ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން އެދިގެން ދައުރުން ބޭރުން، ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، ހުސްވި ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިއުމުން ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ޖަލްސާތަކެއް ބާއްވައި ދިނުމަށް އެމްޑީޕީން ހުށަހެޅީ، ގަވާއިދުވެސް ބުނާ ގޮތުން މަޖިލީހުން ނިންމަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިމެނެއެވެ. އެ ދެ މައްސަލަވެސް ނިންމަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ މުއްދަތު މިހާރު ވަނީ ފާއިތުވެ ގޮސްފައެވެ.
ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތައް ބާއްވައިގެން ތިންކަމެއް ނިންމައި ދިނުމަށް އެމްޑީޕީން ވަނީ ހުށަހަޅައިފައެވެ. އެއީ މަޖިލިސް ރައީސާއި ނާއިބު ރައީސްގެ އިތުބާރުގެ މައްސަލައިގެ އިތުރުން އެމްޑީޕީގެ މަޖިސް މެންބަރުންތަކެއް އެ ޕާޓީން ވަކިވުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން މެންބަރުން ހިމެނިފައިވާ ގޮތަށް އަންނަ ބަދަލު މަޖިލީހުން ފާސްކޮށްދީގެން، މިހާރު ހުއްޓިފައިވާ ކޮމިޓީތަކުގެ މަސައްކަތް ފެށޭނެ ގޮތެއްް ހަމަޖައްސައި ދިނުމާއި މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ގެނައުމެވެ.
މަޖިލިސް ގަވާއިދަށް އިސްލާހު ގެންނަން އެމްޑީޕީން ހުށަހަޅާފައިވަނީ، މަޖިލިސް ރައީސްއާއި ނާއިބު ރައީސްގެ މައްސަލަ އެކުއެކީގައި ހުށަހަޅާފައިވާތީ، އެއިން އެއްވެސް ބޭފުޅަކަށް ޖަލްސާގެ ރިޔާސަތުގައި ނީދެވޭނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވާ މައްސަލައަށް ހައްލެއް ހޯދުމަށެވެ. އެގޮތުން އެ ދެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތަށް އެހެން މެންބަރަކު ގެނެވޭނެ ގޮތް އިސްލާހުގައި ވަނީ ކަނޑައަޅައިފައެވެ.
އެމްޑީޕީން ހުށަހެޅި ކަންތައްތަކުގެ ތެރެއިން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ހަމައެކަނި ޕާޓީތަކުގެ މައްސަލައެވެ. އެއީ އެމްޑީޕީގެ 29 މެންބަރަކު ސޮއިކޮށް ދައުރުން ބޭރުން ޖަލްސާތައް ބާއްވައިދިނުމަށް އެދި ހުށަހެޅުމާ ގުޅިގެން ބޭއްވި ފުރަތަމަ ޖަލްސާގައިވެސް އެޖެންޑާ ކޮށްފައި އޮތް މައްސަލައެވެ.
ނަމަވެސް މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ޖަލްސާ ފެށުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވުމާ ގުޅިގެން، މަޖިލިސް ކޮމިޓީތަކަށް އައި ބަދަލު އަލުން މެންބަރުންނަށް ފޮނުވައި އިސްލާހު ހުށަހަޅަން ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވެ ޖަލްސާ ވަނީ ނިންމާލައިފައެވެ. އެ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަފީފެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު