ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ދައުރު ދައްމާލަން ހުށަހަޅައި ބައެއް މެންބަރުން ތާއީދު ކޮށްފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ޖަލްސާ ނިންވައިލައްވައި މިއަދުން ފެށިގެން މަޖިލިސް ދެވަނަ ދައުރުގެ ޗުއްޓީއަށް ދިޔަކަން އިއުލާން ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބައެއް މުހިއްމު މައްސަލަތައް ނިންމާފައި ނޫނީ ޗުއްޓީއަށް ނުދާން މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެދިފައި ވަނިކޮށް މަޖިލީހުގެ ދައުރު ނުސީދާކޮށް ނިންމާލައި ޗުއްޓީއަށް ދާން ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިލައްވައިފައެވެ.
އެހެން ފަހަރުތަކުގައި ދައުރު ނިންމާ ޖަލްސާގައި، އެ ދައުރުގައި މަޖިލީހުން ނިންމި ބިލުތަކާއި ގަރާރުތަކާއި ކުއްލި މައްސަލަތަކާއި ވަޒީރުންނާ ސުވާލު ކުރެވުނު އަދަދާއި އެހެނިހެން މައްސަލަތަކާއި ދައުރުގައި މަޖިލީހުން މަސައްކަތް ނިންމި ޕަސަންޓޭޖްގެ މައުލޫމާތު ދެއްވި ނަމަވެސް މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން ހަމައެކަނި ވިދާޅުވި، "ދެހާސް ތޭވީސް ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ ނިމުނީ،" ކަމަށެވެ.
ރައީސް ނަޝީދު މިއަދުގެ ޖަލްސާގެ ރިޔާސަތަށް ވަޑައިގެންނެވީ، އެމަނިކުފާނު މަޖިލިސް ރައީސްކަމުން ވަކި ކުރުމަށް އެމްޑީޕީގެ 54 މެންބަރުން ހުށަހެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އަމިއްލަ ފުޅަށް މަޖިލިސް ޖަލްސާތަކުގެ ރިޔާސަތުން ބެލެއްޓުމަށް އުޒުރުވެރިވެވަަޑައިގެން ދުވަސް ކޮޅަކު ހުންނެވުމަށްފަހުގައެވެ.
ރިޔާސަތުން އެއްކިބާވެ ވަޑައިގެންނެވުމަށް، މިމަހު 11 ވަނަ ދުވަހު މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއްނިމެންދެން ކަމަށެވެ.
އެއަށްފަހު މަޖިލިސް ގަވާއިދުގެ ދަށުން މަޖިލިސް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ މެންބަރުގެ ގޮތުގައި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ހަމަޖެއްސެވިއެވެ. ނަމަވެސް މަޖިލިސް ގަވާއިދު ބުނާގޮތުން، އެގޮތަށް އައްޔަންކުރާ މެންބަރަކަށްވެސް ޖެހިޖެހިގެން ރިޔާސަތު ބެލެހެއްޓެވޭނީ ތިން ދުވަހުގެ މުއްދަތަށެވެ. މިދިޔަ ހޯމަ ދުވަހާ ހަމައަށް އަފީފް ޖަލްސާ ބަލަހައްޓަވަން ޖެހޭ ތިން ދުވަހުގެ މުއްދަތު އޮތީ ހަމަވެފައެވެ. އެހެންކަމުން މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު މަޖިލިސް ޖަލްސާތައް ބާއްވައިފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާއަކީ މަޖިލިސް ގަވާއިދު ބުނާގޮތުން ކޮންމެހެންވެސް ބާއްވަން ޖެހޭ ޖަލްސާއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރުގެ މައްޗަށެވެ.
މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.
ޖަލްސާތައް ބެހިފައިވާ ތިން ދައުރުގެ ތެރެއިން، ކޮންމެ ދައުރެއްގެވެސް ފުރަތަމަ ޖަލްސާ ބާއްވާނީ، އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހުގައެވެ. އެ ދައުރު ނިމޭ ޖަލްސާ ބާއްވާނީ، އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ދުވަހުގައެވެ.
ކުރިއަށް މި އޮތް ބޮޑު އީދުގެ ޗުއްޓީ އާއެކު މި މަސް ނިމޭނެއެވެ. އެހެންކަމުން މި މަހުގެ 30 ގައި ދައުރު ނިމޭ ގޮތަށް އޮތް ނަމަވެސް ދައުރުގެ ފަހު ބުރާސްފައްޗަށް ވާނީ މިއަދުއެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީވެސް އެންމެ ކަމެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ތަމުސީލު ކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާމެދު ބަހުސްކުރުމެވެ.
އެ ބަހުސަށްފަހު މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވާނެ ގޮތަށް އިސްލާހު ހުށަހެޅުއްވުމަށް މެންބަރުންނަށް މުއްދަތެއް ދެއްވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ނަމަވެސް މެންބަރުން ހުށަހަޅާ އިސްލާހުތަކަށް ވޯޓަށް އެހުމާއި ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރާނެ ގޮތަކާމެދު ގޮތެއް ނިންމުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައިކަން އިއުލާން ކުރުމަށްވެސް ހިމަނާފައިވެއެވެ. މަޖިލިސް ޖަލްސާއެއް ބޭއްވޭނީ، މަޖިލީހުގެ ދެން އަންނަ ދައުރެއްގައެވެ.
މިއަދުގެ ޖަލްސާ ފެށުމަށްފަހު، ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުން ތަމުސީލު ކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާމެދު ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ މަޖިލިސް ދައުރު ދަންމާލުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަސްލަމް ވަނީ، އިތުރު ދުވަހަކަށް މަޑުނުކޮށް، މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ބާއްވައިގެން ނަމަވެސް ކޮމިޓީތަކަށް އަންނަ ބަދަލުތައް ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ބަހުސްގެ ތެރެއިން އަސްލަމްގެ އެ ހުށަހެޅުމަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ތާއީދުވެސް ކުރެއްވިއެވެ. ނަމަވެސް އެ ހުށަހެޅުމަށް ވޯޓަށް އެހުމަކާ ނުލައި މަޖިލިސް ރައީސް މިއަދުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ހުރިކަމަށް ވިދާޅުވެ، އެ މަޖިލީހުގެ މިހިނގާ މިއަހަރުގެ ދެވަނަ ދައުރު ދަންމާލަން އަސްލަމް ވަނީ ސިޓީއަކުން ވެސް މަޖިލިސް ރައީސަށް ދަންނަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު