އެންމެ ރަނގަޅު ގޮތަކީ އެ މަނިކުފާނާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް ރައީސް އަބްދުﷲ ޔާމީންވެސް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވި ވާހަކައަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕުން ރައްދު ދެއްވައިފިއެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމަށް ރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، ޔާމީނަކީ ރާއްޖެއަށް އެތައް ހިދުމަތްތަކެއް ކޮށްދެއްްވާފައިވާ ބޭފުޅެއް ކަމަށާއި އެ މަނިކުފާނު ޖަލުގައި ހުންނަވަން އެދިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދެ މީހުން ވެސް ކުރިމަތި ނުލައި، އަޅުގަނޑުމެން ދެ މީހުން އެކުގައި ބާރަށް މަަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް ހޯދައިދޭންވީ،" ނަޝީދު ވިދާޅުވިއެވެ.
އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު އަމިއްލަފުޅު ހިޔާލު ކަމަށާއި އެ ޕާޓީއަށް އަދި ކެންޑިޑޭޓަކުވެސް ދެއްކިފައި ނެތް ކަމަށެވެ. އަދި ޕީޕީއެމް/ޕީީއެންސީން މާކުރިން ވާނީ ރައީސް ޔާމީން ކެންޑިޑޭޓެއްގެ ގޮތުގައި ނިންމާ ކެމްޕޭންވެސް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދައިދެވޭނެ ކަމަށް އެ ރައްޔިތުން ގަބޫލުކުރަނީ ރައީސް ޔާމީން ވެރިކަމަށް އައިސްގެން ކަމަށެވެ. އަދި އެ ނޫން ލީޑަރަކަށް މި ގައުމު ސަލާމަތް ކުރެވޭނެ ކަމަކަށް ރައްޔިތުން މިއަދަކު ގަބޫލެއް ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ޕީޕީއެމް/ ޕީއެންސީ ކޯލިޝަނާއެކު ޑިމޮކްރެޓްސް އިން މި ފަހަކަށް އައިސް ގިނަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާއިރު، އެ ޕާޓީންވެސް ބުނެފައިވާ ގޮތުގައި އެ މަޝްވަރާތަކަކީ މި ވެރިކަން ބަދަލުކުރުމަށް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދަން ބާއްވާ މަޝްވަރާތަކެކެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް އެރުވި ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ހިންގި ފުއްގިރި މުއާމަލާތަކާ ގުޅިގެން މަނީ ލޯންޑްރިންއާއި ރިޝްވަތުގެ ކުށް ސާބިތުވެ އެ މަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނީ ހައިކޯޓުން އެ ހުކުމް ބާތިލުކޮށްގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު