މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލައި އަޅާ ތިލަމާލެ ބުރިޖުގެ މަސައްކަތް ނިމި، އަންނަ އަހަރު ބޭނުންކުރެވޭނެ ކަަމަށާއި އެ ބުރިޖު ގިރާވަރާ ވެސް ގުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސާޅީހަކަށް އަހަރު ފަހުން، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ބިންވެރިޔާ ސްކީމު ހުޅުވައިލީ، މާލޭ ރައްޔިތުންނަށް ހަމަނޭވާ ލެވޭނެ ގޮތެއް ހަދައިދޭން ކަމަށާއި އެ މަޝްރޫއު މުޅިން ފުރިހަމަވާނީ މާލެއިން ތިލަފުއްޓަށް އަޅާ ބްރިޖުން، އެ ސަރަހައްދާއި މާލެއާ ގުޅައިލުމުން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި، އެ ބްރިޖުގެ މަސައްކަތް ވެސް ނިމި ބޭނުންކުރަން ފެށޭނެ. އެއަށްފަހު ދެން ކުރަން އޮތް ކަމަކީ، އެ ބްރިޖު ގޮސް ގިރާވަރާ ގުޅައިލުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަމާޒަކީ ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބެންދެން އެ ލިސްޓު ދެމެހެއްޓުން ކަމަށާއި އެ ފުރުސަތު ދިވެހި ރައްޔިތުން ދީފިނަމަ، އެ މަސައްކަތް ކޮށްވެސް ނިންމާލާނެ ކަމަށާއި އެގޮތުން، މިހާރުވެސް ގެންދަނީ ގުޅިފަޅާއި ގިރާވަރުން އިތުރަށް ގޯތި ދެވޭނީ ކިހިނެއްތޯ ބަލައި، އެ ޕްލޭން ރާވަމުން ކަމަށެވެ.
"މި ފަޅު ހިއްކައިގެން ތަރައްގީކުރާ ބިމުން ބަންޑާރަ ގޯތި ދޫކުރުމުގެ އިތުރުން، ރާއްޖޭގެ އިގުތިސާދީ ތަރައްގީއާ ގުޅިފައިވާ މުހިންމު ދެ ކަމެއް، މި ބިމުގައި ހިނގާނެ. އޭގެ ތެރެއިން އެއް ކަމަކީ، މާލޭގެ ގުރާބުތުނޑި ސަރަހައްދުގައި މިހާރު ހިނގަމުން އަންނަ މާލޭ ވިޔަފާރި ބަނދަރު، ގުޅިފަޅުގައި އަލަށް ގާއިމުކުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ބިންވެރިޔާ މަޝްރޫއަކީ މާލޭ ސަރަހައްދުން ބަންޑާރި ގޯތި ދޫކުރުމަށް ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށާއި ސަރުކާރުގެ އަމާޒަކީ ގުޅިފަޅުން މަދުވެގެން 2،000 ގޯތި ދޫކުރުން ކަމަށެވެ. ގުޅިފަޅު ބިމަށް މި ސަރުކާރުން މިހާރު 42 ހެކްޓަރުގެ ބިމާއެކު 68 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި މިއަދު ފަށާ ގުޅިފަޅު ހިއްކުމުގެ މަޝްރޫއާއެކު 150 ހެކްޓަރުގެ ބިން ގުޅިފަޅަށް އިތުރުވެ، އެ ބިމުން މާލެ ރައްޔިތުންނަށް ގޯތި ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ގިރާވަރު ފަޅުންވެސް 20 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި އެ ފަޅުންވެސް 2،000 ގޯތި ދޫކުރާނެ ކަމަށެވެ. އަދި ހުޅުމާލެއިން 2،200 ގޯތި ދޫކުރާނެ ކަަމަށާއި އެހެންކަމުން ބިންވެރިޔާ ސްކީމުގެ މި ބުރުގައި 6،200 ގޯތި ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު