ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.

މަޖިލީހުން މިއަދު އާންމުކުރި އެކަމުގެ މައުލޫމާތުގައިވާ ގޮތުން މާދަމާގެ ޖަލްސާގައި ހަމައެކަނި ކުރިއަށްގެންދާނެ މަސައްކަތަކީ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރުން ތަމްސީލުކުރައްވާނެ ގޮތް ނިންމުމެވެ.

މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އެ ޖަލްސާއަށްފަހު މަޖިލީހުގެ ދެވަނަ ދައުރުގެ ޗުއްޓީއަށް ދިޔައެވެ. އެ ދައުރުގެ ޖަލްސާ ދަންމާލަން ވެސް ބައެއް މެމްބަރުން ވަނީ ހުށަހަޅައިފައެވެ.

އެހެން ފަހަރުތަކުގައި ދައުރު ނިންމާ ޖަލްސާގައި، އެ ދައުރުގައި މަޖިލީހުން ނިންމި ބިލުތަކާއި ގަރާރުތަކާއި ކުއްލި މައްސަލަތަކާއި ވަޒީރުންނާ ސުވާލު ކުރެވުނު އަދަދާއި އެހެނިހެން މައްސަލަތަކާއި ދައުރުގައި މަޖިލީހުން މަސައްކަތް ނިންމި ޕަސަންޓޭޖްގެ މައުލޫމާތު ދެއްވި ނަމަވެސް މިފަހަރު ނިންމަވައިލައްވަމުން ނަޝީދު ހަމައެކަނި ވިދާޅުވެފައިވަނީ "ދެހާސް ތޭވީސް ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ ނިމުނީ،" ކަމަށެވެ.

މަޖިލިސް ޗުއްޓީއަށް ދިއުމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ދައުރު ނިންމާލާފައިވަނީ ކޮމިޓީތައް އެކުލެވިގެންވާ ގޮތާ ބެހޭގޮތުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

އެހެންކަމުން ދާއިމީ ކޮމިޓީތައް އެކުލަވައިލުމާއި މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމާއި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދަން ދައުރުން ބޭރުން ޖަލްސާތައް ބާއްވައިދިނުމަށް އެދޭ ކަމަށެވެ.