ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވުމާ ގުޅިގެން، މަޖިލިސް ކޮމިޓީ ތަކަށް އައި ބަދަލު އަލުން މެންބަރުންނަށް ފޮނުވައި އިސްލާހު ހުށަހަޅަން ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާއެކެވެ.

މިއީ އެމްޑީޕީގެ 29 މެންބަރަކު މަޖިލީހުގެ ޖަލްސާތައް ދައުރުން ބޭރުން ބާއްވައިދިނުމަށް އެދި ހުށަހެޅުމާ ގުޅިގެން ބާއްވަން ފެށި މަޖިލިސް ޖަލްސާތަކުގެ ފުރަތަމަ ޖަލްސާއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ، ވިލުފުށީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަފީފް އެވެ.

ޖަލްސާ ފައްޓަވަމުން އަފީފް ވިދާޅުވީ، "މިއަދުގެ ޖަލްސާއަކީ ދައުރުން ބޭރުން ބާއްވާ ހާއްސަ ޖަލްސާއެއް، މި ޖަލްސާއަކީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ 29 މެންބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާތީ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ) ދަށުން ބާއްވާ ޖަލްސާއެއް،" ކަމަށެވެ.

ޖަލްސާ ބާއްވައިދިނުމަށް އެދިވަޑައިގެން މެންބަރުން ހުށަހެޅުއްވި ހުށަހެޅުއްވުމުގައި، އެންމެ ފުރަތަމަ ކަމަކަށް އެދިވަޑައިގެންފައި ވަނީ، މަޖިލިސް މެންބަރުންގެ ތެރެއިން، ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ތަމްސީލު ކުރައްވަން ޖެހޭގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ އެޖެންޑާގައި ހިމެނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެ ގޮތުން މިއަދުގެ ޖަލްސާގައި މަސައްކަތެއްގެ ގޮތުގައި ހިމަނާފައިވަނީވެސް ހަމައެކަނި އެ މައްސަލަ ކަމަށް އަފީފު ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން، ކޮމިޓީތަކަށް މެންބަރުން ކަނޑައަޅައި، މަޖިލީހުން ފާސްކުރަން، މަޖިލިސް ތަޅުމަށް މިހާރު ފޮނުވާފައިވާ ރިޕޯޓުގައި ކޮމިޓީ ތަކުގައި މެންބަރުން ތަމްސީލު ކުރަން ޖެހޭގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށް އަފީފު ވިދާޅުވިއެވެ.

މަޖިލިސް ތަޅުމުގައި މިހާރު އޮތް ރިޕޯޓަކީ ނަޝީދާއި އަހުމަދު ރަޝީދުގެ ކުރިން 12 މަޖިލިސް މެންބަރަކު އެމްޑީޕީން ވަކިވެވަޑައިގެން، އެއީ އަމިއްލަ މެންބަރުންގެ ގޮތުގައި ހަމަޖެހުމާ ގުޅިގެން ކޮމިޓީތަކަށް މެންބަރުން ހަމަޖައްސާފައިވާ ގޮތުގެ ރިޕޯޓެކެވެ.

އަފީފު ވިދާޅުވީ، ރައީސް ނަޝީދާއި އަހުމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން އެމްޑީޕީގެ މެންބަރުންގެ އަދަދު މަދުވެ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން މި ބަދަލާ ގުޅިގެން، ކޮމިޓީތަކަށް މިހާރު އައިސްފައިވާ ބަދަލު އަލުން ޖެހޭނީ މެންބަރުންނަށް ފޮނުވަން ކަމަށެވެ. އެއަށްފަހު އެ ލިސްޓަށް އިސްލާހު ހުށަހަޅަން އަލުން މެންބަރުންނަށް ހުޅުވާލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންކަމުން އެ ރިޕޯޓު މެންބަރުންނަށް، ޝާއިއުކޮށްފަ އެއަށް އަނެއްކާ މެންބަރުން އިސްލާހު ހުށަހެޅުމާ ގުޅިގެން ނޫނީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ،" ކަމަށްވެސް ވިދާޅުވިއެވެ.

މިއައި ބަދަލާއެކު މަޖިލީހުގައި މެންބަރުން ހިމެނިވަޑައިގަންނަވާނީ، އެމްޑީޕީގައި 54 މެންބަރުން، ޕީޕީއެމްގެ ފަސް މެންބަރުން، ޕީއެންސީ އާއި އެމްއެންޕީން ކުރެ ކޮންމެ ޕާޓީއެއްގައި ތިން މެންބަރުން، ޖުމްހޫރީ ޕާޓީ އާއި، އެމްޑީއޭއިން ކުރެ ކޮންމެ ޕާޓީއެއްގައި ދެ މެންބަރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 18 މެންބަރުންނެވެ.

އެހެންކަމުން މަޖިލިސް ޖަލްސާތައް ދެން ކުރިއަށްގެންދެވޭނީ، އެއައި ބަދަލަށް މެންބަރުން އިސްލާހު ހުށަހެޅުއްވުމުން ކަމަށް ވިދާޅުވެ އަފީފު މިއަދުގެ ޖަލްސާ ނިންމަވައިލެއްވީއެވެ.

އަފީފް ޖަލްސާ ނިންމަވައިލެއްވީ، އެމްޑީޕީގެ ބައެއް މެންބަރުން ނިޒާމީ މައްސަލައަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެން ގޮވަމުން ގެންދަވަނިކޮށެވެ.