މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ އޭއެފްސީ ކަޕްގައި ނަތީޖާ ނެރުންކަން އެނގޭ ކަމަށާއި މަގާމާ ހަވާލުވީ އެކަން ކުރުމަށް ކަމަށް އަލަށް ކްލަބާ ހަވާލުވި މިލޮމީރު ސެސްލީޖާ (މިލޯ) ބުނެފިއެވެ.
މާޒިޔާގެ އާ ކޯޗު އިއްޔެ ގައުމީ ދަނޑުގައި އިއުލާންކޮށްފައިވާ އިރު، އެ ކްލަބާ އެކު މި ސީޒަން ފެށި ކޯޗު، އިވާން ވެންކޯވް ކޮލޭވް އާއެކު ވެފައިވާ އެއްބަސްވުން ދެ ފަރާތް އެއްބަސްވެ އުވާލީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. މި ސީޒަނަށް ތައްޔާރުވާން މާޒިޔާއިން ގެނައި ކޯޗު އިވާން ވަނީ އެ ކްލަބާއެކު ޗެރިޓީ ޝީލްޑް އުފުލާލުމުގެ އިތުރުން ޕްރެސިޑެންޓްސް ކަޕްވެސް ކާމިޔާބުކޮށްފައެވެ.
މާޒިޔާ މި ސީޒަނަށް ވަރުގަދަކޮށް ނުކުމެ، މިހާތަނަށް ކާމިޔާބީތަކެއް ހޯދި ނަމަވެސް، އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
"އަހަރެން ވަރަށް ބޮޑަށް ފަހުރުވެރިވޭ މާޒިޔާގެ ކޯޗުކަމާ ހަވާލުވުމުން. އަހަންނަށް މިއީ ރާއްޖޭގެ އެންމެ މޮޅު އެންމެ ވަރުގަދަ ޓީމު. މިއީ ރަނގަޅު ފުރުސަތަކާ އެކު ހަވާލުވެވޭ ޒިންމާއެއް. މި ޓީމު މިހާރަށްވުރެ ރަނގަޅު ކުރުން އެއީ އަހަރެން ކުރަން ޖެހޭނެ މަސައްކަތަކީ. މާޒިޔާގެ އޮފިޝަލުންނާއި ވެރިންވެސް ބޭނުންވަނީ އެ ގޮތް. މިއީ ކޮންމެ ކޮންމެ ޓީމެއް ނޫން. މިއީ އޭއެފްސީ ކަޕްގައިވެސް ރާއްޖެ ތަމްސީލުކުރާ ޓީމު. އެއީ އަހަރެމެންނަށް ފުރުސަތެއް. އަހަރެން ސާބިތުކޮށްދޭން ބޭނުންވަނީ އަހަރެންގެ މޮޅުކަމެއް ނޫން. އަހަރެން ސާބިތު ކޮށްދޭން ބޭނުންވަނީ މާޒިޔާ ކުޅުންތެރިންނަށް މިއަދަށްވުރެ ރަނގަޅަށް ކުޅެވޭނެކަން،" އުމުރުން 58 އަހަރުގެ މިލޯ އިއްޔެ ބުންޏެވެ.
މާޒިޔާއިން ރާއްޖޭގެ ޑޮމެސްޓިކް ފުޓްބޯޅަ ޑޮމިނޭޓް ކުރަމުންދާތާ އަހަރުތަކެއް ވެފައިވާ އިރު، އެ ކްލަބަށް އަދިވެސް އެންމެ ރަނގަޅު ނަތީޖާއެއް ނުނެރެވި އޮތީ އޭއެފްސީ ކަޕްގައެވެ. އެ މުބާރާތުގައި ވާދަވެރި މެޗުތަކެއް މާޒިޔާގެ ފަރާތުން ފެނިގެން ގޮސް، ސަރަހައްދީ ބޮޑެތި ކްލަބުތައް ކައިރީ އެ ޓީމުން ވާދަކޮށްފައިވާ ނަމަވެސް އަދިވެސް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވޭ ގޮތެއް ނުވެއެވެ. އެހެންކަމުން ކްލަބަށް އެންމެ ބޮޑަށް ބޭނުންވާ ނަތީޖާއަކީ އޭޝިއަން ކަޕްގެ ނަތީޖާއެކެވެ. އެކަމާ ގުޅިގެން އިއްޔެ މިލޯ ބުނީ، މަގާމާ ހަވާލުވީ އެ ނަތީޖާ ހޯދުމަށް ކަމަށެވެ.
