އީދު ދުވަހާއި ވަޅު އީދު ދުވަހު އާންމުން އެދޭ ސަރަހައްދުތައް ބަންދު ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ސިޓީ ކައުންސިލުން ނިންމާފައިވަނީ އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 107 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، އެ ނިންމުން ނިންމާފައިވަނީ އެބަޔަކު ދިރިއުޅޭ ސަރަހައްދު ބަންދުކޮށްގެން އީދު ފާހަގަ ކުރުމަށް ކުދިކުދި ހަރަކާތް ހިންގުމަށް މަގު ފަހި ކުރުމަށާއި ކުރީ ފަހަރުތަކާ ހިލާފަށް ހުރިހާ މަގެއްގައި ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުމުން އާންމު ފަރާތްތަކަށް ދިމާވާ ދަތިތައް ނައްތާލުމަށް ކަމަށެވެ.

މި ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން އީދު ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކަށާއި ތުއްތު ކުދިން ގޮވައިގެން ހިނގާލަން ނުކުންނަން ބޭނުންވާ ފަރާތްތަކަށާއި ދުއްވާ އެއްޗެހީގައި އުޅޭ ފަރާތްތަކުގެ މަސައްކަތަށްވެސް ބުރޫނާރާ ގޮތަކަށް މި ދެ ދުވަހުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މީގެ ކުރީ އީދުތަކުގައި ބައެއް ގަޑިތަކުގައި މާލޭގައި ދުއްވާ އެއްޗެހި އަދި އިންޖީނުލީ އެއްގަމު އުޅަނދު ދުންވުން މަނާ ކުރެއެވެ.

ކަލަންޑަރުގައިވާ ގޮތުގައި މިއަހަރުގެ ބޮޑު އީދުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 28 ވަނަ ދުވަހެވެ. ވަޅު އީދަކީ 29 ވަނަ ދުވަހެވެ.