އަންނަ މަހު ދެކުނުގެ ތިން އަތޮޅު އާރްޓީއެލް ހައި ސްޕީޑް ފެރީ ނިޒާމުން ގުޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މުޅި ރާއްޖެ ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ހުވަދު އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ދިނުމަށް ބޭނުންވާ ލޯންޗުތައް އިއްޔެ ވަނީ އެ އަތޮޅަށް ފުރުވާލައިފައެވެ. ހުވަދު އަތޮޅުގައި އެ ހިދުމަތް ފަށަން ނިންމާފައިވަނީ އަންނަ ހަފުތާގައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އާރުޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ތިން ފޭސްއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އެމްޓީސީސީން މިހާރު އަންނަނީ ހަތަރު ފެރީގެ ހިދުމަތް ދެމުންނެވެ. އެއީ ހދ. ހއ. ށ. އަދި ޅ. އަތޮޅެވެ.

ހުވަދު އަތޮޅުގައި ފެރީގެ ހިދުމަށް ފެށުމަށް ބޭނުންވާ ފެރީތައް ފުރުވާލުމަށް އިއްޔެ ހުޅުމާލެ ފެރީ ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ އޮގަސްޓް މަސްތެރޭގައި އައްޑޫ، ފުވައްމުލަށް އަދި ހުވަދު އަތޮޅު ފެރީ ނިޒާމުން ގުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޮގަސްޓުގެ ނިޔަލަށް އެކަން ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ވަރަށް އުއްމީދު އެބަ އޮތް އޮގަސްޓު މަސް ނިމުމުގެ ކުރިން އައްޑޫ، ފުވައްމުލަށް، ހުވަދު އަތޮޅު ގުޅުވާލެވޭނެ ކަމުގެ، އެ މަސައްކަތްވެސް އަޅުގަނޑުމެން ކުރަމުން މިހާރު މިދަނީ. އިރާދަކުރެއްވިއްޔާ އޮގަސްޓް ނިމުމުގެ ކުރިން އެ ތިން އަތޮޅު ގުޅިގެންދާނެ،" އާޒިމް ވިދާޅުވިއެވެ.

މި އަހަރުގެ މެދު ތެރޭގައި ހުވަދޫ އަތޮޅުގައި އާރްޓީއެލް ހިދުމަތް ފަށާނެ ކަމަށާއި ހުވަދު އަތޮޅަށްފަހު ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގައި އެ ހިދުމަތް ފެށުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.