"އަހަރެން މި މަގާމަށް އައީ އޭޝިއާގައި ނަތީޖާ ނެރެން. އެއީ އަހަރެމެން މި ތަމްސީލު ކުރަނީ މުޅި ރާއްޖެ ކަމަށްވާތީ. އެކުގައި ކުރަން އޮތް މަސައްކަތެއް އެއީ. މި ކްލަބުގައި ކުޅެމުންދާ ކުޅުންތެރިންނަށް ބޭނުންވަނީ ރަނގަޅަށް އެ ކުޅުންތެރިންނާ އެކު މަސައްކަތް ކުރާ ޓީމެއް. ރާއްޖޭގެ ޓީމުން ފެނުނީ ރަނގަޅު ކެރެކްޓާއެއް ބިނާކުރާނެ ކޯޗެއް. ބިދޭސީ ކުޅުންތެރިންވެސް ފުލްކޮށް ބޭނުންވާނެ. މިހާރު ބިދޭސީ ތިން ކުޅުންތެރިން ތިއްބަސް ފަސް ކުޅުންތެރިން ހަމަކުރަން ޖެހޭނެ. ބޭރުން ގެންނަ ކުޅުންތެރިން ވާން ޖެހޭނެ މޮޅުވާން ބޭނުންވެގެން ކުޅޭ ކުޅުންތެރިންނަށް،" މިލޯ ބުންޏެވެ.
އިއްޔެގެ ޕްރެސްގައި ކޯޗު މިލޯ ބުނީ ސީޒަނެއްގެ މެދުތެރެއިން ޓީމާ ހަވާލުވުމަކީ ޗެލެންޖިން ކަމެއް ކަމެއް ނަމަވެސް، ތަޖުރިބާގެ ބޭނުންވެސްކޮށް ދެން ކުރަން ޖެހޭނެކަމަކީ އެންމެ ފުރިހަމައަށް ކުރެވެން އޮތް ވަރެއް ކުރުން ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުގައި މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ހިމެނިގެން ދާދިފަހުން މުބާރާތެއް ނިންމާލިތަން ފެނުނު ކަމަށާއި ޕޮޓެންޝަލް ހުރި ޓީމަކަށް ނަތީޖާ ނުނެރެވި ދިޔަތަން ފެނުނު ކަމަށްވެސް މިލޯ ފާހަގަކުރިއެވެ.
މިލޯ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ފުޓުބޯޅަ ކުޅުމަށް އެންމެ މުހިންމީ "މައިންޑް" އެވެ. ވިސްނުން ރަނގަޅަށް ތަމްރީނު ކޮށްގެން ނޫނީ ދަނޑުމަތީގައި ނިންމާ ނިންމުންތައް ރަނގަޅު ނުކުރެވޭނެ ކަމަށްވެސް ކުރިން އިންޑޮނޭޝިއާއާއި މެލޭޝިއާ ފަދަ ގައުމުތަކުގައި ކޯޗިން މަސައްކަތްތައް ކުރި މިލޯ ބުންޏެވެ.
މާޒިޔާގައި އޮތް ވަރުގަދަ ސްކޮޑުގެ ސަބަބުން، އެއީ ޕްރެޝަރެއްތޯ ސުވާލުކުރުމުން މިލޯ ބުނީ ޕްރެޝަރެއް ނެތުމަކީވެސް މައްސަލައެއް ކަމަށެވެ.
"މިއީ އަހަރެން ހިޔާރުކުރި ސްކޮޑެއް ނޫން ނަމަވެސް ސްކޮޑު ރަނގަޅު ކުރެވޭނެ. ޕްރެޝަރު އޮތުމަކީ މައްސަލައެއް ނޫން. ހަޔާތުގައި ޕްރެޝަރު ނެތުންވެސް އެއީ މައްސަލައެއް. މިއީ ފުޓުބޯޅަ، ފުޓުބޯޅައިގައި މޮޅުވުމަށް ޕްރެޝަރު އޮންނާނެ. ނަތީޖާ ނުކުންނާނެ ގޮތެއް ނޭނގޭތީ އޮންނަ ޕްރެޝަރުވެސް އޮންނާނެ. އެހެންވީމަ އެކަމަށް ޖެހޭނީ ތަމްރީނުވާން،" އިންޑޮނޭޝިއާގެ އަރެމާ އެފްސީއާއެކު އެގައުމުގެ ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރި މިލޯ ބުންޏެވެ.
މިލޯ އިތުރަށް ބުނީ ރާއްޖޭގައި އޮންނަނީ ސެމީ ޕްރޮފެޝަނަލް ލީގެއްކަން އެނގޭ ކަމަށާއި އެކަމުގެ ޗެލެންޖުތައް އޮތް ނަމަވެސް އެއީ "އެކްސްކިއުސް"އެއްގެ ގޮތުގައި ބޭނުންކުރަން ނުޖެހޭނެ ކަމަށެވެ. ބަހަނާއެއް ދައްކަން ބޭނުންވާ މީހުންނަށް އަބަދުވެސް ބަހަނާއެއް އޮންނާނެ ކަމަށް މިލޯ ބުނެފައިވާ އިރު، އޭނާ ބުނީ އެއްވެސް ކަމަކަށް ބަހަނާއެއް ނުދައްކާ ނަތީޖާ ނެރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު