ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ނޭޕާލް ކޮޅަށް އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތުރީ ޖެހި ގޯލަކީ އިންޑިޔާގެ ޖޯޒީގައި މިހާތަނަށް އޭނާ ޖެހި 91 ވަނަ ގޯލެވެ. އުމުރުން 38 އަހަރުވީ ޗެތުރީގެ 91 ވަނަ ގޯލް އައީ އިންޑިޔާއަށް އޭނާ ކުޅެދިން 139 ވަނަ މެޗުގައެވެ. ޗެތުރީއަކީ އިންޑިޔާގެ ތާރީޚުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އަދި އެންމެ ގިނަ ގޯލްޖަހާދީފައިވާ ކުޅުންތެރިޔާއެވެ. މި ރިކޯޑް އަދިވެސް ދާނީ ފުރިހަމަވަމުން ގިރިޓީވަމުންނެވެ. އެހެނީ އަދިވެސް އޭނާގެ ކުޅަދާނަކަމާއި ހަލުވިކަމަށް ބަދަލެއް ނާދެއެވެ. ހަމައެކަނި އިންޑިޔާ ނުވަތަ އޭޝިޔާއަކު ނޫނެވެ. މުޅި ދުނިޔޭގައިވެސް ޗެތުރީގެ ރިކޯޑުތަކަށް މިހާރު ވަނީ ސަމާލުކަން ލިބިފައެވެ. ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ދުނިޔޭގެ ލިސްޓުގައި ޗެތުރީގެ ނަން މިހާރު އޮތީ ހަތަރު ވަނައިގައެވެ.

އެއްވަނައިގައި އޮތީ ޕޯޗުގަލްއަށް 200 މެޗުން 123 ގޯލް ޖަހާދީފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަމެވެ. ދެވަނައިގައި އޮތީ އީރާނަށް 148 މެޗުން 109 ގޯލް ޖަހާދީފައިވާ އަލީ ދާއީގެ ނަމެވެ. ތިންވަނައިގައި އޮތީ އާޖެންޓީނާއަށް 175 މެޗުން 103 ގޯލް ޖަހާދީފައިވާ ލިއޯ މެސީގެ ނަމެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ސަތޭކަ ގޯލް ހަމަކުރެވިފައިވަނީވެސް މި ތިން ކުޅުންތެރިންނަށް އެކަންޏެވެ. މީގެ ތެރެއިން އަލީ ދާއީ ފިޔަވައި އަނެއް ދެކުޅުންތެރިން ގައުމީ ޓީމަށް އަދިވެސް އެބަކުޅެއެވެ. އެހެންވީމާ އެ ދެކުޅުންތެރިންގެ އަދަދުތައް ދެންވެސް ދާނީ އިތުރުވަމުންނެވެ. ސަތޭކަ ގޯލްގެ ކުލަބުގައި ހިމެނެން ސުނިލް ޗެތުރީ ދެން ބޭނުންވަނީ އިތުރު އެންމެ ނުވަ ގޯލެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އޭނާގެ ގޯލް ރޭޝިއޯއަށް ބަލާއިރު މިއީ ދެން ނުހަނު ގާތުގައި އޮތް ކަމެއް ކަމަށް ބެލެވެއެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އަދިވެސް ދެމިތިބި ކުޅުންތެރިންގެ ތެރެއިން ރޮނާލްޑޯ އާއި މެސީއަށްވުރެ ޗެތުރީގެ ސްކޯރިން ރޭޝިއޯ އުޅެނީ މަތީގައެވެ. އެހެންވީމާ އޭނާ ސަތޭކަ ގޯލް ހަމަކުރާނީ މެސީ އާއި ރޮނާލްޑޯއަށްވުރެ މަދު މެޗުތަކެއް ކުޅެގެން ކަމަށް ޔަގީންކުރެވެއެވެ. އެހެންނަމަވެސް މި ތިން ކުޅުންތެރިންގެ ތެރެއިން އުމުރުން އެންމެ ދޮށީ ކުޅުންތެރިއަކީ ޗެތުރީއެވެ. ރޮނާލްޑޯއަށްވުރެ އޭނާ ހައެއްކަމަސް ދޮށްޓެވެ. ރޮނާލްޑޯ އާއި މެސީ ފަދައިން ޗެތުރީއާމެދުވެސް އޭނާގެ ގައުމުގެ ސަޕޯޓަރުން ކުރާ އުންމީދުތައް ބޮޑެވެ. އިންޑިޔާގެ ބައެއް ފޭނުންގެ ނަޒަރުގައި ދުނިޔޭގެ ފުޓްބޯޅައިގެ ގޯޓަކީ މެސީއެއް ނޫނެވެ. ރޮނާލްޑޯއެއްވެސް ނޫނެވެ. އެމީހަކީ ޗެތުރީއެވެ. ޗެތުރީގެ އެގާރަ ނަމްބަރު ޖޯޒީގެ ފުރަގަހުގައި ގޯޓް ލިޔެފައިވަނިކޮށްވެސް ފެނެއެވެ.

