އެއް ޓީމަކުން މެޗުގެ ކޮންޓްރޯލް ނަގައި، އިދިކޮޅު ޓީމަށް ނޭވާލާނެ ފުރުސަތެއް ނުދީ ހަމަލާތައް އުފައްދަމުންދެއެވެ. އިދިކޮޅު ޓީމަށް އޮތީ ގޮތް ހުސްވެފައެވެ. ދެން އިވެނީ ރެފްރީގެ ކަށިގަނޑުގެ އަޑެވެ. ކުޅުންތެރިން ދަނޑުގެ އަރިމައްޗަށް ޖަމާވެ، ފެންފުޅިތައް ނަގައި، ތިން މިނެޓަށް މެޗު މެދުކަނޑައިލައެވެ.
މި ވަގުތުކޮޅުގެ ތެރޭގައި، ޕްރެޝަރުގައި އޮތް ޓީމުގެ ކޯޗު ކުޅުންތެރިން އެއްކޮށް، ފޯމޭޝަން ބަދަލުކޮށް، ޑިފެންސް ރަނގަޅުކުރުމަށް އިރުޝާދުދެއެވެ. އާންމު ގޮތެއްގައި މިފަދަ އިރުޝާދުތައް ދެވޭނީ ހާފް ޓައިމްގައެވެ. ނަމަވެސް އަލުން ކުޅުން ފަށާއިރު، މެޗުގެ މަންޒަރު އޮންނަނީ މުޅިން ބަދަލުވެފައެވެ. މިއީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އާންމުކޮށް ފެންނަމުންދާ މަންޒަރެކެވެ. އުތުރު އެމެރިކާގެ ހޫނު މޫސުމުގައި ކުޅުންތެރިންގެ ސަލާމަތަށްޓަކައި ތައާރަފުކުރި ފެންބޯ ވަގުތުކޮޅު (ހައިޑްރޭޝަން ބްރޭކް)، މިހާރު ބަދަލުވެފައިވަނީ ކޯޗުންގެ ޓެކްޓިކަލް ހަތިޔާރަކަށެވެ.
އާ ގަވާއިދު ތަންފީޒުކުރަމުންދާ ގޮތް
ވޯލްޑް ކަޕްގެ ކޮންމެ މެޗެއްގެ ދެ ހާފުގައިވެސް، ގާތްގަނޑަކަށް 22 ވަނަ މިނެޓުގައި ތިން މިނެޓުގެ ހައިޑްރޭޝަން ބްރޭކެއް ދިނުމަކީ މިހާރު މަޖުބޫރު ކަމެކެވެ. ކުރީގެ މުބާރާތްތަކާ ހިލާފަށް، މިފަހަރު މޫސުމަށް ނުވަތަ ސްޓޭޑިއަމްގެ ފިނިހޫނުމިނަށް ބެލުމެއްނެތި ކޮންމެ މެޗެއްގައިވެސް މި ވަގުތުކޮޅު ދެއެވެ.
ފީފާއިން ބުނާ ގޮތުގައި މި ގަވާއިދުގެ ބޭނުމަކީ ހުރިހާ ޓީމަކަށް ހަމަހަމަ ފުރުސަތެއް ދިނުމާއެކު ކުޅުންތެރިންގެ ސިއްހަތަށް އިސްކަންދިނުމެވެ. މުބާރާތުގެ 104 މެޗުގައި މަދުވެގެން 208 ހައިޑްރޭޝަން ބްރޭކް ދޭނެއެވެ. މީގެ މާނައަކީ ކޮންމެ މެޗެއް ހަތަރު ބަޔަކަށް ބެހިގެން ދިއުމެވެ. ކަރުދާހުގައި މިއީ ހަމަހަމަ ގަވާއިދެއް ކަމަށް ފެނުނު ނަމަވެސް، މެޗު ކޮންޓްރޯލްކުރާ ޓީމަށް މީގެ ސަބަބުން ގެއްލުންވާ އިރު، ޕްރެޝަރުގައި އޮންނަ ޓީމަށް ލިބެނީ ބޮޑު ފައިދާއެކެވެ.
