ބޮޑު އީދުގެ މުނާސަބަތުގައި އެމްއެންޑީއެފުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ޕެރޭޑް ބާއްވާ ގޮތަށް ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ފުރަތަމަ ޕެރޭޑް މާދަމާ އޮންނާނީ އައްޑޫ ހިތަދޫގައި ކަމަށެވެ. މާދަމާ ހަވީރު 4:00 ހާއިރު ހިތަދޫ ސްކޫލު ކުރިމަތިން ފެށުމަށް ހަމަޖައްސާފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖައްސާފައިވަނީ އެ ރަށު "ސަރުސަނާ 3" ފިހާރަ ކުރިމައްޗަށެވެ.

އައްޑޫގައި ބާއްވާ ދެވަނަ ޕެރޭޑް އޮންނާނީ ބުރާސްފަތި ދުވަހު މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައެވެ. ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ހާއިރު މަރަދޫ މުދިންގޭ މަގާ ބޮޑުމަގު ގުޅޭ ކަންމަތިން ފެށުމަށް ހަމަޖައްސާފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖައްސާފައިވަނީ ފޭދޫ ޓާފް ދަނޑު ކުރިމައްޗަށެވެ.

އައްޑޫގައި ބާއްވާ އެންމެ ފަހު ޕެރޭޑް ހުކުރު ދުވަހު އޮންނާނީ ވަކިން އޮންނަ ހުޅުދޫ-މީދޫގައެވެ. ހުކުރު ދުވަހުގެ ހަވީރު 4:00 ހާއިރު ހުޅުދޫ އޮފީސް މަގާއި ބޮޑުމަގު ގުޅޭ ކަންމަތިން ފެށުމަށް ހަމަޖައްސާފައިވާ ފެރޭޑް ހުއްޓުމަށް ހަމަޖައްސާފައިވަނީ ކޯގަންނު ގަބުރުސްތާނު ކުރިމައްޗަށެވެ.

ފުވައްމުލައް ސިޓީގައި ޕެރޭޑް އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 4:00ގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އައްޑޫއާއި ފުވައްމުލަކުގައި ބާއްވާ ޕެރޭޑުގައި ދިވެހި އަސްކަރިއްޔާގެ ސިފައިންގެ އިތުރުން އައްޑޫ ސިޓީ ސްކޫލުތަކުގެ ކޭޑޭޓުންވެސް ބައިވެރިވާނެއެވެ. އަދި ފުވައްމުލަކުގައި ކުރިއަށް ގެންދާ ޕެރޭޑުގައި އެ ސިޓީގެ ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، އެ ދެ ސިޓީގައި ޕެރޭޑް ކުރިއަށްދާ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެ ކަމަށެވެ.