ސާފް ޗެމްޕިއަންޝިޕް 2023 ގައި އިންޑިއާއާއި ކުވައިތުން މިރޭ ކުޅުނު ގްރޫޕް އޭގެ ފަހު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މިރޭ މެޗުގެ ކުރިން އިންޑިއާއިން ތިން ފަހަރެއްގެ މަތިން ކުވައިތާ ވާދަކޮށްފައި އޮތް އިރު، އެންމެފަހުން ދެ ގައުމުން ވާދަކޮށްފައި އޮތީ 2010 ވަނަ އަހަރު އަބޫދާބީގައެވެ. އެ އެކުވެރިކަމުގެ މެޗުގައި ކުވައިތުން ވަނީ 9-1 އިން އިންޑިއާ ބަލިކޮށްފައެވެ. އިންޑިއާއަށް މީގެ ކުރިން ކުވައިތު ބަލިކުރެވުނު ހަމައެކަނި ފަހަރަކީ 2004 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. ކުވައިތުގައި ކުޅުނު އެމެޗު 3-2 އިން އިންޑިއާއިން ކާމިޔާބު ކުރިއެވެ.
މިރޭގެ މެޗަށް ދެ ޓީމުންވެސް ނުކުތީ ސެމީ ފައިނަލު ޔަގީންކޮށްފައި އޮވެގެންނެވެ. ދެ ޓީމު ސެމީއަށް ގޮސްފައި އޮތް ނަމަވެސް މެޗު ފޯރިގަދަވާނެ ކަމަށް އޮތީ ބެލެވިފައެވެ. އެއީ މިރޭގެ މެޗަކީ މުބާރާތުގެ ފެވަރިޓުންގެ މެދުގައި ކުޅެވުނު މެޗަކަށްވީތީއެވެ. އޭގެ އިތުރުން މިރޭގެ މެޗަކީ ގްރޫޕް އޭގެ އެއްވަނަ ޔަގީންކުރަން ކުޅެން އޮތް މެޗަށްވެސް ވީތީއެވެ. އިންޑިއާގެ ބެންގަލޫރުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މިރޭގެ މެޗަށްވެސް ވަދެފައިވީ ނަމަވެސް، ފުރަތަމަ ދެ މެޗަށްވުރެ މިރޭގެ މެޗަށް ވަން ސަޕޯޓަރުންގެ އަދަދު މަދެވެ.
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފެންވަރު ރަނގަޅު ކުޅުމެއް ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވެއެވެ. ހާއްސަކޮށް މެޗު ފާހަގަކުރެވުނީ ވަރަށް ވާދަވެރި މެޗެއްގެ ގޮތުގައެވެ. ޑިފެންސިވްލީ ވަރުގަދަ ޓެކުލްތައް ފުރަތަމަ ކޮޅުގައިވެސް ފެނިގެން ގޮސްފައިވެއެވެ. މެޗުގެ ފުރަތަމަ ހަމަލާ ފެނިގެން ދިޔައީ ކުވައިތުގެ ފަރާތުންނެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި އީދް އަލް ރާޝިދީ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކުވައިތުގެ މުހައްމަދު އަބްދުﷲ އެއް ފަހަރުން ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.
އޭގެ ފަހުން އިންޑިއާއިން ނުރައްކާ ކުރި އިރު، މެދުތެރެއިން ރަނގަޅު ޕާސްތަކެއް ކުރިއަށް ކުޅެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ގިނަ ހުރަސްތަކެއް މެޗުގެ ކުރީކޮޅުގައި ނަގާފައިވާ އިރު، 17 ވަނަ މިނެޓުގައި ސުނިލް ޗެތުރީ އަތުން ބޯޅަ ގެއްލުމާއެކު ޕެނަލްޓީ އޭރިއާ ބޭރުން އިންޑިއާގެ މަހޭޝް ސިންހް ފޮނުވާލި ބާރު ހަމަލާ، ކުވައިތު ޑިފެންޑަރު ހަމަދް އަލް ހަރްބީ ވަނީ ބްލޮކްކޮށްފައެވެ. އޭގެ އިރުކޮޅެއްފަހުން ކުވައިތުގެ ހަމަލާއެއް އަނެއްކާވެސް ފެނިފައިވާ އިރު، ޕެނަލްޓީ އޭރިއާ ބޭރުން ޝަބައިބް އަލް ޚަލްދީ ފޮނުވާލި ހަމަލާ ދިޔައީ އިންޑިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 25 ވަނަ މިނެޓުގައި ކުވައިތުގެ ޝަބައިބް އަލް ޚަލްދީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ކުވައިތުގެ މުހައްމަދު އަބްދުﷲ، އިންޑިއާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އޭގެ ފަހުން އަނެއްކާވެސް އިންޑިއާގެ ނުރައްކާ ބޮޑުކޮށް ފެނިފައިވާ އިރު، އެޓީމުން ހާފު ނިންމާލީ ލީޑުވެސް ނަގައިގެންނެވެ. އަނިރުދް ތާޕާ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ވޮލީ ކިކްއަކުން އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީއެވެ. ސާފް ޗެމްޕިއަންޝިޕްގައި ޗެތުރީ ޖެހި 23 ވަނަ ގޯލެވެ. ހިތްގައިމު ގޯލެކެވެ. އެ ގޯލާއެކު ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ހަދާފައިވާ ގޯލު ޖެހުމުގެ ރެކޯޑާ ޗެތުރީ ވަނީ އަރައި ހަމަކޮށްފައެވެ. ދަގަނޑޭ ވެސް ވަނީ ސާފް ޗެމްޕިއަންޝިޕްގައި 23 ގޯލު ޖަހައިފައެވެ.
