އިންޑިއާގެ ބެންގަލޫރުން: އިމާދު ލަތީފް/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023 ހުޅުވުމުގެ ގޮތުން އިއްޔެ މެންދުރުފަހު ނޭޕާލާއި ކުވޭތު ބައްދަލުކުރި މެޗުގެ ކުރިން އަޅުގަނޑުގެ ހަނދާނަށް އައީ މީގެ ތޭވީސް އަހަރު ކުރިން ބޫޓާނުގެ މައްޗަށް ކުވޭތުން ހޯދި ތާރީޚީ މޮޅެކެވެ. ކުވޭތު ސިޓީގައި ކުޅެގެން ވިހި ސުމެއްގެ ބޮޑު ނަތީޖާއަކުން ކުވޭތު މޮޅުވުމުގެ ހަނދާންތަކެވެ. ބޫޓާނަކީ ނޭޕާލުވެސް ފަދައިން ދެކުނު އޭޝިޔާގެ ފުޓްބޯޅަ އާއިލާގެ މެންބަރެކެވެ. ސާފް ފެޑެރޭޝަނުގެ މެންބަރެކެވެ. އެހެންވީމާ މި އާއިލާގެ އެހެން މެންބަރަކާ ދެކޮޅަށް ކުވޭތު މިފަހަރު ނިކުމެ ކިތައް ލަނޑުޖަހާނެބާވައޭ ހިތަށް އެރީއެވެ. ބޫޓާނުގެ މައްޗަށް ކުވޭތު ހޯދި މޮޅަކީ ދުވަސްކޮޅަކަށް ދުނިޔޭގެވެސް ރިކޯޑެކެވެ. އެ ރިކޯޑުގެ މަތިން މިއަދުވެސް ކުވޭތު ހަނދާންކުރެއެވެ. އެމީހުންގެ ފުޓްބޯޅައިގެ ރަން ދުވަހެއްގެ ގޮތުގައެވެ.
ނޭޕާލާ ދެކޮޅަށް ކުޅެގެން އެކަހަލަ ނަތީޖާއެއް ކުވޭތަކަށް އިއްޔެ ނުނެރެވުނެވެ. ތިނެއް އެކަކުން ކުވޭތު މޮޅުވިއަސް ކުވޭތުގެ ކޯޗު ހުރީ ހިތްހަމަޖެހިގެނެއް ނޫނެވެ. ބައިކޮޅަށް ގޯލެއް ވަނުމާއި ހިތްއެދޭ އަދަދަށް ގޯލްތަކެއް ނުޖެހުމުގެ ނުތަނަވަސްކަން ބޮޑެވެ. މެޗަށްފަހު އޮތް ޕްރެސް ކޮންފަރެންސުގައި އެކަން ފެނުނެވެ. މަގޭ ކުޅުންތެރިންނަށް މިއަށްވުރެ މޮޅަށް ކުޅެވޭނެޔޭ، މިއަދު މިފެނުނީ އެމީހުންގެ ހަގީގީ ފެންވަރެއް ނޫނޭ ބުނެފައި ކުވޭތުގެ ކޯޗު ރުއި ބެންޓޯ އަވަސްއަވަހަށް ޕްރެސް ނިންމައިލީ ހިތްހަމަނުޖެހިފައިހުރި މިންވަރު ބޮޑުކަމުންނެވެ. ކޯޗުގެ ނުތަނަވަސްކަން އޮތީ ގަބޫލުކުރެވޭގޮތުން ދެވަނަ ހާފާމެދުގައެވެ. އިއްޔެގެ މެޗަކީ މުޅިން ތަފާތު ދެ އޮއިވަރެއް ފެނުނު ތަފާތު ދެ ހާފެކެވެ. ފުރަތަމަ ހާފުގައި ކުވޭތަށް ކޮންޓްރޯލް ނެގުނަސް ދެވަނަ ހާފުގައި ވަރުގަދަކޮށް ފެނުނީ ނޭޕާލެވެ.
ފުރަތަމަ ހާފުގައި މެދުތެރޭގެ ކޮންޓްރޯލް ނަގައިގެން ބޭނުން ގޮތަކަށް ކުވޭތުން ކުޅުނަސް ދެވަނަ ހާފުގައި ނޭޕާލުން ކުރިއަށްޖެހި ކުވޭތު ޕްރެޝަރަށް ވައްޓައިލިއެވެ. ކުވޭތުގެ ޑިފެންސްލައިނުގައި ހުރި މައްސަލަތައް ވަރަށް ރީއްޗަށް ފެނިގެންދިޔައެވެ. ކޯޗު ރުއި ބެންޓޯއަށް ނުތަނަވަސްކަން ލިބުމުގެ ސިއްރަކީ އެއީއެވެ. ނޭޕާލުގެ އެޓޭކަރުންގެ ތޫނުފިލިކަން ތަންކޮޅެއް މައްޗަށް ޖައްސައިލެވުނުނަމަ ނޭޕާލަށް ޕޮއިންޓެއް ލިބުންވެސް އެކަށީގެންވެއެވެ. ކޮންމެއަކަސް މި ދެހާފުން ވަރަށް ބޮޑު ފިލާވަޅެއް ވަނީ ލިބިފައެވެ. އެ ފިލާވަޅުގެ ބޭނުން މި ގްރޫޕުގެ އެހެން ޓީމުތަކުން ހިފާނެއެވެ. ހިފޭނެއެވެ. ދެކުނު އޭޝިޔާގެ ފުޓްބޯޅަ އެބަކުރިއަރާކަމާއި ފެންވަރުގެ ގޮތުން މަތީފަންތީގެ ޓީމުތަކާވެސް ވާދަކުރެވިދާނެކަމާއި ރަނގަޅު ނަތީޖާއަކަށްޓަކައި ކުރަންޖެހޭ ކަންކަން މި މެޗުން ވަނީ އެނގިގެންގޮސްފައެވެ.
މެޗަށްފަހުއޮތް ޕްރެސް ކޮންފަރެންސްގައި ނޭޕާލުގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ އަނޭސީ ބުނެފައިވަނީ ނޭޕާލުގެ ކުޅުންތެރިންނަށް ހެދުނު ގޯހަކީ ފުރަތަމަ ހާފުގައި މާބޮޑަށް ކުވޭތަށް އިހުތިރާމް ކުރުން ކަމަށެވެ. ކުވޭތުގެ ފެންވަރާއި ހައިސިއްޔަތު ބޮލަށްވަދެ ބިރުގަތުން ކަމުގައެވެ. އެބިރާއި އެޖެހިލުންވުން އެކަހެރިކޮށް ވަރުގަދައަށް ޖެއްސީމާ ދެވަނަ ހާފުގެ އޮއިވަރު ބަދަލުވީކަމަށާއި ކުރިއަށްދާން އެދޭނަމަ ވިސްނުން ބަދަލުކުރަން އެބަޖެހޭ ކަމަށްވެސް ބުންޏެވެ. އޭނާގެ މި ބުނުން ވަރަށް ސައްހައެވެ. އަޅުގަނޑަށްވެސް އެ ބުނުން ގަބޫލު ކުރެވެއެވެ. ދެކުނު އޭޝިއާގެ ޓީމުތަކުގެ ވިސްނުން ބަދަލުވާން އެބަޖެހެއެވެ. ނަމުން ކިތަންމެ ބޮޑަސް މެޗަށް ނުކުންނަނީ އެގާރަ ކުޅުންތެރިންނާ ދެކޮޅަށް އެގާރަ ކުޅުންތެރިންނެވެ. ބިރުގަނެ ސިހިފައި ތިބެގެން ކުޅެވޭނެ މޮޅު ކުޅުމެއް ނޯންނާނެއެވެ.
މި ފިލޯސަފީއަކީ ދެކުނު އެމެރިކާ ބައްރުގައި ބްރެޒިލްއާއި އާޖެންޓީނާ ފަދަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނުކުންނައިރު އެސަރަހައްދުގެ ބޮލީވިޔާ އާއި ޕެރޫއާއި ޕެރަގުއާއީ ފަދަ ގައުމުތަކުގެ ކޯޗުންވެސް ވަރަށް ބޮޑަށް ކުޅުންތެރިންގެ ސިކުނޑިތަކަށް ވައްދައިދޭ އެއްޗެކެވެ. އެކަށީގެންވާ ގޮތެއްގައި ވާދަކުރަން ކުޅުންތެރިންނަށް ދެވޭ ނަފުސާނީ ވެކްސިނަކީވެސް އެއީއެވެ. ވޯލްޑްކަޕް ފަދަ މުބާރާތްތަކުގައި ދެކުނު އެމެރިކާ އާއި ޔޫރަޕުގެ ވަރުގަދަ ބާރުތަކާ ދެކޮޅަށް ނުކުންނައިރު އެފްރިކާ އާއި އޭޝިއާގެ ގައުމުތަކުގެ ކޯޗުންވެސް ކުޅުންތެރިންނަށް އެންމެ ބޮޑަށް ވިސްނައިދޭން ބާރުއަޅާ އެއްޗަކީ އެއީއެވެ. މިހާރު މިއޮތީ ސާފް އާއިލާގެ މެންބަރުންވެސް މި ފަލްސަފާއަށް ތަބާވާންޖެހިފައެވެ. މިސަރަހައްދުން ބޭރުގެ މަތީފަންތީގެ ޓީމުތައް މި މުބާރާތުގައި ވާދަކުރަން ފެށުމުންނެވެ.
ނޭޕާލުގެ ކޯޗުގެ ބުނުމާމެދު އަޅުގަނޑަށް އެހާބޮޑަށް ސަމާލުވެވުމުގެ ސިއްރަކީ މަތީފަންތީގެ ޓީމުތަކާ ވާދަކުރާއިރު ދިވެހި ޓީމުގެ އާއްމު ރޭވުންތެރިކަން ހުންނަގޮތް ހިތަށް ގެނެވޭތީއެވެ. މާބޮޑަށް ފަހަތަށްޖެހި ދިފާއީ ފާރެއްގެ ނިވަލުގައި ބައިކޮޅަށް ވަންނަ އަދަދު މަދުކުރުމުގެ ވިސްނުމެެއް ގެންގުޅެވޭތީއެވެ. މިއީ މާޒީން ލިބެންއޮތް ފިލާވަޅެކެވެ. ބައެއް ކޯޗުން ބުނެއެވެ. އެންމެ މޮޅު ޑިފެންސަކީ ދޫނުކޮށް އެޓޭކްކުރުމެވެ. ފަހަތަށް ނުޖެހުމެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ލުބުނާނާ ވާދަކުރާއިރު ދިވެހިން ގެންގުޅެންވާނީ ނޭޕާލުގެ ކޯޗު އެ އިޝާރާތްކުރާ ފިލޯސަފީއެވެ. ބިރުގަނެ ސިހުމުގެ ބައިދޫކޮށް ވަރުގަދައަށް ޖެއްސުމުގެ ފިލޯސަފީއެވެ. އެ ފިލޯސަފީއަށް ތަބާވެވިއްޖެނަމަ ލުބުނާން ބަލިކުރުމަކީ ކުރެވިދާނެ ކަމެކެވެ. ލުބުނާނަކީ ކުވޭތަށްވުރެ ވަކިން މޮޅު ޓީމެއްވެސް ނޫނެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023