ޗެތުރީއަކީ ފުޓްބޯޅައިގެ ގޯޓްކަމަށް އިންޑިޔާގެ ސަޕޯޓަރުން ބުނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ކުޅޭ ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް އޭނާ ލަނޑުޖަހައެވެ. މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އޭނާ ކުޅުނު ދެ މެޗުގައި ހަތަރު ގޯލް ޖަހާފައިވެއެވެ. އެއް މެޗުގައި ހެޓްރިކްވެސް ވަނީ ހަދައިފައެވެ. ދެހާހުގެ އަހަރުތައް ފެށުނު ފަހުން އިންޑިޔާގެ ޖޯޒީގައި ޗެތުރީ ނޫން އެހެން ކުޅުންތެރިއަކު ހެޓްރިކެެއް ނުހަދައެވެ. އެހެންވީމާ ސަޕޯޓަރުން އޭނާ ދެކެ ލޯބިވާނެތާއެވެ. ޗެތުރީގެ ސްކޯރިން ރޭޝިއޯއަކީ 0.65 އެވެ. މިއީ ކުޅުމުގައި މިހާރު ދެމިތިބި ކުޅުންތެރިންނަށް ބަލާއިރު އެންމެ މަތީ ރޭޝިއޯއެވެ. އިންޑިޔާ ކުޅޭ ކޮންމެ މެޗެއް ބަލަން ވަންނަ އެތައްހާސް ސަޕޯޓަރުންގެ ބުރަކަށީގައި ޗެތުރީގެ ނަން ލިޔެފައިވަނިކޮށް ފެންނަނީ މިހެންވެގެންނެވެ.

އިންޑިޔާގެ އެހެން ކުޅުންތެރިންނާއި އޮފިޝަލުންގެ ދުލުންވެސް ޗެތުރީއާމެދު އޮހެނީ ތައުރީފުގެ ބަސްތަކެވެ. ނޭޕާލާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބައެއް ކުޅުންތެރިން ބުނެފައިވެއެވެ. ޓީމުގައި ޗެތުރީ ހުރުމަކީ އެހެން ކުޅުންތެރިންގެ ހިތުތެރޭގައި އިތުބާރާއި ޔަގީންކަން ބޮޑުވާ ސަބަބެކެވެ. ކޮންމެވެސް ގޮތަކުން ކޮންމެވެސް ވަގުތަކު ޗެތުރީ ލަނޑުޖަހާނެކަން ކަށަވަރުވާތީއެވެ. ޗެތުރީގެ އަޚުލާގާއި ލީޑަރޝިޕަކީ އިންޑިޔާ މޮޅުވުމަށް އޮންނަ މަގެއް ކަމަށްވެސް ބުނެފައިވެއެވެ. އުމުރުން ސާޅީސް އަހަރުވުމާ ދޭތެރޭ ދެން މާގިނަ އަހަރުތަކެއް ނެތެވެ. އޮތީ ދެއަހަރެއްހައި ދުވަހެވެ. އެހެންވިޔަސް ޒުވާން އައު ކުޅުންތެރިންނަށް ޖާގަ ދިނުމަށްޓަކައި ޗެތުރީ ރިޓަޔަރކުރަން ޖެހެއޭ ހިތަށް އަރުވާ މީހަކު ނެތެވެ. މައިގަނޑު ވިސްނުމަކީ ސާޅީސް އަހަރުވިޔަސް ޓީމުގައި ދެމިހުރުމެވެ.

ސުނިލް ޗެތުރީގެ ނާރުތަކުގައި ދައުރުވަނީވެސް ފުޓްބޯޅައިގެ ލެއެވެ. އޭނާގެ ބައްޕަ ކޭ.ބީ ޗެތުރީއަކީ އިންޑިޔާގެ ސިފައިންގެ ޓީމަށް ގަދަޔަށް ފުޓްބޯޅަ ކުޅުނު ކުޅުންތެރިއެކެވެ. އިންޖިނޭރެެއްވެސް މެއެވެ. ޗެތުރީގެ މަންމަ ސުޝީލާއަކީ ނޭޕާލުގެ ގައުމީ އަންހެން ޓީމަށް ފުޓްބޯޅަ ކުޅުނު ކުޅުންތެރިއެކެވެ. ޗެތުރީގެ އަންހެނުން ސޯނަމަކީވެސް ފުޓްބޯޅަ އާއިލާއަކުން އައިސްހުރި އަންހެނެކެވެ. ސޯނަމްގެ ބައްޕަ ސުބްރަތާ ބައްޓަޗާރިޔާއަކީ އިންޑިޔާގެ ގައުމީ ޓީމުގެ ކުރީގެ ތަރިއެކެވެ. އަދި އިންޑިޔާގެ އެންމެ ބޮޑު އެއް ކުލަބްކަމަށްވާ މޯހަން ބަގާންގެ ލެޖެންޑެކެވެ. ސުނިލް ޗެތުރީގެ ޚިދުމަތާއި ފެންވަރުގެ އަގުވަޒަންކުރުމުގެ ގޮތުން އިންޑިޔާ ސަރުކާރުން އޭނާއަށް ނުދޭ އެވޯޑެއް ނެތެވެ. އަރުޖުނާ އެވޯޑާއި ޕަދުމާޝްރީ އެވޯޑާއި ޚެލް ރަތުނާ އެވޯޑްވެސް ވަނީ ދީފައެވެ.