ދެވަނަ ހާފްގެ ފެށުންވެސް ފެނުނީ ވަރަށް ބޮޑަށް ވާދަވެރިކޮށެވެ. ދެކޮޅަށްވެސް ހަމަލާތައް އުފައްދަމުން ދިޔައެވެ. ހާފުގެ 10 ވަރަކަށް މިނެޓް ހިނގިތަނާ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އަރިމަތިން އިންޑިއާގެ މުހައްމަދު ކުރުނިޔަން ފޮނުވާލި ހަމަލާ، ކުވައިތުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އަދި އަނެއްކޮޅުން އީދް އަލް ރާޝިދީ ދިން ބޯޅަ، އިންޑިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުވައިތުގެ ޝަބައިބް އަލް ޚަލްދީއަށް ރަނގަޅަށް ކޮންޓްރޯލު ނުކުރެވި ފުރުސަތު ބޭކަރު ވެގެން ދިޔައެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ކުވައިތުން އަނެއްކާވެސް ނުރައްކާ ކުރިއެވެ. ހިލޭ ޖެހުމަކުން ޝަބައިބް އަލް ޚަލްދީ ފޮނުވާލި ހަމަލާ، އިންޑިއާގެ ކީޕަރު އަމްރިންދަރު ސިންހް ވަނީ މަތަކޮށް ބޭރު ކޮށްލައިފައެވެ. މިރޭގެ މެޗުވެސް އެކި ފަހަރުމަތިން ކޮންމެވެސް ވަރަކަށް ހޫނު ވެގެން ގޮސްފައިވާ އިރު، ޝަކުވާތަކާއެކު އިންޑިއާގެ ކޯޗު އިގޯ ސްޓިމަކަށް ރީނދޫ ކާޑުވެސް ރެފްރީ ދެއްކިއެވެ. އެއީ މިފަހަރުގެ މުބާރާތުގައި އޭނާއަށް ދެއްކި ދެވަނަ ކާޑެވެ. ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ދެއްކީ ރަތް ކާޑެކެވެ. އެކަމާ ގުޅިގެން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ހުރީ ސަސްޕެންޝަންގައެވެ. ކޯޗަށް ރަތް ފުރަތަމަ ރީނދޫ ކާޑު ދެއްކިތާ 10 ވަރަކަށް މިނެޓް ފަހުން އަނެއްކާވެސް އިތުރު ހަމަނުޖެހުމަކާއެކު އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދައްކައި މިރޭވެސް ރަތް ކާޑު ދެއްކިއެވެ.
އޭގެ ފަހުންވެސް މެޗު ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައިވާ އިރު، ދެ ޓީމުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިއެވެ. އަދި އެ ހަމަނުޖެހުމާ ގުޅިގެން ކުވައިތުގެ ހަމަދް އަލް ގަލަފް އަދި އިންޑިއާގެ ރަހިމް އަލީއަށް ވެސް ރަތް ކާޑެއް ދައްކައިފައިވެއެވެ. އިންޑިއާގެ ރަހިމްއަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ކުޅުންތެރިއެކެވެ.
އެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ކުވައިތުގެ ޝަބައިބް އަލް ޚަލްދީ ފޮނުވާލި ބާރު ހަމަލާ، އިންޑިއާގެ ކީޕަރު އަންރިންދަރް ސިންހް ހުޝިޔާރުކަމާއެކު މަތަކޮށްފައިވާ އިރު، ކުވައިތުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އިތުރު ވަގުތުގެ ތެރޭގައެވެ. އެ ގޯލަކީ އިންޑިއާގެ އަންވަރު އަލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ކުވައިތުގެ އަބްދުﷲ އަބްލޫޝީ ފޮނުވާލި ހަމަލާއެއް، ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަދެފައިވަނީ އިންޑިއާގެ އަންވަރު އަލީ ފައިގައި ޖެހިފައެވެ.
މެޗުގެ ފަހުކޮޅުގައި ހަމަލާތައް މަދުކޮށް ފެނިފައިވާ އިރު، ވަރުގަދަ މެޗު އެއްވަރުވެ، އެއްވަނަ ލިބުނީ ކުވައިތަށެވެ. އެއީ ޖެހި ގޯލުންނެވެ. އިންޑިއާއާއި ކުވައިތުވެސް ހަތް ޕޮއިންޓާއެކު ހަ ފައިދާ ގޯލާއެކު އޮތް އިރު، ކުވައިތު ވަނީ އިންޑިއާއަށްވުރެ އިތުރަށް އެއް ގޯލު ޖަހައިފައެވެ. ގްރޫޕްގެ ތިންވަނަ ހޯދި ނޭޕާލަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފައެވެ. ޕޮއިންޓެއް ނުލިބި އޮތީ ޕާކިސްތާނެވެ.
މުބާރާތުގެ ގްރޫޕް ބީގެ ފަހު މެޗުތައް މާދަމާ އޮންނާނެއެވެ. އެންމެ ފުރަތަމަ އޮންނާނީ ރާއްޖެއާއި ލުބުނާން މެޗެވެ. އޭގެ ފަހުން މާދަމާ ރޭ ވާދަކުރާނީ ބޫޓާނާއި ބަންގްލަދޭޝްއެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023