ހައްޖުގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި މި އަހަރު ރާއްޖޭން ހައްޖަށް ދިޔަ އަލީ ހަސަން (72)، ދ. މާއެނބޫދޫ، ފިޔާތޮށިގެ، މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ އިރުއޮއްސި 6:17 ގައި މަރުވެފައިވާ ކަމަށެވެ.
އަލީ ހަސަން މަރުވެފައިވާ އިރު، އިއްޔެ ވަނީ އިތުރު ހައްޖުވެރިޔަކުވެސް މަރުވެފައެވެ. އެގޮތުން ހައްޖު މަހުގެ އަށް ވަނަ ދުވަހުގެ ރޭ މިނާ ޓެންޓުން ނުކުތް ފަހުން ވީނުވީއެއް ނޭންގި ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު ނަސީމް އަލީ މަރުވެފައި އޮއްވައި ފެނުނީ ނޫރު ފަރުބަދަ ކައިރީ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ.
މީގެ އިތުރުން އިތުރު ހައްޖުވެރިއަކަށް ދަނީ އައިސީޔޫގައިވެސް ފަރުވާދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު