ޅ. ނައިފަރު ބަނދަރު ތެރޭގައި އަޅާފައި އޮތް ތިން ލޯންޗެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ވަން" އަށް މިއަދު ވިދާޅުވީ، ލޯންޗުތަކުގައި ރޯވެފައި ހުއްޓައި ފެނުނީ ރޭ ފަތިހުގެ ވަގުތު ކަމަށާއި ހާދިސާގައި ތިން ލޯންޗުވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

"އަލިފާން ރޯވި ސީދާ ސަބަބެއް ނޭނގެ. ބޮޑަށް ބެލެވެނީ އެއް ލޯންޗެއްގައި ރޯވެ ދެން ހުރި ލޯންޗުތަަކަށް ފެތުރުނީ ކަމަށް،" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރޯވެފައިވަނީ ތިން މީހެއްގެ ތިން ލޯންޗެއްގައި ކަމަށާއި ރޯވެފައިވަނީ މަތި ހިޔާކޮށްފައިވާ ލޯންޗުތަކެއްގައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.