޒިޔާއިން މިހާރުވެސް މި ވިސްނަނީ ފުޓުބޯޅައަށް ރަނގަޅު ކުރިއެރުމެއް ގެނެވޭތޯ. މީގައި ހުރިހާ ކްލަބުތަކެއްވެސް ރަނގަޅުކޮށްގެން ކަންނޭނގެ އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ. މިހާރު މި ވިސްނަނީ އޭއެފްސީއަށް. ދެން އެކަމަށް ހުރިހާ ފަރާތްތަކަކުންވެސް އެއްބާރުލުން ލިބެން ޖެހޭ. އެއްބާރުލުން ލިބޭ ފަރާތްތަކުން ލިބެމުންވެސް ދޭ. އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ނަމަ، މާޒިޔާ އެކަނި މި ހުރިހާ ކަމެއް ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން،" ސާޖިދު ފާހަގަކުރެއްވިއެވެ.
މާޒިޔާއަކީ މި ފަހަކަށް އައިސް ރާއްޖޭގައި ހިންގަމުން އަންނަ އެންމެ ހަރުދަނާ ކްލަބެވެ. އެ ކްލަބުގެ ކުޅުންތެރިންނަށް ބަރާބަރަށް މުސާރަދެމުން އަންނަ އިރު، މިހާރު ދިވެހި ފުޓުބޯޅަ އޮތް ހާލަތުން އެކަން އެގޮތަށް ކުރަމުންދާ އޮތީ ދެތިން ކްލަބެކެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު