ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުރެ އުފައްދަވަން މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް" އަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަޖިސްޓްރީކޮށް ނުދިނުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދަ ޑިމޮކްރެޓްސް އަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން މި މަހުގެ 18 ވަނަ ދުވަހު ބޭއްވި އީސީގެ ބައްދަލުވުމުގައި ދެ މެންބަރަކު އެކަމާ ދެކޮޅު ހެދުމުން އެ ހުއްދަ އަދި ނުދޭން ވަނީ ނިންމައިފައެވެ. އެހެންވެ އެކަމަށްޓަކައި މި މަހުގެ 21 ވަނަ ދުވަހަށް އިތުރު ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރިއެވެ. ނަމަވެސް ދެ މެންބަރަކު ހާޒިރުވެވަޑައި ނުގަތުމުން ކޯރަމް ނުލިބި އެ ބައްދަލުވުން ބޭއްވިފައެއް ނުވެއެވެ.

އީސީގެ ގަވާއިދުގެ 3.1 އަދި 3.2 ގައި ބުނަނީ "ކޮމިޝަނުން ނިންމަންޖެހޭ ކަންކަން ނިންމަންވާނީ ކޮމިޝަނުގެ ޖަލްސާއަކުން ފާސްކޮށްގެން" ކަމަށާއި "ކޮމިޝަނުގެ ޖަލްސާއަކުން ކަމެއް ފާސްކުރަންވާނީ ޖަލްސާއަށް ހާޒިރުވެ ވޯޓު ދިން މެމްބަރުން އަގުލަބިއްޔަތުން" ކަމަށެވެ. ކޮމިޝަނުގެ ޖަލްސާއެއްގެ ކޯރަމަކީ ތިން މެމްބަރުންނެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިހާރު ކުރިއަށްގެންދާ ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ގާސިމު ވިދާޅުވީ، ގާނޫނުގައި ޕާޓީ ރަޖިސްޓްރީ ކުރަން ތިން މަސް ދުވަސް ދީފައި އޮތަސް ރަނގަޅު ގޮތަކީ ފޯމުތައް ހަމަވުމުން އެ ހުއްދަ ލަސްނުކޮށް ދިނުން ކަމަށެވެ.

އަދި ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ދުވަސްވީ މެންބަރުންތަކެއް ޑިމޮކްރެޓްސް އުފައްދަވަން އުޅޭއިރު އެ ޕާޓީ ރަޖިސްޓްރީ ނުކޮށްދޭން އީސީގެ ތިން މެންބަރަކު މަސައްކަތް ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވިދާޅުވިއެވެ.

"ފުރަތަމަ ލާ ދުވަހުވެސް ޝަތުރު ހަމަވާ ނަމަ އެ ބޭފުޅުން ޖެހޭނީ އެކަން ކޮށްދޭން،" ގާސިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ ނުފޫޒު އެބަ އޮތް ކަމަށާއި ސަރުކާރަށް ރައްޔިތުން މިހާރު އިތުބާރު ނުކުރާ ކަމަށެވެ. ރަނގަޅު ގޮތަކީ ރައީސް ސޯލިހު ވެރިކަމުން އަމިއްލަފުޅަށް ވަކިވެވަޑައިގަތުން ކަމަށްވެސް ވިދާޅުވިއެވެ.