މާލެއިން 30 މީހުންނާއެކު ނ. ވެލިދުއަށް ދަތުރުކުރަމުން ދިޔަ ލޯންޗަކައް ރާޅެއް އަރައި އަޑިއަށް ގޮސްފިއެވެ.

އެމްއެންޑީއެފުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ލޯންޗަށް ރާޅު އަރާފައިވަނީ ނ. ރަންދެލި ރިސޯޓު ކައިރިން ކަމަށާއި އެ ލޯންޗު އެ ވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވަދެފައިވާ ކަމަށެވެ. އަދި ލޯންޗު އަޑިއަށް ގޮސްފައިވަނީ ލޯންޗުގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބި ފަހުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަޑިއަށް ގޮސްފައިވަނީ "ލީޖަން 7" ނަމަކަށް ކިޔާ ލޯންޗެކެވެ.

މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓު ނެރެފައެވެ. އެ އެލާޓުގައި ވަނީ ބޯކޮށް ވާރޭވެހި ގަޑިއަކު 19 މޭލާއި 40 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށެވެ.