ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގައި ޔާމީންގެ ފަރާތުންނާއި ޔޫސުފް ނައީމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ޖަވާބު ތައްޔާރުކުރުމަށް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދުނު މުއްދަތު އެ ފަރާތަށް ދީފައިވާ ކަމަށް، ހައިކޯޓުގައި އެ މައްސަލަ ކުރިއަށްގެންދާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނަވާ، ފަނޑިޔާރު ހުޒެއިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު މިހެން ވިދާޅުވީ، ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި ދައުލަތުގެ ވަކީލު ޕަބްލިކް ޕްރޮސިކިއުޓާ އީނާ މޫސާ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

މި މައްސަލައިގެ އިސްތިއުނާފުގައި ހައިކޯޓުގައި މިއަދު ކުރިއަށް ދިޔައީ، އިސްތިއުނާފު ކުރި ފަރާތުން ހުށަހެޅި ނުކުތާތަކަށް އިސްތިއުނާފު ރައްދުވާ ފަރާތް ކަމަށްވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޖަވާބު ހުށަހެޅުމެވެ.

އެކަމަށް ދިން ފުރުސަތުގައި ޖަވާބުގައި ހިމެނޭ ނުކުތާތައް ފާހަގަކުރުމުގެ ކުރިން ދައުލަތުގެ ވަކީލު ޕަބްލިކް ޕްރޮސިކިއުޓާ އީނާ މޫސާ ވިދާޅުވީ، މި ބާވަތުގެ މައްސަލަތައް އިސްތިއުނާފުކުރުމަށް އިސްތިއުނާފު ކުރާ ފަރާތަށް އާންމު ގޮތެއްގައި 60 ދުވަސް ލިބުނު ނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބެނީ ނިސްބަތުން މަދު އަދަދެއްގެ ދުވަސްތަކެއް ކަމަށެވެ.

"މި މައްސަލައިގައި އެ ލިބުނު ވަގުތުކޮޅުގެ ތެރޭގައި އިސްތިއުނާފު ޖަވާބު ތައްޔާރުކުރުމަށް ދަތިތަކެއް ފާހަގަކުރަން މި ޖެހެނީ ސުޕްރީމް ކޯޓުގެ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވާސަސް ޕްރޮސިކިއުޓާ ޖެނެރަލް ގަޒިއްޔާގައި، އެ ކޯޓުންވެސް އެކަން ފާހަގަކުރައްވާފައިވާތީ، އެއީ އެއް ވާގިއާއަކާ ގުޅޭ އެއް ނުކުތާއަށްވުރެ ގިނަ ނުކުތާ ތަރުތީބެއް ނެތި އިސްތިއުނާފީ ފޯމުގެ އެތައް މިތަނަށް ވިއްސި ވިހާލިވެފައިވާ ކަމަށް ފާހަގަކުރައްވައި އެއީ މައްސަލަ ދިރާސާކުރުމަށް ދިމާވި ދައްޗެއް ކަމަށް އެ ކޯޓުގެ ފަނޑިޔާރުންވެސް ފާހަގަކުރައްވާފައިވޭ،" ކަމަށްވެސް ވިދާޅުވިއެވެ.

ހައިކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައިގައިވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށާއި އެހެންކަމުން ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކަށް ޖަވާބުގައި ރައްދު ނުދެވިވާ ނަމަ ނުވަތަ ތަފުސީލުކޮށް ޖަވާބު ހުށަހެޅިފައިނުވާ ނަމަ، އެކަމަށް މާފަށް އެދި އެެކަމާ ގުޅޭގޮތުން ޝަރީއަތުގައި ޖަވާބުދާރީ ވުމުގެ ފުރުސަތަކަށް ދައުލަތުގެ ފަރާތުން އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

އީނާގެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރު ހުޒެއިފާ ވިދާޅުވީ، އެ މައްސަލައިގައި ޕީޖީ އޮފީހުން މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅި ސިޓީއެއް ލިބުނު ކަމަށެވެ.

މީގެ އިތުރުން "ހަމަ އެދިފައިވާގޮތަށް މި ކޯޓުން މުއްދަތު އިތުރުކޮށްދީފައިވާ ވާހަކަ ދަންނަވަން،" ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތުގެ ގޮތުގައި، ޕީޖީން 72 ސަފްހާގެ މައްޗަށް އެކުލެވޭ ޖަވާބެއް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިސްތިއުނާފީ ޖަވާބުތަކަށް ބެލުމުން "ހަމަ ތަފްސީލުކޮށް ޖަވާބު ދެއްވާފައިވާކަމަށް މި ބެލެނީ،" ކަމަށްވެސް ވިދާޅުވިއެވެ.