ދައުރު ދަންމާލަން އެމްޑީޕީން ހުށަހަޅާފައި ވަނިކޮށް، ދެވަނަ ދައުރު ނިންމާލުމަށްފަހު، ރައްޔިތުންގެ މަޖިލިސް މިއަދު ޗުއްޓީއަށް ދިއުމުން، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވަން ހުށަހަޅައިފިއެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދާ އެމްޑީޕީ ޕީޖީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕުގެ މީޑިއާ ކޯޑިނޭޓަރު އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ވިދާޅުވީ ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވަން ޕީޖީ ގްރޫޕުން ނިންމައި އެކަން މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ސިޓީ ހުށަހަޅާފައިވަނީ 29 މެމްބަރުންގެ ސޮޔާއެކުއެވެ.
އެގޮތުން ހުށަހަޅާފައިވަނީ މަޖިލިސް ރައީސް އާއި މަޖިލިސް ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ފަހި ކުރުމަށާއި މަޖިލިސް ކޮމިޓީގައި ހުރި މައްސަލަތައް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމަށް އެދި ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިސް ގަވާއިދުގެ 45 ވަނަ މާއްދާގައިވާ ގޮތުން، ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބޭއްވޭނީ އެކަމަށް އެދި މަޖިލީހުގެ ތިންބައި ކުޅަ އެއްބައި މެމްބަރުން ސޮއިކޮށް، ސިޓީއަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވުމުންނެވެ. އަދި އެކަން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހޭނެއެވެ.
ދުވަސްތަކަކަށް ރިޔާސަތުން އެކަހެރިވެވަޑައިގެން ހުންނެވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާގެ ރިޔާސަތަށް ވަޑައިގެން މިއަދުގެ ޖަލްސާ ފަށްޓަވަމުންވެސް މިއީ މިދައުރުގެ ފަހު ޖަލްސާ ކަމަށާއި މިއަދުގެ ޖަލްސާއަށްފަހު މަޖިލިސް ޗުއްޓީއަށް ދާނެ ކަމަށެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީވެސް އެންމެ މައްސަލައެކެވެ. އެއީ މަޖިލިސް ކޮމިޓީތައް އެކުލަވާލަންޖެހޭ ގޮތާމެދު މަޝްވަރާކުރުމެވެ. އެއަށްފަހު އެކަމަށް އިސްލާހު ހުށަހެޅުމުގެ މުއްދަތެއް މެންބަރުންނަށް ދެއްވުމަށްފަހު ވޯޓަށް އަހާ ޖަލްސާ ބާއްވާނީ ދެން އަންނަ ދައުރުގައި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން، މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން، މަޖިލީހުގައި ހުރި މުހިއްމު މަަސައްކަތްތައް ނިންމުމަށް، ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައި ދިނުމަށާއި އެންމެ ކުޑަމިނުން ކޮމިޓީތައް ފާސްކުރުމަށްޓަކައި މިއަދު މެންދުރުފަހު އިތުރު ޖަލްސާއެއް ބައްވައި ދިނުމަށް މަޖިލިސް ރައީސްގެ ކިބައިން އަސްލަމް އެދިވަޑައިގެންނެވިއެވެ.
ނަމަވެސް މަޖިލީހުގެ މިއަދުގެ ދެވަނަ ދަންފަޅިއާއެކު 12:00 ގައި މަޖިލިސް ރައީސް ވަނީ މަޖިލިސް ނިންމަވައިލެއްވުމަށްފަހު ޗުއްޓީއަށް ވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު