އިންޑިއާގެ ބެންގަލޫރުން: އިމާދު ލަތީފް/ ވަން ސްޕޯޓްސް
ކުޅިވަރުގައި އޮންނަނީ މޮޅުވުމާއި ބަލިވުމެވެ. ކޮންމެ ފަހަރަކު މޮޅެއްވެސް ނުވާނެއެވެ. ހަމައެހެންމެ އަބަދު ބައްޔެއްވެސް ނުވާނެއެވެ. ވެގެން ނުވާނެއެވެ. ބަލިވާ ކޮންމެފަހަރަކީ އެންމެން އިސްތިއުފާދީފައި ގެޔަށް ކަނޑާލަންޖެހޭ ފަހަރެއްވެސް ނޫނެވެ. އެކަމަކު ނަތީޖާ ތަހުލީލުކޮށް ގޯސްކޮށްދިޔައީ ކޮންކޮން ކަންތަކެއްތޯ ބަލައި ހޯދާން ޖެހޭނެއެވެ. އެކަން ނުކުރަންޏާ ކުރިއަކަށް ނުދެވޭނެއެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުން ދިވެހިރާއްޖެ ކެޓީމާ ދެން ދިވެހީންނަށްވެސް އޮތީ މިދެންނެވި މަރުހަލާއެވެ. ތަހުލީލު ކުރުމުގެ މަރުހަލާއެވެ. ގޯސްކޮށް ދިޔައީ ކޮންކޮން ކަންތަކެއްތޯ ބަލައި ހޯދައި އެކަންކަން ރަގަޅުކޮށް އިސްލާހު ކުރުމުގެ މަރުހަލާއެވެ. ވަރަށް ގިނަ ކަންކަން ގޯހެވެ. އެއްކަމެއް ދެކަމެއް ނޫނެވެ. އިސްލާހުކުރަންޖެހޭ ކަންކަން ބައިވަރެވެ.
ގައުމީ ކޯޗު އިޓަލީގެ މޮރިއޭރޯއަށް ބަރާބަރަށް މުސާރަދެވޭ ބާވައެވެ. އޭނާއަކީ ދަރުމައަށްޓަކައި ހިލޭސާބަހަށް މަސައްކަތްކުރަން އައިސްހުރި މީހެއް ނޫނެވެ. އުޖޫރައަށް މަސައްކަތްކުރާ މީހެކެވެ. އަޑުއިވޭގޮތުގައި އަދި ނޫސްތަކުގައި ލިޔާލިޔުންތަކުން އެނގޭގޮތުގައި މޮރިއޭރޯއަށް ބަރާބަރަށް އުޖޫރައެއް ނުދެވެއެވެ. ހަމައެކަނި ހެޑްކޯޗަކަށް ނޫނެވެ. އޭނާގެ ކޯޗިން ޓީމުގައި ހިމެނޭ އެހެން ސްޓާފުންނަށްވެސް ބަރާބަރަށް އުޖޫރައެއް ނުދެވެއެވެ. ގައުމީ ޓީމުގެ ގޯލްކީޕިން ކޯޗަށް މުސާރަނުދޭތީ މިފަހަރު ޓީމާއެކު ބެންގަލޫރަށް ދާން އޭނާ އިންކާރުކުރި ވާހަކަވެސް ނޫސްތަކުން ފެނުނެވެ. ދެންތިބީ ކުޅުންތެރިންނެވެ. ކުޅުންތެރިންނަށް ދޭންޖެހޭ އިނާޔަތްތަކާއި އެނޫންވެސް ތަކެތި ބަރާބަރަށް ނުދޭކަން އެނގެނީ އަނެއްކާވެސް ނޫސްތަކުންނެވެ. މިވާހަކަ ވާހަކަ އެފްއޭއެމަކުން ދޮގެއްވެސް ނުކުރެއެވެ.
