މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) އުވައިލުމަށް ނިންމި ނިންމުމަށް އަމަލު ނުކުރުމަށް ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު މުރާޖައާ ކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުށަހެޅިގޮތަށް އެ އަމުރު މުރާޖައާ ކުރެވެން ނެތްކަމަށް ކޯޓުން ނިންމައިފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ އަދަދަށް އެމްއާރުއެމްގައި މެމްބަރުން ހަމަނުވާތީ އީސީން ވަނީ އެ ޕާޓީ އުވާލައިފައެވެ.
އެ މައްސަލައިގައި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން، ވިދާޅުވި ގޮތުގައި ޕާޓީ އުވާލާފައިވަނީ 5،300 އަށްވުރެ ގިނަ މެމްބަރުން ޕާޓީއަށް ވައްދަން ފޯމު ހުށަހަޅާފައި ވަނިކޮށް ކަމަށާއި އީސީން ޕާޓީ އުވާލަން ނިންމީ ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށެވެ. އަދި އެމްއާރުއެމްގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ އިރު، ކޯޓުން ވަނީ އެމްއާރުއެމް އުވާލުމަށް ނިންމި ނިންމުމަށް އަމަލު ނުކުރުމަށް ވަގުތީ އަމުރެއްވެސް ނެރެދީފައެވެ.
ސިވިލްކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅިގެން އީސީން ވަނީ އެ އަމުރަކީ އެފަދަ އަމުރެއް ނެރެދިނުމަށް މައްސަލައިގެ ހާލަތުތައް ތަންދޭ ފަދަ އަމުރަކަށް ނުވާތީ އާއި ޣައިރު ހާޒިރުގައި އަމުރު ނެރެދިނުމަށް ހުށަހެޅި ހުށަހެޅުމުގައި ހާމަކުރަންޖެހޭ ހަގީގަތްތައް (މައްސަލައިގެ ވާގިއާތަކާއި ހެކި ގަރީނާ) ހާމަކޮށްފައިވާ ކަމަށް ނުފެންނަ ކަމަށް ބުނެ އެ އަމުރު މުރާޖައާ ކުރަން ކޯޓުގައި އެދިފައެވެ.
ނަމަވެސް އެ މައްސަލަ ބެއްލެވުމަށްފަހު ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ވަނީ އީސީން އެދުނު ގޮތަށް އެ ވަގުތީ އަމުރު މުރާޖައާ ކޮށްދެވެން ނެތް ކަމަށް ނިންމަވައިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ އީސީން ހުށަހެޅި ނުކުތާތަކުގެ ތެރެއިން ޣައިރު ހާޒިރުގައި އަމުރު ނެރެދިނުމަށް ހުރަސްއެޅޭ ފަދަ ޝަރީއަތަށް ގަބޫލު ކުރެވޭފަދަ ހަގީގަތެއް އެމްއާރްއެމުން ހާމަނުކޮށް އޮތް ކަން އީސީއަށް ބުނެދެވިފައި ނުވާ ކަމަށެވެ.
އަދި ޣައިރު ހާޒިރުގައި މި އަމުރު ނެރެދިނުމަށް ހުރަސްއެޅޭފަދަ މައްސަލައިގައި ހާލަތުތައް ތަންނުދޭ ސަބަބުތަކެއް ހުރިކަމަށް ޝަރީއަތަށް ބުރަނުވެވޭތީ އީސީން އެދުނުގޮތަށް ވަގުތީ އަމުރު މުރާޖައާ ކޮށްދެވެން ނެތް ކަމަށް ކޯޓުން ކުރި ހުކުމުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު