އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެކަނިކުފާނު ނޫން އެހެން ކެނޑިޑޭޓަކު ނެރެން އިދިކޮޅުން ބޭނުން ނުވާ ކަމަށް އިދިކޮޅު މައި ސިޔާސީ ޕާޓީ ޕީޕީއެމުން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް، އިދިކޮޅު ޕީޕީއެމް ކޯލިޝަނާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދާ، ދަ ޑިމޮކްރެޓްސް އިން ސިލްސިލާ ބައްދަލުވުންތަކެއް ފަށާފައި ވަނިކޮށް، ރިޔާސީ ކެނޑިޑޭޓުގެ ކަންތަކުގެ ޕީޕީއެމުން ދޫ ނުދޭނެ ކަމަށް ބުނެފައި މިވަނީ، ނަޝީދުގެ ހިއްސާއޮވެގެން ނެރޭ މަޖައްލާ، 'އޯޝަން ވީކްލީ'ގެ މި ހަފުތާގެ އަދަދުގައި ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓެއް ނެރުމާ ބެހޭގޮތުން ޝާއިއުކޮށްފައިވާ ލިއުމަކާ ގުޅިގެންނެވެ.

އެ މަޖައްލާގައި ޝާއިއުކޮށްފައިވާ ލިއުމުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނެރޭ ކެނޑިޑޭޓްގެ ގޮތުގައި ހަމަޖައްސަން ހުށަހަޅާފައި ވަނީ، "ޔާމީނެއް ވެސް ނޫން، ނަޝީދެއް ވެސް ނޫން، ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓެއް،" ކަމަށެވެ.

އެ ލިއުމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ "މިހާރު އޯޝަން ވީކްލީން ވެސް ހުވަފެނީ ވާހަކަ ދައްކަންފެށީ ކަމަށާއި ޕީޕީއެމްގެ ކެނޑިޑޭޓު ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީއަކުން 2023 އަށް ދެއްކި ރިޔާސީ ކެންޑިޑޭޓު، އަދި 23 ޖުލައިގައި އެންމެ ފުރަތަމަ އިލެކްޝަންއަށް ވަންނާނީ އެމަނިކުފާނުގެ ކެނޑިޑެސީ ފޯމް،" ކަމަށެވެ.

ޝިޔާމަކީ ދެ ފަރާތުގެ މަޝްވަރާ ބައްދަލުވުންތަކުގައި، ޕީޕީއެމް/ޕީއެންސީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ އިސް ފަރާތެވެ.

މިމިހާތަނަށް ދެފަރާތުން ތިން ބައްދަލުވުމެއް ބާއްވާފައިވާ އިރު، އެއިން ކޮންމެ ބައްދަލުވުމަކަށްފަހު ބޭއްވި ނިއުސްކޮންފަރެންސްގައި ވެސް، ޝިޔާން ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އެ ޕާޓީގެ އުސޫލުތަކަށް ބަދަލު ނުގެންނަވާނެ ކަމަށެވެ.

ނަމަވެސް ޑިމޮކްރެޓްސްއިން އެ މަޝްވަރާތަކުގައި ބައިވެރިވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ތަކުރާރުކޮށް ވިދާޅުވެފައިވަނީ، އެބޭފުޅުންގެ ބޭނުމަކީ ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުން ކަމަށެވެ.

އެހެންކަމުން އެކަމަށްޓަކައި ދޭން ޖެހުނު ކޮންމެ ދުލެއް އެފަރާތުން ދޭނެ ކަމަށް މިހާތަނަށް ވަނީ ބުނެފައެވެ. ނަމަވެސް ރިޔާސީ ކެނޑިޓޭއެއްގެ މައްސަލައިގައި އަލީ އާޒިމް މިހާތަނަށް ވާހަކަ ދައްކަވާފައެއް ނުވެއެވެ.