މެޗުގެ އޮއިވަރު ބަދަލުކޮށްލި މިސާލުތައް
މިކަން އެންމެ ސާފުކޮށް ފެނިގެންދިޔަ އެއް މެޗަކީ ނެދަލެންޑްސްއިން ސްވިޑަންގެ މައްޗަށް 5-1 އިން ކުރި ހޯދި މެޗެވެ. ފުރަތަމަ ހައިޑްރޭޝަން ބްރޭކާ ހަމައަށް ނެދަލެންޑްސް އޮތީ މުޅި މެޗު ކޮންޓްރޯލްކޮށްގެންނެވެ. އެ ޓީމުން ހަތަރު ޝޮޓު ހަދައި، ގޯލު ޖެހުމުގެ ފުރުސަތު އޮތް މިންވަރު ނުވަތަ އެކްސްޕެކްޓެޑް ގޯލްސް (އެކްސްޖީ) ގެ ގޮތުގައި 1.34 ހޯދާފައިވާ އިރު، ސްވިޑަންއަށް ހެދުނީ އެންމެ ޝޮޓެކެވެ. އަދި އެކްސްޖީ އުޅުނީ 0.03 ގައެވެ. ނަމަވެސް ހައިޑްރޭޝަން ބްރޭކުގެ ބޭނުން ހިފައި، ސްވިޑަންގެ ކޯޗު ގްރަހަމް ޕޮޓާ ވަނީ ޓީމުގެ ޑިފެންސްލައިން ފަސް ކުޅުންތެރިންގެ ބަދަލުގައި ހަތަރު ކުޅުންތެރިންނަށް ބަދަލުކޮށްފައެވެ. އޭގެ ނަތީޖާއަކަށްވީ، މެޗު އަލުން ފަށައިގެން ހާފް ޓައިމާ ހަމައަށް ސްވިޑަންއިން އަށް ޝޮޓު ހަދައި 0.44 އެކްސްޖީ ހޯދުމެވެ. މި ވަގުތުކޮޅުގައި ނެދަލެންޑްސްއަށް ހޯދުނީ އެންމެ 0.03 އެކްސްޖީއެވެ. ސްވިޑަންއަށް މެޗުން މޮޅުނުވެވުނު ނަމަވެސް، ކޯޗަށް ޓީމު އަލުން އަތުރާލަން ލިބުނީ ރަނުގެ ފުރުސަތެކެވެ.
ޖަރުމަނާއި ކިއުރަސާއޯ ބައްދަލުކުރި މެޗުގައިވެސް ފެނުނީ މިފަދަ މަންޒަރެކެވެ. މެޗުގެ 21 ވަނަ މިނެޓުގައި ކިއުރަސާއޯއިން ނަތީޖާ ހަމަހަމަކުރިތަނާހެން ހައިޑްރޭޝަން ބްރޭކެއް ލިބުނެވެ. ޖަރުމަންގެ ކޯޗު ޖޫލިއަން ނާގަލްސްމަން ވަނީ، ކިއުރަސާއޯގެ މިޑްފީލްޑް ރޫޅާލާނެ ގޮތުގެ އިރުޝާދު ކުޅުންތެރިންނަށް ދީފައެވެ. ބްރޭކްގެ ކުރިން ޖަރުމަންގެ އެކްސްޖީ 0.64 ގައި އޮތް ނަމަވެސް، އޭގެ ފަހުން ހާފް ޓައިމާ ހަމައަށް އެ އަދަދު 1.82 އަށް އެރިއެވެ. އަދި މެޗު ނިމުނީ 7-1 އިން ޖަރުމަން މޮޅުވެގެންނެވެ.
ސްވިޒަލެންޑްގެ ކޯޗު މުރާތު ޔާކިން ވަނީ ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، ދެވަނަ ހާފުގެ ހައިޑްރޭޝަން ބްރޭކާ ހަމައަށް މަޑުކުރުމަށްފަހު އެއްފަހަރާ ތިން ބަދަލު ގެނެސްފައެވެ. ޔާކިން ބުނިގޮތުގައި އެގޮތަށް އަމަލުކުރީ އިދިކޮޅު ޓީމަށް ރައްދުދޭނެ ފުރުސަތު ކުޑަކުރުމަށެވެ. ބްރޭކްގެ ކުރިން ސްވިޒަލެންޑްގެ އެކްސްޖީ 0.31 ގައި އޮތް ނަމަވެސް، އޭގެ ފަހުން 1.67 އަށް އަރައި، 4-1 އިން މެޗު ކާމިޔާބުކުރިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔޯހަން މަންޒަމްބީ ދެ ގޯލު ޖެހި އިރު، ރުބެން ވާގަސް ވަނީ ގޯލެއް ޖަހައި އިތުރު ގޯލެއް ޖެހުމަށް އެހީތެރިވެދީފައެވެ.
