ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓްތައް މަކަރާއި ހީލަތުން އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ވިއްކާފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައާ ގުޅިގެން ހިފަހައްޓައިފައިވާ މަންޑޭގެ ޕާސްޕޯޓު ދޫކޮށްލުމަށް މިއަދު ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި މީޑިއާ އޮފިޝަލް ޝަފީއު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ މަންޑޭގެ ޕާސްޕޯޓް ދޫކޮށްލުމަށް މިއަދު އަމުރުކޮށްފައިވާ ކަމަށާއި އެ އަމުރު އިސްތިއުނާފު ކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓޭނެ ގާނޫނީ އިތުރު ގޮތްތައް ބަލަމުންދާ ކަމަށެވެ.
"ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކޮށްފަ ވަނީ. އެ ނިންމުން އަޅުގަނޑުމެން އިސްތިއުނާފުކުރާނަން. ޕާސްޕޯޓް ހިފެހެއްޓޭނެ އެހެން ގޮތްތައް ބަލަމުން މިދަނީ،" ޝަފީއު ވިދާޅުވިއެވެ.
މަންޑޭގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކުރުމުން ކަންބޮޑުވާކަމަށް ޝަފީއު ވިދާޅުވިއެވެ.
ކުރިމިނަލް ކޯޓުން މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކުރީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުއެވެ.
ކޭ ޕާކުގެ މައްސަލަ ފުލުހަށް ހުށަހެޅީ އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އޭޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު