ހައްޖަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ރ. މާކުރުތު، މަލަ، މުހައްމަދު ނަސީމް އަލީ (72އ) ގެއްލުނީ އަރަފާތައް ދިއުމަށް މިނާގައި ހުއްޓައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި މި އަހަރު ރާއްޖޭން ހައްޖަށް ދިޔަ ނަސީމް މަރުވެފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ނަސީމު ހައްޖު މަހުގެ އަށް ވަނަ ދުވަހުގެ ރޭ މިނާ ޓެންޓުން ނުކުތް ފަހުން ވީނުވީއެއް ނޭންގި ގެއްލިގެން ހޯދަމިން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނީ ނޫރު ފަރުބަދަ ކައިރީ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭނާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ނަސީމަކީ ހަނދާން ނެތޭ ބަލި ވަރަށް ބޮޑަށް ހުންނަ މީހެއް ކަމަށާއި އިންޑިއާ އިން އެކަމަށް ބޭސްކުރާތާ ފަސް އަހަރުވެފައިވާ ކަމަށެވެ.