އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ރުޅި ގަދަވެފައި ހުރި ފްރެންޗެސްކޯ މޮރިއޭރޯ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށްފަހު، ނޫސްވެރިންގެ ބައްދަލުވުން ދޫކޮށްލައިފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ގައުމީ ޓީމުން ކުޅުނު މެޗުގައި ބަންގްލަދޭޝް ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ ނަތީޖާއާއެކު ރާއްޖެއަށް ދެން ސެމީއަށް ދާން އޮތީ އުނދަގޫ ހާލަތެކެވެ. އެއީ ލުބުނާން ބަލިކުރުމެވެ.

އެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް މޮރިއޭރޯ ވަދެފައިވަނީ ރުޅިވެރި މޫނަކާއެކުގައެވެ. ގިނަ ވާހަކަތަކެއް ނުދައްކައި، އޭނާ ބައްދަލުވުން ދޫކޮށް ދިޔައީ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށްފަހުއެވެ.

"އަހަރެން ފުރަތަމަވެސް ބޭނުންވަނީ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެން. މިއަދުގެ މެޗުން އަހަރެމެންނަށް މޮޅެއް ނުވެވުނު. އަހަރެމެން ޓީމަށް ނުކުޅެވުނު ރަނގަޅަކަށް،" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ މިއަދު ޕްރެސްގައި އިތުރު ސުވާލުތައް ކުރަން ނޫސްވެރިން މަސައްކަތްކުރުމުންވެސް އެކަމާ އަޅާލުމެއް ނެތި ޕްރެސް ރޫމް ދޫކޮށް ވަނީ ގޮސްފައެވެ. އަދި މެނޭޖަރަށްވެސް އޭނާ ހިފެހެއްޓިފައެއް ނުވެއެވެ.

މޮރިއޭރޯގެ އަމަލުތައް ބެހެއްޓި ގޮތާ ގުޅޭގޮތުން ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު (ޝިބާ) ބުނީ ކޯޗާ ދޭތެރޭ ފިޔަވަޅު އެޅުމަށް ވާހަކަދައްކައި، މަޝްވަރާ ކުރާނެ ކަމަށާއި އެ މައްސަލަ ބަލާނެ ކަމަށެވެ.

ކޯޗު މޮރިއޭރޯ ރާއްޖެއިން ޖަޕާން ކޭމްޕަށް ފުރަން އުޅުމުގެ ކުރިން މާލެއިން ނޫސްވެރިން އިންޓަވިއު ނަގަން އުޅުމުން، އެ ދުވަހުވެސް ވަނީ މީޑިއާއާ ވާހަކަދައްކަން އިންކާރުކޮށްފައެވެ. އަދި އޭގެ ފަހުންވެސް ކޯޗު ފެނުނީ މީޑިއާއާ ވަރަށް ބީރައްޓެހި ކޯޗެއްގެ ގޮތުގައެވެ. މޮރިއޭރޯ ވަނީ ތަރުޖަމާނަކާ ނުލައި ޕްރެސްއަށް އަންނަން ޖެހޭތީވެސް އެކަމާ ކޮންމެވެސް ވަރަކަށް މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއީ މިދިޔަ 20 އަހަރު ތެރޭގައިވެސް ސާފް ޗެމްޕިއަންޝިޕް މެޗެއްގައި ރާއްޖެއިން ބަންގްލަދޭޝް ކައިރީވި ފުރަތަމަ ބައްޔެވެ. މިއަދުގެ ނަތީޖާއާއެކު ރާއްޖެއަށް ސެމީއަށް ދާން އޮތީ އުނދަގޫ މަގެކެވެ. އެއީ ވަރުގަދަ ލުބުނާން ބަލިކުރުމެވެ. ރާއްޖެއާއި ލުބުނާން އަދި ބަންގްލަދޭޝްއަށްވެސް ގްރޫޕްގައި މިހާތަނަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕް ބީގައި މިރޭ ލުބުނާނާއި ބޫޓާން ވާދަކުރާނެއެވެ.

ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕު ސްޓޭޖުގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި ލުބުނާނާ ދެކޮޅަށް ނުކުންނާނީ އަންނަ ބުދަ ދުވަހުގެ ހަވީރު 3:00 ގައެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.