ރ. އުނގޫފާރުން މާލެއަށް ދަތުރުކުރަމުންދިޔަ ފެރީ ލޯންޗެއްގައި ބެޓެރިއެއް ގޮވައި، ހަ މީހަކަށް އަނިޔާވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އުނގޫފާރުން މާލެއަށް 39 މީހުންނާއެކު ދަތުރުކުރި "ކްރިސްޓަލް ސްޕީޑް" ކިޔާ ފެރީ ލޯންޗެއްގައި ބެޓެރިއެއް ގޮވާފައިވާ ކަމަށެވެ.

އެރިޔަދޫ ރިސޯޓު ކައިރިން ހިނގި އެ ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ހަ މީހަކަށް އެހީތެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 4:00 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ އަނިޔާ ލިބުނު މީހުން މިހާރު އެރިޔަދޫ ރިސޯޓު ކުލިނިކަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ލޯންޗު ވެސް މިހާރު އޮތީ އެ ރިސޯޓުގައި ކަމަށެވެ. އެ ހާދިސާގައި އަނިޔާވި މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ދީފައެއް ނުވެއެވެ.