ނަމޫނާ، ޝަރަފުވެރި ގައުމީ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) އަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. އުމުރުން 36 އަހަރުގެ އަކޫ ކަކުލުގެ ސާޖަރީއަކަށްފަހު މިހާރު އަންނަނީ ރިކަވާވަމުންނެވެ. އަނިޔާގެ ސަބަބުން މިފަހަރު އަކޫ ސާފް ދޫކޮށްލުމުން، ގައުމީ ކެޕްޓަން ބޭންޑްގެ ޒިންމާގައި ހުރީ ސަމޫހު އަލީ (ސަމުއްޓެ) އެވެ. އަކޫގެ ޑިފެންސިވް ޕާޓްނަރެވެ. ޓީމުގެ ލީޑަރެއްގެ ގޮތުގައި އަކޫއަށް މިފަހަރު ނުދެވުނު ނަމަވެސް، އޭނާއަށް ސާފް ޗެމްޕިއަންޝިޕް އަބަދުވެސް ހާއްސައެވެ. ހާއްސަކޮށް 2018 ގައި އަކޫ ދެއްކި ސާބިތުކަމާއި ލީޑާޝިޕް، އުފުލައިލި ދެވަނަ ސާފްގެ ތަށި ދިވެހީން ހަނދާން ހުންނާނެއެވެ. އޭގެ ކުރިން 2008 ވަނަ އަހަރު ބޭބެ، އައްސަދު އަބްދުލްޣަނީގެ ކާމިޔާބީ ގައުމަށް ތަކުރާރުކޮށްދީ އަކޫ ވަނީ ދިވެހީން ހެއްވާލައިފައެވެ.

"ގައުމީ ޓީމާ އެއްކޮށް ނުދެވުމުން މާޔޫސްކަމެއް ނެތް. އަނިޔާގެ ހާލަތު ހުރޮގޮތުން މުޅިން ފިޓް ނޫންވީމަ މިހެން މިބުނަނީ. އެކަމަކު އެހާ ގިނަ ދުވަސްތަކެއް ފަހުން، ސާފް ޗެމްޕިއަންޝިޕް ކުޅޭއިރު ޓީމާ ދުރުގައި ހުންނަން ޖެހޭތީ ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވެނީ،" އަކޫ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން "ވަން ސްޕޯޓްސް" އަށް އެކްސްކްލޫސިވްކޮށް ބުންޏެވެ.

އަކޫގެ ހަނދާނުގައި 2018 ގެ ރަން ހަނދާންތައް އަދިވެސް އެބަހުއްޓެވެ. ސާފް ޗެމްޕިއަންޝިޕެއް ގައުމަށް ގެނެސްދެވުމަކީ ކިހާބޮޑު ކަމެއްކަން އަކޫއަށް ވަނީ އިހުސާސް ކުރެވިފައެވެ. އެ ތަށްޓާއެކު ދިވެހީން އޭނާއަށް ދިން ލޯތްބާއި އިހުތިރާމް އަދިވެސް ހަނދާނުގައި އެބަހުއްޓެވެ.

"2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދުމަކީ ހަގީގަތުގައިވެސް ދިވެހި ގައުމަށްޓަކައި، އަޅުގަނޑަށް ވަރަށް ބޮޑު ފަހުރެއް ލިބުނު ވަގުތެއް. އަޅުގަނޑުގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ އުފާވި ދުވަސް. ހާއްސަކޮށް އައްސަދުބެ ގެ މަގާމުގައި ހުރެ އެކަން ރިޕީޓް ކުރެވުނީމަ އިތުރު އުފަލެއް ލިބުނު. އަދި ދިވެހި ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބު އަދި އަޅުގަނޑަށް ދިން އިހުތިރާމް ދުވަހަކުވެސް ހަނދާން ނުނެތޭނެ. ކުޅެގެން ލިބުނު ހުރިހާ މެޑަލް އަދި ޓްރޮފީތަކަށްވުރެވެސް މާ އުފާވޭ، ފެންނަ ކޮންމެ މީހަކު ހީލާފައި ކެޕްޓަންއޭ ކިޔާފައި ގޮވާލާތީ އުފާވޭ،" އަކޫ ބުންޏެވެ.

އަކޫގެ ނަޒަރުގައި 2018 ގައުމީ ޓީމަށް ލިބުނީ އެކުވެރި ރޫހެއް އުފެދިގެންނެވެ. ޓީމުގެ އެކުވެރިކަމާއި ބަދަހިކަން ދަމަހައްޓަން އުނދަގޫވެފައި އޮތް ހާލަތެއްގައި ލީޑަރުންތަކެއް އުފެދިގެންނެވެ. 2018 އަކީ އެތަކެއް ޕްރެޝަރެއް ޓީމަށް އޮތް ފަހަރެއް ނަމަވެސް، ގައުމީ ޖޯޝު ކުޅުންތެރިން ދެއްކިއެވެ. އެ އިހުސާސްތަކާއެކު މިއަދު "އެންމެ ބޮޑު ސަޕޯޓަރުގެ" ގޮތުގައި ހުރެ، އަކޫގެ ދުއާއަކީ ގައުމީ ޓީމަށް ކާމިޔާބެވެ.

"އިންޝާ ﷲ ކޮންމެ ކުޅުންތެރިޔަކު ކުޅުނަސް އަޅުގަނޑު އެންމެ ފުރިހަމައަށް އިތުބާރުކުރަން. ހުރިހާ ކުދިންވެސް ހިތްވަރާއެކު މަސައްކަތް ކުރަން އަހަރެން އެދެނީ. އެންމެންވެސް ޓީމަށް ކާމިޔާބީއަށް އެދިގެން އަބަދުވެސް ތިބެންވާނީ. ތިކުދިންނަށް އޮތީ ޓީމެއްގެ ގޮތުގައި މޮޅުވާން މަސައްކަތް ކުރުން. އިންޝާ ﷲ އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ. އިންޝާ ﷲ އަބަދުވެސް ތިކުދިންގެ ފަހަތުގައި ހިޔްވަރުދޭން ހުންނާނަން،" އަކޫ ބުންޏެވެ.

އަކޫ ސަޕޯޓަރުންނަށްވެސް ދެނީ އަގުހުރި މެސެޖެކެވެ. ދިވެހި ޓީމަށް ހެޔޮ ދުއާކޮށްދެއްވުމަށް އެދި އެދޭ އެދުމެކެވެ.

"ހުރިހާ ދިވެހިން ވެސް އަބަދުވެސް ދިވެހި ޓީމް ފަހަތުގައި އަތުގުޅާލައިގެން ތިބުމަށް އެދެން. އިހްލާސްތެރިކަމާއެކު ދިވެހި ޓީމަށް ކާމިޔާބީއަށް އެދި ދުއާ ކޮށްދެއްވުން އެދެން. މިއަދު އަޅުގަނޑަކީވެސް ތިޔަ އެންމެހާ ބޭފުޅުންނެކޭ އެއްގޮތަށް ޓީމްގެ ސަޕޯޓަރެއް. އިންޝާﷲ ކާމިޔާބީގެ ޓީމަށް މަރުހަބާ ކިޔަން އެންމެ ކުރީ ސަފުގައި ހުންނާނަން. ﷲ އަޅުގަނޑުމެންގެ ދިވެހި ޓީމަށް ކާމިޔާބީ ދެއްވުން އެދި ދުއާކުރަން،" އަކޫ ބުންޏެވެ.

ރާއްޖޭގެ ގައުމީ ޓީމުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ފުރަތަމަ މެޗަށް މިރޭ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ރާއްޖެ ގަޑިން 7:00 ގައެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.