މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ނުވަ ލައްކަ އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މި މަހުގެ 25ގެ ނިޔަލަށް ރާއްޖެއަށް ވަނީ 904,980 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ މިދިޔަ އަހަރަށްވުރެ 13.9 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 794,853 ފަތުރުވެރިންނެވެ.

ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 3،829 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ރާއްޖެއަށް މިހާރު ފަތުރުވެރިން އަންނަ މިންވަރަށް ބަލައި ނަމަ ޖުލައި މަހުގެ ތެރޭގައި އެއް މިލިއަން ފަތުރުވެރިން އައުމުގެ ފުރުސަތު އެބަ އޮތެވެ. މިދިޔަ އަހަރު އެއް މިލިއަން ޓޫރިސްޓުން ހަމަވީ އޮގަސްޓް މަހުއެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އާއި ރަޝިޔާއިންނެވެ. އެ ދެ ގައުމުންވެސް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު، ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުން މިހާތަނަށް 79،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު 1.9 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ ގެނެވިފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ.