ގައުމެއްގައި ފުޓްބޯޅަ ކުރިއެރުވުމަށް އެތަނެއްގެ ލީގު ވަރުގަދަވުން ވަރަށް މުހިންމެވެ. ސަރަހައްދީ ފުޓްބޯޅައިގައި ދިވެހިރާއްޖެ އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ނުވަދިހައިގެ އަހަރުތަކާއި ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އެދުވަސްވަރު ދިވެހި ލީގަކީ މި ސަރަހައްދުގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއްލީގެވެ. އެ ލީގުގައި ވާދަކުރަންތިބީ ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ތަނބުތަކެވެ. ނިއުރޭޑިއަންޓާއި ވިކްޓަރީއެވެ. ވެލެންސިއާއެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އެނބުރެމުން ވަރުގަދަވަމުން އައީ މި ދެންނެވި ތަނބުތަކުގެ ވަށައިގެންނެވެ. ލީގުގައި މި ޓީމުތައް އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުކުރާއިރު ދަނޑު އޮންނަނީ ފުރިފައެވެ. މެޗުގެ ކުރިންނާއި އަދި މެޗުގެ ފަހުންވެސް ބޮޑު ވާހަކައަކަށް ވެފައި އޮންނަނީ ބޮޑު މެޗުގެ ވާހަކައެވެ. ދިވެހި ގައުމީ ޓީމު ތަރައްގީވެ ވަރުޖެހެމުން ބައްޓަންވަމުން އައީ މި ފޯރީގެ ތެރޭގައެވެ. އެއީ ކުލަބްތައް ބާރުވެރިވެފައިތިބި ދުވަސްވަރެކެވެ.

އެއީ މާޒީއެވެ. ނިއުރޭޑިއަންޓާއި ވިކްޓަރީ އާއި ވެލެންސިއާ ކަހަލަ ޓީމުތައް މިހާރު ފެންނަނީ ހަމައެކަނި ކަރުދާހުންނެވެ. ލީގު މެޗެއް ބަލަން ދަނޑަށް ވަންނާނެ ބަޔަކު މިހާރު ނެތެވެ. ރާއްޖޭގެ ލީގުގެ ވާހަކަޔާއި ކުލަބުތަކުގެ ވާހަކަ ދައްކާ ބަޔަކުވެސް ނުފެނެއެވެ. ރާއްޖޭގެ ގައުމީ ޓީމު ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތެއް ފެށިގެންގޮސް ނިމޭއިރުވެސް މުބާރާތެއް އޮތްކަން އެނގޭ މީހުން މަދެވެ. މިހާރު މިފެންނަނީ ހަމަކަށަވަރުންވެސް ފުޓްބޯޅަ ހީނަރުވަމުން ބަލިކަށިވަމުންދާ މަންޒަރެވެ. އެކަމާމެދު ސުވާލެއްވެސް ނެތެވެ. މިހިސާބަށްދާން ޖެހުނީ ކީއްވެބާވައެވެ. ދިވެހީންގެ ތެރޭގައި ފުޓްބޯޅައަށް ސަޕޯޓްކުރުން ކުޑަވީބާވައެވެ. ނޫނެކެވެ. ފުޓްބޯޅައަށް ލޯބިކުރުން އެބައޮތެވެ. އެކަމަކު ދިވެހި ފުޓްބޯޅައަށް ތަރުހީބުދިނުން ކުޑަވީއެވެ. ދިވެހިން މިހާރު މަރުދެނީ ބޭރުގެ ފުޓްބޯޅައަށެވެ.

ދިވެހި ފުޓްބޯޅައަށް އޮތް ތަރުހީބު ކުޑަވީ ކީއްވެގެންބާވައެވެ. ސަބަބުތައް ބައިވަރެވެ. އެންމެ ފުރަތަމަ ސަބަބަކީ ދިވެހި ފުޓްބޯޅަ މެނޭޖްކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ފަރާތަށް އެކަން ނުކުރެވުމެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ދިވެހި ފުޓްބޯޅަ މެނޭޖް ނުކުރެވުމެވެ. ބަޔަކު ގަބޫލުކުރިއަސް ނުކުރިއަސް މިއީ ހަގީގަތެކެވެ. މިއަދު ދިވެހިރާއްޖޭގައި އަމިއްލަ ފައިމައްޗަށް ތެދުވެގެން ހަރަކާތްތެރިވާ ކުލަބެއް ނެތެވެ. ބާރުވެރި ކުލަބްތަކެއް ނެތެވެ. އެފަދަ ކުލަބެއް އޮތުމަށް އެފްއޭއެމަކުންވެސް ނޭދެއެވެ. ވަރުގަދަ މިނިވަން ކުލަބުތަކެއް އުފެދުމަކީ އެފްއޭއެމްގެ މެނޭޖްމަންޓަށް ބިރަކަށްވެސް ވަނީއެވެ. ދިވެހި ކުލަބްތަކަކީ މިއަދު އެފްއޭއެމުން ބުނީމާ ބުނިހާގޮތަކަށް ރުހިގެން ތިބެން މަޖްބޫރު ކުލަބުތަކެކެވެ. އެހެންނޫނީ ސީޒަނުގައި އެފްއޭއެމުން ދިއްކޮށްލާ ޚައިރާތުގެ ބައެއް އެކުލަބަކަށް ނުލިބޭނެއެވެ.

މާލީގޮތުން ފުދިގެންއޮތް ކުލަބެއް ނެތެވެ. ފައިސާ ހޯދޭނެ މާގިނަގޮތްތަކެއް ނެތެވެ. ފުޓްބޯޅައަށް ހޭދަކުރަން ބޭނުންވާ މާގިނަ ސްޕޮންސަރުންތަކެއް ނެތެވެ. ހުރިހާ ކުލަބްތަކެއް ތިބީ ނޭވާހޮޅިއަށް އެޅިފައެވެ. ކިރިޔާވެސް ނޭވައެއް ލެވެނީ އެފްއޭއެމުން ދިއްކޮށްލާ އެތިކޮޅަކުންނެވެ. އޭތިކޮޅު ނުލިބެންޏާ ސަންދޯކުއަޅަންވީއެވެ. ކުލަބަކުން އަމިއްލައަށް ގޮތްތަކެއް ހޯދައިގެން ހަށިފޮޅަން ދިމާކޮށްފިއްޔާ ކުޅުންތެރިންނަށް ކުރިން ނުދީހުރި މުސާރަތަކާއި އެނޫންވެސް ދަރަނިތަކުގެ މައްސަލަ ތިލަކޮށް އެވީ ބޮޑު ތަހުގީގެއް ހިންގާށެވެ. އެ ތަހުގީގުގެ ނިމުމަކީ އެ ކުލަބެއް ސަސްޕެންޑްވުމެވެ. އެހެންވީމާ އެފްއޭއެމާ ދެކޮޅަށް ތެދުވުން ކީއްކުރަން، ޗުއްޕުވެސް ބުނުމަކީ ކުލަބްތަކަށް ކެރޭ ކަމެއް ނޫނެވެ. ކުލަބްތައް އެތިބީ މަޖްބޫރީ ހާލަތެއްގައެވެ. އެފްއޭއެމުން ނަގަނީ އެ ހާލަތުގެ އެޑްވާންޓޭޖެވެ.

ކުލަބުތައް ބާރުވެރިކުރުމަކީ ހަރުދަނާ ފުޓްބޯޅައިގެ ނިޒާމަކަށް ވަރަށް މުހިންމު ކަމެކެވެ. އެފްއޭއެމްގެ މިސްރާބު އެހެރީ މިއާ މުޅިން އިދިކޮޅަށެވެ. ކުލަބުތައް ނިކަމެތިކުރުމަށެވެ. ފާއިތުވި ދުވަސްތަކުގައި ތަހުގީގު ހިންގުނު ކުލަބްތަކާއި ސަސްޕެންޝަން އައިސްފައިވާ ކުލަބްތަކަށް ބަލައިލީމާ މިކަން ސާފުވާނެއެވެ. ނިއުރޭޑިއަންޓަށްވެސް ދިމާވީ މިގޮތެވެ. ބާރުވެރި މިނިވަން ކުލަބްތަކެއް ތިބުމާ އެފްއޭއެމް ނުރުހެނީ ކީއްވެގެންބާވައެވެ. ޖަވާބު ވަރަށް ސާފެވެ. ބާރުވެރި މިނިވަން ކުލަބްތަކެއް ހަރަކާތްތެރިވާ ތަނެއްގައި ބޭނުންހާ ކުޅިވަރެއް ނުކުޅެވޭނެއެވެ. އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލުކުރެވިދާނެއެވެ. އެއާޚިލާފަށް ކްލަބްތައް ނިކަމެތިކޮށް މަޖްބޫރީ ހާލަތަކަށް ވައްޓައިލީމާ އެފްއޭއެމްގެ މެނޭޖްމަންޓަށް ބިރުވެރިކަމެއް ނޯންނާނެއެވެ. ފެންނަގޮތުން ސްޓްރެޓެޖީއަކީ މިއީއެވެ.

ހަގީގަތުގައި މިވާހަކައަކީ މިއަދު ފަށަންޖެހޭ ވާހަކައެއް ނޫނެވެ. މިއީ ވަރަށް ކުރީއްސުރެ ދައްކަންޖެހިފައިވާ ވާހަކައެކެވެ. ކޮންމެވެސް ސަބަބުތަކަކާހެދި މިވާހަކަ ނުދައްކައި ތިބެވުނީއެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުން ދިވެހިރާއްޖެ މިފަހަރު ކެޓީމާ ދެން މިވާހަކަ ދައްކަން މަޖުބޫރުވީއެވެ. ބައެއް މީހުންނަށް ގޯސްވާނީ ވާހަކަ ދައްކާ މީހާއެވެ. އެގޮތުން މިވާހަކަ އަޅުގަނޑު ދެއްކީމާ އެކަމާ ހިތާނުވެ ކޮންމެވެސް ރައްދެއް ދޭން ބޭނުންވާ ބަޔަކުވެސް ތިބޭނެއެވެ. ފަރުވާލެއް ނެތެވެ. ކޮންމެ ދިވެއްސަކަށްވެސް ދިވެހި ފުޓްބޯޅައިގެ ވާހަކަ ދެއްކޭނެއެވެ. ދައްކަންވެސްވާނެއެވެ. އެއީ ދިވެހި ފުޓްބޯޅަޔަށް ހެޔޮއެދިގެން ކަންކަން އިސްލާހު ކުރުމުގެ ވިސްނުމުގައި ދައްކާ ވާހަކައެކެވެ. ބަޔަކާމެދު ހަސަދަވެރިވެގެން ދައްކާ ވާހަކައެއް ނޫނެވެ.