އުމުރުން 29 އަހަރުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް މެންޗެސްޓާ ސިޓީއަށް ބަދަލުވެއްޖެއެވެ.

ޗެލްސީއަށް 2018 ވަނަ އަހަރު ލޯން އެއްބަސްވުމެއްގައި ފުރަތަމަ ދިޔަ ކޮވަސިޗް ކްލަބާ ގުޅުނުކަން އިއްޔެ ސިޓީން ވަނީ އިއުލާން ކޮށްފައެވެ. ސިޓީއަށް ކޮވަސިޗް ގެންގޮސްފައި ވަނީ 25 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭގެ އިތުރުން ބޯނަސްގެ ގޮތުގައި ފަސް މިލިއަން ޕައުންޑް ސިޓީން ދޭން ނިންމާފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ.

މިދިޔަ ސީޒަންގައި ޓްރެބަލް ކާމިޔާބުކުރި ސިޓީއަށް ކޮވަސިޗް ސޮއިކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ކޮވަސިޗަކީ ސިޓީން އަންނަ ސީޒަނަށް ގެންދިޔަ ފުރަތަމަ ކުޅުންތެރިޔާއެވެ.

ސިޓީގެ އިލްކޭ ގުންޑޮގަން އަންނަ ސީޒަނަށް ބާސެލޯނާއާ ގުޅިފައިވާ އިރު، އެ ޓީމުން ދަނީ މިޑްފީލްޑަރުން ހޯދުމުގައި އިތުރު މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އެގޮތުން ވެސްޓް ހަމްގެ އިންގްލެންޑް މިޑްފީލްޑަރު ޑެކްލަން ރައިސް ހޯދަންވެސް ސިޓީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އެ ޓީމުން ފުރަތަމަ ކުރި ބިޑަށް ވެސްޓް ހަމުން ވަނީ ނޫނެކޭ ބުނެފައެވެ.

ކޮވަސިޗް ފުރަތަމަ ޗެލްސީއަށް ދިޔައީ ލޯނެއްގައި ނަމަވެސް، އޭގެ ފަހުން ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މިދިޔަ ސީޒަން ޗެލްސީއަށް ދަށްކޮށް ގޮސްފައިވާ އިރު، ކޮވަސިޗް ވަނީ 37 މެޗު ކުޅެފައެވެ. ކޮވަސިޗަކީ ޗެލްސީ އާއެކު 2021 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކުޅުންތެރިއެކެވެ.

ޓްރާންސްފާ މާކެޓް ހަލަބޮލިވެފައިވާ އިރު، ބަޔާން އިން ވަނީ އެ ޓީމަށް ފޯވަޑެއް ހޯދުމަށް ކުރަމުންދާ މަސައްކަތްވެސް އިތުރު ކޮށްފައެވެ. އެގޮތުން ޓޮޓެންހަމްގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ހެރީ ކޭން ހޯދަން އެ ޓީމުން ދެވަނަ ބިޑަކަށް ތައްޔާރުވަމުން އަންނަ ކަމަށް ނޫސްތަކުން ބުނެއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ބަޔާން އިން ފުރަތަމަ ކުރި ބިޑުގެ އަގަކީ 70 މިލިއަން ޕައުންޑެވެ. އެ ބިޑު ބަޔާން އިން ކުރިކަން އިތުބާރު ނޫސްތަކުން ޔަގީންކޮށްދީފައިވީ ނަމަވެސް، ޓޮޓެންހަމުން ވަނީ ރަސްމީ ބިޑެއް ނުލިބޭ ކަމަށް ބުނެފައެވެ.

ޖަރުމަނުގެ ނޫހެއް ކަމަށްވާ ބިލްޑް އިން ބުނެފައި ވަނީ ކޭން ބަޔާނަށް ދާން ކްލަބާ އެއްބަސްވުމަކަށް ގޮސްފައިވާ ކަމަށާއި ބަޔާނުން ދަނީ ޓޮޓެންހަމް ބޭނުންވާ އަދަދެއްގެ ބިޑަކަށް މިހާރު ތައްޔާރުވަމުން ކަމަށެވެ.

ކޭން ޓޮޓެންހަމް އާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަންގެ ނިޔަލަށް ހަމަވާ އިރު، ރެއާލް މެޑްރިޑުންވެސް އޭނާއަށް ޝައުގުވެރިވާ ކަމަށް ނޫސްތައް ބުނެއެވެ. ކޭންއަކީ ޓޮޓެންހަމްގެ ތާރީހުގައިވެސް އެ ކްލަބަށް އެންމެ ގިނައިން ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ ކްލަބަށް ކުޅުނު 435 މެޗުން 280 ގޯލު ޖަހައިފައެވެ.