އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 551 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި 551 ޝަކުވާ ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެ ޝަކުވާތަކަށް އީސީން ޖަވާބު ދޭނެ ކަމަށެވެ.
އަދި އީސީންދޭ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް އެފަރާތަކަށް ލިބިގެންވާ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.
އީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ހުށަހަޅާފައިވަނީ މަރުވެފައިވާ މީހުންގެ ނަންތައް ލިސްޓުން އުނިނުކޮށް ހުރުމުގެ މައްސަލަތަކެވެ. އެފަދަ 465 މައްސަލައެއް ހުށަހަޅާފައިވާ އިރު، ނަމާއި އެޑްރެސް ބަދަލުވުމުގެ 63 މައްސަލައަކާއި ދާއިރާ ބަދަލުވުމުގެ ތިން މައްސަލަ އާއި އައިޑީކާޑު ބަދަލުވުމުގެ މައްސަލައެއްވެސް ވަނީ ހުށަހަޅައިފައެވެ. އޭގެ އިތުރުން ލިސްޓުގައި ނަން ނެތް ކަމުގެ 19 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.
ހަބީބް ވިދާޅުވީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރުމުން، ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޝަކުވާ ހުށަނާޅާ ފަރާތަކަށް ދެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި ދާއިމީ ލިސްޓުގައި ނަން ނެތް މީހަކަށް ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.
އޭގެ އިތުރުން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް އަންނަ ޖުލައި 16 އިން އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު