މިއަހަރުގެ ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން ނ. ވެލިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވެލިދޫ އީދު އުފާ 1444" ގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވެލިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި އީދު ފެސްޓިވަލްގައި ކޯޑި ކެނޑުން، މާލި ހެދުން އަދި ދަފި ނެގުން ފަދަ ސަގާފީ ގިނަ ހަރަކާތްތަކެއް ހިމެނެއެވެ. އަދި ވާދެމުން، ފައިގަތަޅާ އަދި ބައިސްކަލް ސައިކްލް ރޭސް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ހަވާއެރުވުމާއި އީދު މިއުޒިކް ޝޯއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މި ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ ޑެޓިއުން ބޭންޑް އަދި ބިދަބިން ބޮޑުބެރު ގްރޫޕްވެސް ބައިވެރިވާނެއެވެ.

"މިފަދަ އިޖްތިމާއީ އިވެންޓްތަކަށް ދިރާގުން އަބަދުވެސް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. އީދުގެ ހަރަކާތްތަކަކީ އަޅުގަނޑުމެންގެ ސަގާފަތުގެ ވަރަށް މުހިންމު ބައެއް. އެގޮތުން މިފަދަ ކުލަގަދަ ޙަފްލާއެއް މުޖްތަމައުއަށް ގެނެސްދިނުމަށް ދިރާގުން ވެދެއްވާ އެހީތެރިކަމަށްޓަކައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ނ. ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވިދާޅުވިއެވެ.

ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން މިއަދު ވިދާޅުވީ، މުޖުތަމައު ބާރުވެރިކުރުމަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި އީދަކީ ނ. ވެލިދޫގެ ރައްޔިތުންނާއި ރަށަށް ޒިޔާރާތްކުރާ ފަރާތްތަކަށް ފޯރިގަދަ އީދަކަށްވުން،" މިރުޝާން ވިދާޅުވިއެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިވާފަދަ ތަފާތު ސަގާފީ އަދި އިޖުތިމާއީ ހަރަކާތްތަކަށް އެހީތެރިވެ، އެއްބާރުލުންދިނުމަށް ކަމަށެވެ.