ތަފާސްހިސާބުތަކުން ފެންނަ މަންޒަރު
މުބާރާތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހައިޑްރޭޝަން ބްރާކަށްފަހު ގޯލާ އަމާޒުކޮށް ފޮނުވާ ހަމަލާތަކާއި، ޖަހާ ގޯލުތަކުގެ އަދަދު އިތުރުކަން ފާހަގަކުރެވެއެވެ. ނޯވޭއިން އިރާގާ ދެކޮޅަށް ކުޅުނު މެޗުގައި އާލިން ހާލަންޑް އަދި ލިއޯ އޮސްޓިގާޑް ގޯލު ޖެހީ ހައިޑްރޭޝަން ބްރޭކަށްފަހު ކުޅުން ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އަދި ސްކޮޓްލެންޑްގެ ޖޯން މެކްގިން ވެސް ވަނީ މިފަދަ ވަގުތުތަކެއްގައި ގޯލު ޖަހައިފައެވެ. މީގެ އިތުރުން އޮސްޓްރޭލިއާއިން ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ހާފުގެ ހައިޑްރޭޝަން ބްރޭކަށްފަހުވެސް ވަނީ ގޯލު ކާމިޔާބުކޮށްފައެވެ. މި ހުރިހާ ކަމަކުން ދައްކައިދެނީ، ކޯޗުން މި ވަގުތުކޮޅުގެ ބޭނުން ހިފައިގެން އެޓޭކިން މޫވްތައް ރާވައި، އިދިކޮޅު ޓީމުގެ ބަލި ފަރާތްތައް ދެނެގަންނަމުންދާ ކަމެވެ.
ނަމަވެސް މިއީ ހަމައެކަނި ހައިޑްރޭޝަން ބްރޭކްގެ ސަބަބުން ވާ ކަމެއް ކަމަށް ނިންމޭކަށް ނެތެވެ. 2025-26 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހައިޑްރޭޝަން ބްރޭކެއް ނެތިވެސް، މެޗެއްގެ ކޮންމެ ހާފެއްގެ ފަހުކޮޅު ހަމަލާތައް އުފައްދާ މިންވަރު އިތުރުވެއެވެ. ކުޅުންތެރިން ވަރުބަލިވުމާއި، ޑިފެންސްކުރުމުގައި ސަމާލުކަން ކުޑަވުމަކީ މީގެ މައިގަނޑު ސަބަބެވެ. އެހެންކަމުން، ތަފާސްހިސާބުތަކުން ފެންނަނީ ގުޅުމެއް ކަމަށާއި، އެއީ ސީދާ ހައިޑްރޭޝަން ބްރޭކްގެ ސަބަބުން ނުކުންނަ ނަތީޖާއެއް ކަމަށް ކަށަވަރެއް ނުކުރެވެއެވެ.
އިންސާފުވެރިކަމާ މެދު އުފެދޭ ސުވާލު
ދެ ޓީމަށްވެސް ތިން މިނެޓު ލިބުނު ނަމަވެސް، މައްސަލައަކީ މެޗު މެދުކަނޑާލާ ވަގުތު ދެ ޓީމު އޮންނަ ހާލަތެވެ. އެއް ޓީމަކުން މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދަނިކޮށް، އަނެއް ޓީމު ވަރުބަލިވެ ގޮތް ހުސްވެފައި ވަނިކޮށް ލިބޭ ބްރޭކަކީ ބަލިކަށިކޮށް އޮތް ޓީމަށް ލިބޭ ވަރަށް ބޮޑު ފައިދާއެކެވެ. އެ ޓީމަށް ނޭވާ ހަމައަކަށް އަޅުވައި، ޑިފެންސް ރަނގަޅުކޮށް، އާ ހިތްވަރަކާއެކު ނުކުތުމަށް ފުރުސަތު ލިބެއެވެ. އަނެއްކޮޅުން، މޮޅަށް ކުޅެމުންދިޔަ ޓީމުގެ ރިދަމް ގެއްލި، އަލުން މެޗުގެ ކޮންޓްރޯލް ހޯދަން މަޖުބޫރުވެއެވެ. އެ ޓީމުން ބުރަ މަސައްކަތުން ހޯދި މޮމެންޓަމް އެއްކޮށް ގެއްލިގެންދެއެވެ.
ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ ބުނިގޮތުގައި މިއީ ފިނިކޮށްލަން ލިބޭ ވަގުތުކޮޅަކަށްވުރެ ބޮޑަށް، ކޯޗުންނަށް ލިބޭ ޓެކްޓިކަލް ވަގުތުކޮޅެކެވެ. އަދި ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމް ވެސް ވަނީ، ކުޅުންތެރިންނާ ވާހަކަދައްކައި ޓެކްޓިކްސް ބަދަލުކުރުމަށް މި ވަގުތުކޮޅުގެ ބޭނުން ހިފާ ކަމަށް އެއްބަސްވެފައެވެ.
