ރާއްޖެއަށް 61 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީ އެތެރެކުރި މައްސަލައިގައި 2020 ވަނަ އަހަރު އަތުލައިގަތް މީހުންގެ ތެރެއިން، މަސްތުވާތަކެތި އުފުކި ދޯނީގައި ތިބި ހަ މީހުންގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ކުށް ސާބިތުވެ އުމުރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކ. މާލެ، މ. ބޮއިލިންގފިޝް، އަހުމަދު ވިސާމް އިސްވެ ހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން 26 މާރިޗު 2020 ދުވަހު "އިރުއަލިމަސް" ނަމަކަށް ކިޔާ ދޯންޏެއްގައި ރާއްޖެއަށް 61 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 11 މީހަކަށް ދައުވާ ކުރިއެވެ.

  • އަހުމަދު ވިސާމް، ކ. މާލެ/ މ. ބޮއިލިންފިޝް
  • މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ/ ގުލްދަސްތާގެ
  • މުހައްމަދު މާއިޝް، ކ. މާލެ/ މ. މާކޮޅު
  • މުހައްމަދު ޝާމިން، ކ. މާލެ/ މއ. ވިރާހު
  • އަހުމަދު ސިފާޒް، މާލެ/ހުޅުމާލެ ފްލެޓް ނަންބަރު 06-ޖީ-4
  • އަބްދުﷲ ޝާމް. ކ. މާލެ/ މއ. ބޯޅަކިންކިރިމާގެ
  • ހުސެއިން ސުނާޒު، މ. މުލި/ ސޯސަންވިލާ
  • ސައުދުﷲ ރަޝީދު، ކ. މާލެ/ މ. ކެޕްރިކޯން
  • މުހައްމަދު ނަޝީދު، މ. މުލި/ ހުދުފިނިފެންމާގެ
  • މުހައްމަދު މާއިދު، މ. ކޮޅުފުށި/ އޯޝަންވިއު
  • މުހައްމަދު ރިޝްވާން އިބްރާހިމް، މ. މުލި/ މުޝްތަރީގެ

އެ މީހުންގެ ތެރެއިން، މުހައްމަދު ނަޝީދު ވަނީ ޖަލުގައި ހުއްޓައި މަރުވެފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި، އަހުމަދު ވިޝާމް އާއި މުހައްމަދު މާއިޝް އާއި މުހައްމަދު ޝާމިން އާއި މުހައްމަދު ހަމީދު ހައްޔަރުކޮށްފައިވަނީ މާލެ އާއި ހުޅުމާލެއިން ހަތަރު ގެއެއް ބަލައި ފާސްކޮށް ހިންގި އޮޕަރޭޝަންގައެވެ. ބާކީ ތިބި ހަތް މީހުން ހައްޔަރުކުރީ މަސްތުވާތަކެތި އުފުލި ދޯނިންނެވެ.

އެ މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގައި ދޯނިން ހައްޔަރުކުރި ހަ މީހުންގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ދައުވާ ސާބިތުވާ ކަމަށް ހުކުމްކޮށްފައެވެ. އެ ހަ މީހުންނަކީ އަހްމަދު ޝިފާޒް، އަބްދުﷲ ޝާމް، ހުސައިން ސުނާޒް، މުހައްމަދު މާއިދު، މުހައްމަދު ރިޝްވާން އިބްރާހިމް އަދި ސައުދުﷲ ރަޝީދުއެވެ.

އެ ހަ މީހުން އުމުރަށް (25 އަހަރަށް) ޖަލަށް ލުމާ އެކު 100،000 ރުފިޔާއިން ޖޫރިމަނާކޮށް، އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ގާޒީ ހުކުމް ކުރެއްވިއެވެ. އެ މީހުން ހުކުމުގެ ކުރިން ތިން އަހަރާއި ދެ މަހާއި ފަސް ދުވަސް ބަންދުގައި ހޭދަކޮށްފައި ވާތީ ދެން ތަންފީޒުކުރަން ޖެހޭނީ 21 އަހަރާއި ނުވަ މަހާއި ފަސް ދުވަހުގެ ހުކުމެކެވެ.

އޭގެ އިތުރުން ކުރިމިނަލް ކޯޓުން އިއްޔެ ވަނީ އަހުމަދު ވިޝާމް އާއި މުހައްމަދު މާއިޝް އާއި މުހައްމަދު ޝާމިން އާއި މުހައްމަދު ހަމީދުގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ދައުވާ ސާބިތު ނުވާ ކަމަށް ހުކުމްކޮށްފައެވެ. ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އެ މީހުންނަކީ އެ މައްސަލައިގެ ބޮޑުންނެވެ.

ނަމަވެސް އިސް ގާޒީ އާދަމް މުހައްމަދު އިއްޔެ ކުރެއްވި ހުކުމުގައި ވިދާޅުވެފައިވަނީ، އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވީ، އެ މީހުންނަކީ މަސްތުވާތަކެތި ފެނުނު "އިރުއަލިމަސް" ދޯނީގައި ތިބި މީހުންނަށް ނުވުމާއި އެތަކެއްޗާއި ހަވާލުވާން އެ މީހުން ގޮސްފައިނުވާތީ އެ މީހުންނާއި ދޯނިން ފެނުނު މަސްތުވާތަކެއްޗާ އޮތް ގުޅުން ދައުލަތުގެ ހެކި ގަރީނާއިން ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށް ނުދެވޭތީ ޑްރަގް ޓްރެފިކިންގެ ދައުވާ އެ މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.