މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް (އާރްޑީސީ)އާ ގުޅުންހުރި މައްސަލައެއް ބަލަމުންކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ފުލުހުން ވެސް އަންގާފައިނުވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އާރުޑީސީގެ އެކައުންޓަކުން 13 މިލިއަން ރުފިޔާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު އަދި ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އެކަމާ ގުޅިގެން އާރުޑީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ މުއާމަލާތެއް އެއްވެސް އިރެއްގައި އެ ކުންފުނީގެ އެކައުންޓަކުން ހިނގާފައިނުވާނެ ކަމަށެވެ. އޮޑިޓާ ޖެނެރަލް އޮފީހުން ގެންދަނީ ގަވާއިދުން އެ ކުންފުނި އޮޑިޓް ކުރަމުން ކަމަށާއި ކުންފުނީގެ ފައިނޭންޝިއަލް ޕޮލިސީއާ ހިލާފަށް ފައިސާގެ މުއާމަލާތެއް ކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަކޮށްފައިނުވާ ކަމަށެވެ.

"މީގެ އިތުރުން އާރުޑީސީއާ ގުޅުންހުރި ފައިސާގެ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުންދާކަން ނުވަތަ ތަހުގީގުކުރަން ބޭނުންވާކަން މޯލްޑިވްސް މަނިޓަރީ އެތޯރިޓީ (އެމްއެމްއޭ) އާއި ދިވެހި ފުލުހުންގެ ހިދުމަތުން މި ކުންފުންޏަށް އަންގާފައެއް ނުވެއެވެ..،" އާރުޑީސީން ބުންޏެވެ.

އާރުޑީސީން ބުނީ އެ ކުންފުނިން ހަރަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރަނީ ގާނޫނާ އެއްގޮތަށް އަދި ކުންފުނިން އެކަމަށް ހަދާފައިވާ ޕޮލިސީއާ އެއްގޮތަށް ކަމަށެވެ.

"އެހެންކަމުން ފައިސާއަށް ހިޔާނަތްތެރިވުމާއި ބޮޑެތި އަދަދުތަކުން ވައްކަންކޮށް އެއްވެސް މުވައްޒަފެއްގެ އަމިއްލަ އެކައުންޓަކަށް ނުވަތަ އެކައުންޓުތަކަކަށް ކުންފުނީގެ މައި އެކައުންޓުން ފައިސާ ފޮނުވޭނެ އެއްވެސް މަގެއް ނޯންނާނެ،" އާރްޑީސީން ބުންޏެވެ.

ރައްޔިތުން އެ ކުންފުންޏާ ދޭތެރޭ ގޮތް ބަދަލުކުރުމަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ވެސް އާރުޑީސީން ވަނީ އެދިފައެވެ.

އާރުޑީސީއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާކަން ފުލުހުން އަންގާފައިނުވާ ކަމަށް އެ ކުންފުނިން ބުނެފައިވާ އިރު، ރޭގެ ވަގުތެއްގައި މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ ކުންފުންޏާ ގުޅުންހުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން ފުލުހުން ނުބުނެއެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ކުންފުނީގެ ފައިސާ އަމިއްލަ އެކައުންޓުތަކަކަށް ޖަމާކުރި ވާހަކަ ދޮގު ކުރައްވައިފައެވެ.

އޭނާ ވިދާޅުވެފައިވަނީ ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ކަމަށާއި ބޭންކު މެދުވެރިކޮށް އެފަދަ މުއާމަލާތެއް ކޮށްފައިވާ ނަމަ އެކަން ފެންނަން ހުންނާނެ ކަމަށެވެ.