އާދަކާދައިގެ މަތިން ފުޓުބޯޅަ ކުޅެމުން އަންނަނީ މެދުކެނޑުމެއްނެތި ދެ ހާފަކަށް ބަހާލައިގެންނެވެ. ނަމަވެސް 2026 ގެ ގަވާއިދާއެކު މެޗުތައް މިހާރު ވަނީ ހަތަރު ކުއާޓަރަށް ބެހިފައެވެ. މީގެ ސަބަބުން ކޯޗުން މެޗަށް ރާވާ ގޮތްތައް ވަނީ ބަދަލުވެފައެވެ. ކުރިއަށް އޮތީ އަރާމުކޮށްލަން ލިބޭނެ ވަގުތުކޮޅެއްކަން އެނގޭތީ، ފުރަތަމަ 20 މިނެޓުގައި ވަރަށް ބޮޑަށް ޕްރެސްކޮށްގެން ކުޅުމަށް ޓީމުތަކުން އިސްކަންދެއެވެ. އަދި މުޅި ޓީމަށް އެއްފަހަރާ އިރުޝާދު ދިނުމުގެ ފުރުސަތު ލިބޭނެކަން ޔަގީންވާތީ، ޓެކްޓިކަލް ބަދަލުތައް ގެނައުން ފަސްކުރުމަކީވެސް މިހާރު އާންމު ކަމެކެވެ.
ކުޅުންތެރިންގެ ސަލާމަތާއި ވިޔަފާރީގެ ފައިދާ އަދި ހައްލު
މި ބަދަލާ ދެކޮޅަށް ވާހަކަދައްކާ އިރު، ކުޅުންތެރިންގެ ސިއްހަތަށް ހުރި ނުރައްކާތައް ހަނދާންނައްތާލައިގެން ނުވާނެއެވެ. ފިލަޑެލްފިއާގައި ފްރާންސާއި ޕެރަގުއާއީ ކުޅުނު މެޗުގައި ފިނިހޫނުމިން 33.9 ޑިގްރީ ސެލްސިއަސްއަށް އެރިކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ކުޅުންތެރިންގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅަންޖެހޭ މިންވަރެކެވެ.
ނަމަވެސް މައްސަލަ ގޯސްވަނީ، މި ވަގުތުކޮޅުގެ ތެރޭގައި އިޝްތިހާރު ދެއްކުމަށް ބްރޯޑްކާސްޓަރުންނަށް ފުރުސަތުދީފައި އޮތުމުންނެވެ. ގަވާއިދު އޮންނަ ގޮތުން، މެޗު މެދުކަނޑާލާތާ 20 ސިކުންތު ފަހުން އިޝްތިހާރު ދެއްކުން ފެށިދާނެއެވެ. އަދި އަލުން ކުޅުން ފެށުމުގެ 30 ސިކުންތު ކުރިން އިޝްތިހާރު މެދުކަނޑާލަން ޖެހެއެވެ. މީގެ ސަބަބުން، މިއީ ސިއްހީ ބޭނުމަކަށްވުރެ ބޮޑަށް ވިޔަފާރީގެ ފައިދާއަށް ކުރާ ކަމެއް ކަމަށް ސަޕޯޓަރުން ތުހުމަތުކުރެއެވެ.
ފީފާއިން ހައިޑްރޭޝަން ބްރޭކް މުޅިން އުވާލާކަށް ނުޖެހެއެވެ. ނަމަވެސް ހުރިހާ މެޗެއްގައި މަޖުބޫރުކުރުމުގެ ބަދަލުގައި، މޫސުމީ ހާލަތަށް ބަލައިގެން މިކަން ކުރުން މުހިންމެވެ. މިނިވަން ސިއްހީ މާހިރުން މެދުވެރިކޮށް ފިނިހޫނުމިނާއި ވައި ދައުރުވާ މިންވަރު ވަޒަންކުރުމަށްފަހު، ނުރައްކާތެރި ހާލަތްތަކުގައި އެކަނި ބްރޭކް ދިނުން ބުއްދިވެރިއެވެ. ފުޓުބޯޅައިގެ އެންމެ ބޮޑު އެއް ސިފައަކީ މެދުކެނޑުމެއްނެތި ކުޅުން ކުރިއަށްދިއުމެވެ. ނަމަވެސް 2026 ގެ ވޯލްޑް ކަޕާއެކު އެ ސިފަ ބަދަލުވެއްޖެއެވެ. ފެންބުއިމަށް ތައާރަފުކުރި ވަގުތުކޮޅު މިހާރު ވެފައިވަނީ މެޗުގެ ނަތީޖާ ފުރޮޅާލުމުގެ ބާރު ލިބިފައިވާ ޓެކްޓިކަލް ހަތިޔާރަކަށެވެ.
އަލީ ރިފްޝާން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް