ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހާއްސަ ގެކޮޅު، މުރައިދޫ ގެއިން ނުކުންނަވާ އަމިއްލަފުޅު ގެ، ގ. ކެނެރީ ގެއަށް ބަދަލުވެވަޑައިގަތުމަށް އެ ގެ ތައްޔާރު ކުރެއްވުމުގެ މަސައްކަތްޕުޅު ރައީސް މުހައްމަދު ނަޝީދު ފައްޓަވައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ އިތުބާރު ނެތް މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމާއެކު މުރައިދޫ ގެއިން ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. ނޯޓިސްގެ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހަށެވެ.

އަދި މުރާދޫ ގެއިން ނުކުމެވަޑައިގަންނަވާނެ ކަން ނަޝީދުގެ އޮފީހުން، ޗީފް އެގްޒެކްޓިވް އަހުމަދު މައުސޫމް ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާއަށް ވަނީ އަންގަވައިފައެވެ.

ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް އަބްދުލްސައްތާރު "ވަން" އަށް ވިދާޅުވި ގުގައި، ނަޝީދު ވަނީ މިއަދު މުރައިދޫ ގެއިން އެ މަނިކުފާނުގެ ބައެއް ތަކެތި ކެނެރީ ގެއަށް ބަދަލުކުރައްވައިފައެވެ. ނަމަވެސް ރަސްމީކޮށް އެ ގެއިން ނުކުންނަވާނީ އަންނަ ހޯމަ ދުވަހު ކަމަށް ވިދާޅުވިއެވެ.

ނަޝީދު މިހާރު ވަނީ ކެނެރީގެ ތައްޔާރު ކުރެއްވުމުގެ މަސައްކަތް ފައްޓަވައިފައެވެ. އެގޮތުން އެ ގެ ސާފުކުރެއްވުމުގައި ނަޝީދު ހަރަކާތްތެރިވާ ފޮޓޯތަކެއް އެ މަނިކުފާނުގެ ކޮއްކޯފުޅު އީހަބު އަބްދުﷲ ވަނީ ޓުވީޓު ކުރައްވައިފައެވެ. އެ ފޮޓޯ ތަކާއެކު އޭނާ ލިޔުއްވާފައި ވަނީ އެނބުރި ކެނެރީގެއަށް ކަމަށެވެ.