ސާފް ޗެމްޕިއަންޝިޕްގައި ކުޅެން ދިވެހި ޓީމު މިފަހަރު ބެންގަލޫރަށް އައިއިރު ކުޅުންތެރިން ތިބީ އުފަލަކުން ނޫނެވެ. ކޯޗިން ސްޓާފުން ތިބީ އުފަލަކުން ނޫނެވެ. މިހާލަތުގައި ޓީމާމެދު ކުރެވޭނީ ކޮންކަހަލަ އުންމީދުތަކެެއް ބާވަައެވެ. ނެރެވޭނީ ކޮންކަހަލަ ނަތީޖާތަކެއް ބާވައެވެ. ނެރެވޭނެ ނަތީޖާ މިފެނުނީއެވެ. މުބާރާތަށް ތައްޔާރުވުންވެސް އެހާ ވަނދެވެ. ކުޅުނު އެކުވެރިކަމުގެ މެޗެއް ނެތެވެ. ޓީމުގެ ފެންވަރާއި ބުންވަރު ވަޒަންކޮށްލުމެއްވެސް ނެތެވެ. މުބާރާތުގައި ވާދަކުރި 8 ޓީމުގެ ތެރޭގައި ދިވެހިރާއްޖެ ނޫނީ މުބާރާތަށް ތައްޔާރުވާން މެޗެއް ނުވަތަ މެޗުތަކެއް ނުކުޅޭ އެންމެ ޓީމެއްވެސް ނެތެވެ. ކޯޗު ބުންޏެވެ. ކުޅުންތެރިންނަށް އަނިޔާވެދާނެތީ މެޗެއް ނުކުޅުނީއެވެ. އެއީ އޭނާގެ ވިސްނުންކަމަށް ވެދާނެއެވެ. އެފްއޭއެމްގެ ވިސްނުން ކަމަށްވެސް ވެދާނެއެވެ.
މި ވިސްނުމުގައި ކުޅުނީމާ ވާނެގޮތް މިވީއެވެ. އަނިޔާމިވީ ދިވެހި ގައުމަށެވެ. ދިވެހި ސަޕޯޓަރުންނަށެވެ. ހަގީގަތުގައި ދިވެހީންނާއި ދިވެހިރާއްޖެއަށް މިލިބުނީ ވަރަށްވެސް ބޮޑު އަނިޔާއެކެވެ. މިކަމުގައި ޒިންމާ އުފުލަންޖެހޭ ބަޔަކު ތިބެންވާނެއެވެ. ކޮންމެވެސް ބަޔަކު ޒިންމާދާރު ކުރުވަން އެބަޖެހެއެވެ. މުސާރަ ނުދެވެންޏާ އެ މައްސަލައިގައެވެ. މުބާރާތަށް ތައްޔާރު ނުވެވުނު މައްސަލައިގައެވެ. މެޗެއް ނުކުޅެންޏާ ވިހިތިރީސް މީހުންގެ ބޮޑު ޖަމާއަތެއް ޖަޕާނަށް ފޮނުވީ ކީއްކުރަން ބާވައެވެ. ހަމަގައިމުވެސް ހިލޭ ކުރި ދަތުރެއް ނޫނެވެ. ޚަރަދުބޮޑު ދަތުރެކެވެ. އެ ޚަރަދުނުކޮށް ކުޅުންތެރިންނާއި ސްޓާފުންނަށް ދޭންޖެހޭ އުޖޫރައިގެ ތެރެއިން މިންވަރެއްވިޔަސް އަދާކުރިނަމަ މިއަށްވުރެ ނަތީޖާ ރަނގަޅުވީސްކަން ނޭނގެއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ހިންގުން ދޯދިޔާވެ މުޅި އިދާރާ ބޮއްސުންލާފައިވާތާ އަހަރުތަކެއް ވެއްޖެއެވެ. މިއަދު ކުއްލިއަކަށް ދިމާވި ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ފުޓްބޯޅަޔާއި އެކި އުމުރުފުރައިގެ ގައުމީ ޓީމުތައް މެނޭޖްކުރުމުގެ ޒިންމާއަކީ އެފްއޭއެމްގެ ޒިންމާއެކެވެ. ބޮއްސުންލާފައިވާ ތަނަކަށް އުފުލޭނީ ކޮން ޒިންމާއެއް ބާވައެވެ. މެނޭޖްކުރެވޭނީ ކޮންކަމެއް ބާވައެވެ. އުފުލޭނެ ޒިންމާއެއް ނޯންނާނެއެވެ. މެނޭޖްކުރެވޭނޭ ކަމެއްވެސް ނޯންނާނެއެވެ. މިހަގީގަތް ގަބޫލުކުރުމާއެކު ދެން އެންމެއަވަސް މަސައްކަތެއްގެ ގޮތުގައި ކުރަންޖެހޭ މަސައްކަތަކަށް އަޅުގަނޑަށް ފެންނަނީ އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލު ކުރުމެވެ. އެއީ ލަސްކޮށްގެން ފަރުޖެއްސެންއޮތް ކަމެއް ނޫނެވެ. މިހާރުން މިހާރަަށް ކުރަންވެއްޖެ ކަމެކެވެ. ލަސްވާވަރަކަށް ދިވެހި ފުޓްބޯޅަދާނީ ދަށަށެވެ. އެކަން ޔަގީނެވެ.
އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލުކުރުމަށް އަޅުގަނޑަށް ފެންނަގޮތުގައި އޮތީ ތިން ގޮތެކެވެ. އެއްގޮތަކީ އެފްއޭއެމްގެ ވެރިން އިސްތިއުފާދެއްވައި އައު އިންތިޚާބެއް ބޭއްވުމެވެ. ދެވަނަގޮތަކީ ކުލަބުތަކުން އިސްނަގައިގެން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލުކުރުމެވެ. އެކަމަކު މިއީ ވުމަށްވުރެ ނުވުން ގާތްގޮތެކެވެ. އެހާ ހަކަތަހުރި ކުލަބެއް ނެތެވެ. އެފްއޭއެމުން ދޭތެރެޔަކުން ފޯރުކޮށްދޭ ހޭންޑްއައުޓަކަށް ބަރޯސާވުން ބޮޑުކަމުން އެފްއޭއެމާ ދެކޮޅަށް ތެދުވާންކެރޭ ކުލަބެއް ނެތެވެ. ދެންއޮތީ އެންމެފަހު ގޮތެވެ. ސަރުކާރުން މިކަމުގެ ތެރެއަށްވަދެ އެފްއޭއެމް ބަދަލުކުރުމެވެ. އެކަމަކު މިއީ ފީފާއިން ދިވެހިރާއްޖެ ސަސްޕެންޑްކުރާނެ ކަމެކެވެ. އެކަން ޔަގީނެވެ. ފީފާއިން ސަސްޕެންޑްކުރީމާ މިހާރު ލިބިފައިމިވާ އަދި ލިބެމުންމިދާ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ލިބޭނެބާވައެވެ.
ބަލަން ތިއްބާ ދިވެހި ފުޓްބޯޅަ މިހިރަގެން މަރުވަމުން މަރުވަމުން ދަނީއެވެ. އެހެންވީމާ ފީފާއިން އަހަރެއް ނުވަތަ ދެތިން އަހަރަކަށް ދިވެހިރާއްޖެ ސަސްޕެންޑް ކުރިއަސް ފަރުވާލެއް ނުބަހައްޓައި އެފްއޭއެމްގެ ކަންކަން ބަދަލުކޮށް ހަރުދަނާ އޮނިގަނޑެއް އެކުލަވާލައި ދެން ފީފާއިން އަންގާ މަގަކަށް ރުޖޫއަވީމާ ނިމުނީއެވެ. މިހާރު މިދާގޮތަށްވުރެ އެގޮތްވެސް ރަނގަޅުކަމަށް ފެނެއެވެ. އިންސާނެއްގެ ފުރާނަ ސަލާމަތް ކުރެވެންއޮތީ ގުނަވަނެއް ބުރިކޮށްލައިގެން ކަމަށްވަނީވިއްޔާ އެކަންވެސް ކުރަނީތާއެވެ. ދިވެހި ފުޓްބޯޅަ ސަލާމަތްކުރެވެންއޮތީ އެފްއޭއެމް ބަދަލުކޮށްގެންނެވެ. އެކަން ކުރެވެންއޮތީ ފީފާގެ ސަސްޕެންޝަނަކާ ކުރިމަތިލައިިގެން ކަމަށްވަނީވިއްޔާ އެކަންޖެހޭނީ ކުރާށެވެ. މީގެ އަހަރުތަކެއް ކުރިން އެފްއޭއެމްގެ ކަންކަން ބަދަލުކުރުމަށް ސްޕޯޓްސް މިނިސްޓްރީން އެންމެ ފުރަތަމަ ޚިޔާލުކުރި ކަންކަން ތަންފީޒު ކުރިނަމަ ފީފާގެ ސަސްޕެންޝަނެއް އަޔަސް މިހިސާބަށް އައިއިރު ކަންކަން އޮންނާނީ ބަދަލުވެފައެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ކުޅިވަރު ރިޕޯޓް
ކުޅިވަރު ރިޕޯޓް
ކުޅިވަރު ރިޕޯޓް
ކުޅިވަރު ރިޕޯޓް