އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ގްރޫޕް ސްޓޭޖުގެ ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ، ނޭޕާލް ކަޓައިގެން ދިޔައީ އުންމީދަށް މޮޅެއް ހޯދައިގެންނެވެ. ނޭޕާލުން މިއަދު ޕާކިސްތާން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މޮޅާއެކު ނޭޕާލަށް ސެމީ ފައިނަލް ޔަގީން ނުވި ނަމަވެސް، ނޭޕާލްގެ އިޓަލީ ކޯޗު، ވިންސެންޒޯ އަލްބާޓޯ އަނޭސޯ ޕްރެސް ރޫމަށް ވަދެގެން ދިޔައީ ހިނތުންވުމާއެކުގައެވެ. ވަން ގޮތަށް ވަދެ ފުރަތަމަވެސް ބުނީ "އަވަސް ކޮށްލަން ހިނގާށޭ" އެވެ. އޭގެ އިތުރުން އޭނާގެ މޫނުމަތިން ފެނުނު އުފާވެރިކަން ފާހަގަވިއެވެ. އެ ހިސާބުންވެސް އޭނާގެ ވާހަކަ އެހާ ކުރުކޮށް ނުލެވޭނެކަން އެނގެއެވެ. ކުރިން އިންޑިއާގެ ކްލަބުތަކުގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ވިންސެންޒޯއަކީ ސުވާލުތަކަށް ތަފްސީލު ޖަވާބުދޭ، އޮޅުން ފިލުވައިދޭ "ކޫލް" ކޯޗެކެވެ. ހާއްސަކޮށް އޭނާގެ ބަސްތައް ނޭޕާލްގެ ނޫސްވެރިންނަށް އަބަދުވެސް ކަމުދެއެވެ. ހާއްސަކޮށް ޕްރެޝަރަށް ނުވެއްޓި، މީޑިއާއާ ގުޅިގެން ޖަވާބުތައް ދޭ ކޯޗެއްގެ ގޮތުގައި އޭނާ ފަހަގަވެއެވެ.
"އަހަރެމެންނަށް ފުރަތަމަ ހާފުގައި އުނދަގޫތަކެއް ދިމާވި. އަހަރެމެންނަށް ފުރަތަމަ ހާފްގައި އަންޑަ އެސްޓިމޭޓް ކުރެވުނު ޕާކިސްތާން. އެހެންނަމަވެސް ދެވަނަ ހާފުގައި އެކަން ބަދަލުކުރި. ފުރަތަމަ ހާފުގައިވެސް ފުރުސަތުތައް ލިބުނު، ހުސް ފުރުސަތުތައްވެސް. ދެވަނަ ހާފަށް ގެނައި ބަދަލާއެކު އަހަރެމެންނަށް މެޗަށް ބަދަލުތަކެއް ގެނެވުނު. އަހަރެމެން ފޯފޯ ތުރީ ވަންއިން ފޯފޯ ޓޫން ގޮސް، ފޯ ތުރީ ތުރީއަށް ބަދަލުކުރުމުން ދަނޑު ރަނގަޅަށް ކަވަރު ކުރުމަށް ފުރުސަތު ލިބި، ފުރުސަތުތައް ތަނަވަސް ކުރެވުނު. އުނދަގޫ މޮޅެއް ހޯދުނީ،" ވިންސެންޒޯ ބުންޏެވެ.
އުމުރުން 38 އަހަރުގެ ވިންސެންޒޯއަށް މިއީ މި ސަރަހައްދުގެ ގައުމީ ޓީމެއްގެ އަލަތު ތަޖުރިބާއެވެ. ކުރިން އޭނާ ބެލީޒޭ ގައުމީ ޓީމަށް އިރުޝާދު ދިން ނަމަވެސް، އޭގެ ފަހުން ފެނުނީ އަނެއްކާވެސް ކްލަބު ފުޓުބޯޅައިންނެވެ. ސަރަހައްދީ އެންމެ ވަރުގަދަ ޓީމުތައް ވާދަކުރާ އިންޑިއާ ލީގުގައި ގޮކުލަމް ކެރެލާއާއެކު ވިންސެންޒޯ ތަފާތު ދެއްކިއެވެ. އެ ހިސާބުންވެސް ގައުމީ ޓީމަކަށް އޭނާ ދިޔައީ "ސީވީ ރަނގަޅުކޮށް،" ކެރިއަރު ބިނާކުރުމުގެ މަސައްކަތެއްގެ ތަޖުރިބާއަކަށް ކަމަށް ނޭޕާލްގެ ނޫސްވެރިން ދެކެއެވެ. އެއްބަސްވުން 2024 ވަނަ އަހަރާ ހަމައަށް އޮތް ނަމަވެސް، އެގައުމުގެ ފުޓުބޯޅައިގެ ޗެލެންޖްތަކުގައި ވިންސެންޒޯ މަޑުކުރާނެ ކަމަކަށް އަދިވެސް ނޫސްވެރިން ނުދެކެއެވެ. އެހެންނަމަވެސް އާ ޖީލަކަށް ހިތްވަރު ދީ، އެ ޖީލު ނޭޕާލުގައި މަޑުކުރުވަން ވިންސެންޒޯ މުހިންމު ކަމަށްވެސް އެގައުމުގެ ނޫސްވެރިން ދެކެއެވެ.
"ނޭޕާލަށް މިވަގުތު އޮތް ޓީމަށް ހިތްވަރު ދޭން އެންމެ ރަނގަޅު ކޯޗަކީ ވިންސެންޒޯ. އޭނާގެ ކިބައިގައި ގައުމެއްގެ ޓީމަށް އުފާވެރިކަން ގެނެސްދޭނެ ކެރެކްޓާއެއް ހުރޭ. ހާއްސަކޮށް ކަންކަން އޮންނަ ގޮތް އެންމެ ރަނގަޅަށް ކިޔައިދިނުމުގައި އެއީ ނަމޫނާ ކޯޗެއް. ވަރަށް ރަނގަޅަށް ޗެލެންޖްތަކާ ކުރިމަތިލާވެސް ކޯޗެއް. އަހަންނަށް ހީވަނީ އޭނާ އަދިވެސް ނޭޕާލް ގައުމީ ޓީމު ދޫކޮށްލާނެހެން، އިންޑިއާ ޓީމެއްގެ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ. އަސްލު ނޭޕާލަށް މި މުބާރަތަށް ވަރަށް ޗެލެންޖްތަކާ ކުރިމަތިވި. އެންމެފަހުން ސާފްގައި ކުޅުނު ޓީމުގައި ހިމެނުނު އަށް ވަރަކަށް ކުޅުންތެރިން މިހާރު ދިރިއުޅެނީ އޮސްޓްރޭލިއާގައި. އެއީ ދިރިއުޅުމުގެ ހާލަތަށްޓަކައި. މިހާރުވެސް އޮތީ އެގޮތަށް. މިހާރު ތިބި ޒުވާން ކުޅުންތެރިންނަށްވެސް އޮތީ އަދި އެގޮތް. އެ ކުޅުންތެރިންނަށް އެންމެ ރަނގަޅު ހިތްވަރަކަށް ވާނީ ވިންސެންޒޯ މިވަގުތަށް. އަހަރެން އުންމީދުކުރަން އޭނާ ނުދާނެ ކަމަށް،" ގޯލްނޭޕާލްގެ ސްޕޯޓްސް އެޑިޓަރު، ނޭޕާލްގެ ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ ބިކްރަމް ތާޕާ "ވަން ސްޕޯޓްސް" އަށް ވިދާޅުވިއެވެ.
ނޭޕާލަކީ މުބާރާތަށް އެންމެ ބޮޑެތި ޗެލެންޖްތަކަކާއެކު ތައްޔާރުވި ޓީމެވެ. އެހެން ގައުމުތަކުން ކޭމްޕުތައް ކޮށް، މުބާރާތްތައް ކުޅުނު ނަމަވެސް، ކްލަބުތަކުން ކުޅުންތެރިން ނުލިބިގެން ވިންސެންޒޯއަށް ޓީމާއެކު ތަމްރީނު ކުރެވުނީ ހަތަރު ސެޝަންގައެވެ. އެކަމަށް އޭނާގެ ޝަކުވާއެއް ނެތެވެ. އެކަމަށް ބަޔަކަށް "ބްލޭމް"އެއްވެސް ނުކުރެއެވެ.
"ނޭޕާލުގެ ފުޓުބޯޅައިގެ ކުރިމަގަށް ރަނގަޅު ފުރުސަތެއް އެބައޮތް. މި މުބާރާތުގައި ގޯލު ޖެހި ކުޅުންތެރިންގެ އުމުރަށް ބަލައިލިޔަސް އެނގޭނެ ނޭޕާލުގެ މުސްތަގުބަލަށް އޮތް ފުރުސަތު. އަހަންނަށް ފެނޭ ބައެއް ޖޯކުތައްވެސް ނޭޕާލް ޓީމާ ގުޅޭ ގޮތުން. އަހަރެމެން އެކަމަކު މި ދައްކައިދިނީ ނޭޕާލް ޓީމަށް އިހުތިރާމް ކުރަން ޖެހޭކަން. ނޭޕާލް ޓީމަށް ރަނގަޅު ކަންތައްތަކެއް އެބަހުރި. އަހަރެން މިހުރީ ވަރަށް އުފަލުން. އަހަރެންވެސް ބަލިވުމުން ވަރަށް ބޮޑަށް މާޔޫސްވާނެ. އެކަމަކު މޮޅުވީމަ އުފާވާނެ. އަހަންނަށް ހީވަނީ އަހަރެމެން މި ކުރާ މަސައްކަތް ކާމިޔާބުހެން. އަހަރެން ނޭޕާލްގެ ކުޅުން ބަދަލުކުރަމުން ދަނީ އުފަލާއެކު. އަހަރެމެންނަށް ވަގުތު ބޭނުންވޭ. އޭ ޑިވިޝަން ލީގަށް ސްޕޮންސާވެސް ބޭނުންވޭ. އަހަރެމެންނަށް ވަގުތު ދޭން ޖެހޭ ޕްރެކްޓިސް ކުރަން،" ޒުވާން ކުޅުންތެރިންނާއެކު އުންމީދު އޮތް ކަމަށް ބުނެ ވިންސެންޒޯ ބުންޏެވެ.
އުމުރުން 20 އަހަރުގެ ލަކެން ލިންބޫއާއި އުމުރުން 25 އަހަރު އަންޖަން ބިސްޓާ އަދި ބިމާލް ގާތީ މަގަރާއި 21 އަހަރުގެ މަނީޗް ޑާންގީގެ އިތުރުން 19 އަހަރުގެ އަޔުޝް ގަލަން އަދި މިއަދު ޕާކިސްތާނު ކޮޅަށް ގޯލު ޖެހި އަޝޫޝް ޗޯދުރީގެ ނަން ކޯޗު ވިންސެންޒޯ މިއަދުވެސް ފާހަގަކޮށްފައިވާ އިރު، އެ ކުޅުންތެރިން ގައުމުގައި މަޑުކުރުވަން ފައިސާ ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
"އަހަންނާ ދިމާލަށް ބުނާނެ މިވެނި ކަމެއް ކުރާށޭ، މިވެނި ކަމެއް ނުކުރާނެ. އެކަމަކު ޓެކްޓިކަލީ ބަދަލު ގެންނަން މަހެއްގެ މައްޗަށް ދެތިން ތަމްރީނު ސެޝަންތައް މަދުވާނެ. މިއީ މުސްތަގުބަލަށް ވަރަށް މުހިއްމު މޮޅެއް. އަހަރެމެންނަށް އޮތީ އެންމެ ބޮޑު ޗެލެންޖެއް. އެހެން ހުރިހާ ގައުމަކުން ސާފަށް އައީ އެކަށީގެންވާ ތަމްރީނުތަކަށްފަހު. އަހަރެން ކުރިން އިންޑިއާގައި އުޅެފައި ދިޔައީ. އަހަންނަށް އެނގޭ ފުޓުބޯޅައަށް މިހާރު ފައިސާ ވަރަށް ބޮޑަށް ބޭނުންވާކަން. އަދި އޭގެ އިތުރުންވެސް ސްކޫލްތަކުގައި ފުޓުބޯޅަ ކުޅުވަން ފަށަން ޖެހޭ. ސްކޫލްތަކުން ފެށިގެން އަހަރެން ވާނީ ފުޓުބޯޅަ ތަޖުރިބާ ކޮށްފައި، އެހެންވީމަ ސްކޫލްތަކުން ފެށިގެންވެސް ފުޓުބޯޅަ ބިނާކުރަން ޖެހޭ،" ވިންސެންޒޯ "ޕޮސިޓިވް" ވިސްނުމެއްގައި ވާހަކަދައްކަން ޖެހޭ ކަމަށް ބުނެ ޕޯސްޓް މެޗުގައި ފާހަގަކުރިއެވެ.
ވިންސެންޒޯ މިއަދު ނިންމާލަމުން ބުނީ ޗެލެންޖުތަކުގެ ތެރެއިން އޭނާއަށް ކުރެވުނު ވަރެއް ކުރި ކަމަށާއި، "މޮރީނިއޯ ނޫނީ ގާޑިއޯލާ ހުރި ނަމަ ޖާދުލެއް ދެއްކުނީސް،" ކަމަށެވެ. އެހެންނަމަވެސް އޭނާއަކީ "ވިންސެންޒޯ" ކަމަށެވެ. އަދި އޭނާ ބުނީ ޗުއްޓީއަކަށްފަހު ކުރިމަގަށް ވާހަކަ ދައްކާނެ ކަމަށެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023