އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

އިންޑިއާގެ އަންދްރަޕްރަދޭޝްއަށް އުފަން، އުމުރުން 38 އަހަރުގެ ސުނިލް ޗެތުރީއެވެ. ދެކުނު އޭޝިއާ ފުޓުބޯޅައިގެ "ގްރޭޓަސްޓް އޮފް އޯލް ޓައިމް" އެކެވެ. ފުރިހަމަ ލެޖެންޑެކެވެ. އިންޑިއާ ފުޓުބޯޅައިގެ ރަމްޒެކެވެ. ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 138 މެޗުގައި 90 ގޯލު ހަމަކޮށްފިއެވެ. މުޅި ދުނިޔޭގައިވެސް އެވަރަށް ގައުމީ ޓީމަށް ގޯލް ޖެހި ކުޅުންތެރިން މަދެވެ. މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން، ޗެތުރީއަށްވުރެ ގިނައިން ގައުމީ ޓީމަށް ގޯލް ޖެހި ހަމައެކަނި ކުޅުންތެރިނަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީއެވެ. އެހެންކަމުން ޗެތުރީގެ ވާހަކަ، ފުޓުބޯޅައިގައި އިތުރަށް ތަފްސީލުކޮށްދޭކަށް ނުވެސް ޖެހޭތާއެވެ.

ޗެތުރީ، މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގައިވެސް 20 ގޯލު ޖަހައިފިއެވެ. އޭނާއަށްވުރެ ގިނައިން ސާފް ޗެމްޕިއަންޝިޕްގައި ގޯލު ޖަހާފައި ވަނީ އަހަރެމެންގެ ލެޖެންޑް، އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ދަގަނޑޭ ވަނީ ސާފް ޗެމްޕިއަންޝިޕްގައި 23 ގޯލު ޖަހާފައެވެ. ދަގަނޑޭ އަތުގައި އެ ރެކޯޑު މިހާރު އޮތް ނަމަވެސް، ޗެތުރީ މުބާރާތް ފެށި ފޯމާއެކު އެ އަދަދު ހަމަކޮށްފާނެ ކަމަށްވެސް ބެލެވެއެވެ. ދިވެއްސެއްގެ ނަަޒަރުން އެއީ އުފާވެރި ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް، ޗެތުރީގެ ފޯމުގައި އެކަން އޭނާ ކޮށްފާނެއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް، ޗެތުރީ ފެށީ ޕާކިސްތާން ކޮޅަށް ހެޓްރިކް ހަދައިގެންނެވެ. ރޭ އިންޑިއާއިން 4-0 އިން ޕާކިސްތާން ބަލިކުރިކުރުމުން އެތައް މަންޒަރެއް ފެނުނެވެ. މެޗު ހޫނުވެސް ގަދައެވެ. ވާދަވެރިވެސް މެއެވެ. އިންޑިއާ ސަޕޯޓަރުން ޖެހިފައި އޮތް ޖަޒުބާތުވެސް، އިއްޔެ ހަވީރުން ފެށިގެން ސްޓޭޑިއަމް ކައިރިން ފެނުނެވެ. ވާދަވެރިންގެ ކުރިމަތިލުމުން އަޅައިގަތް މުހިއްމު އެހެން މަންޒަރެއްވެސް އެބައޮތެވެ. އެއީ އިންޑިއާ ސަޕޯޓަރުން، ބެންގަލޫރުގައި އެ ސިޓީގެ ހީރޯ ޗެތުރީއަށް ދިން ލޯތްބެވެ. އަޑުކެނޑުމެއްނެތި "ޗެތުރީ، ޗެތުރީ،" ގެ ނަމުން މުޅި ދަނޑު ގުގުމަމުން ދިޔަ ދިޔުމަކީ ތަޖުރިބާ ކުރެވުނު ތަފާތު ކަމެކެވެ. މެޗު ތެރެއިން ތިން ފަހަރެއްގެ މަތިން ސަޕޯޓަރަކު އަރައިގެން ދިޔަތަންވެސް ފެނުނެވެ. އެންމެ ކަމެއްގައެވެ. އައިޑަލް ޗެތުރީއާ ހަމައަށް ދިޔުމަށެވެ. ޗެތުރީ ގައިގައި ބައްދާލުމަށެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ މެޗަކުން ކުޅުންތެރިޔަކަށް އެވަރަށް ލޯބިދޭތަން ފެންނަނީ މަދުފަހަރަކުއެވެ. އެކަމަކު އެއީ ދަގަނޑޭއަށް ދިވެހީން ދޭ ލޯބި ބާއްވާފައެވެ.

މުބާރާތް ފެށުމުގެ ކުރިންވެސް ބެންގަލޫރުން އޭނާއަށް ލޯބި ދޭނެކަން ޗެތުރީއަށް ސާފެވެ. މުބާރާތަށް ތައްޔާރުވަމުން ދިޔަ އިރު، ޗެތުރީ ބުނީ ބެންގަލޫރަކީ އޭނާގެ "ހޯމް" ކަމަށާއި ބެންގަލޫރުގެ އާބާދީގެ ކިބައިން ސަޕޯޓަށް އެދި އޭނާ ބުނަންވެސް ނުޖެހޭނެ ކަމަށެވެ. އެ ފުރުސަތަށް ބެންގަލޫރު މީހުން ތިބީ ކެތްމަދުވެފައި ކަމަށްވެސް ޗެތުރީ ބުންނެވެ. އެއީ ގައުމީ ޖާޒީގައި ޗެތުރީއަށްވެސް ބެންގަލޫރުގައި ކުޅެން ލިބުނީ މަދުން ކަމަށްވީއެވެ. މީގެ ކުރިން 2017 ވަނަ އަހަރު އިންޑިއާއިން މަކާއޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުން ޝަރަފުވެރި ސްރީ ކަންތީރަވާ ސްޓޭޑިއަމަށް އިންޑިއާ ގައުމީ ޓީމު ނުކުތީ ރޭގައެވެ. އެ ސްޓޭޑިއަމަކީ ބެންގަލޫރު އެފްސީގެ ހޯމްއެވެ. އެހެންކަމުން ފުޓުބޯޅައިގެ ޖަޒުބާތަށް ޝައްކެއްވެސް ރޭގެ މެޗުގެ ކުރިން ނެތެވެ.

އިއްޔެ ހަވީރުން ފެށިގެން ސްރީ ކަންތީރަވާ ސްޓޭޑިމް ކައިރީގައި އިންޑިއާގެ ދިދަތައް ދިޔައީ ވިއްކަމުން، ވިހުރެމުންނެވެ. މޫނުގައި ކުލަޖައްސައި، ވުވުޒެލާތައް ދިޔައީ ފުމެމުންނެވެ. އެ ހުރިހާ ކަމެއްގެ ތެރެއިންވެސް ހާއްސަ ބޮޑު ކަމެއް ފާހަގަވިއެވެ. ކުޑަކުއްޖެއް، ޒުވާނެއް، އަންހެނެއް ފިރިހެނެއް ބަލާނެ ކަމެއް ނެތެވެ، ޗެތުރީގެ ޖާޒީގައި ނޫން ގޮތަކަށް ދަނޑަށް ޖާޒީގައި ވަން ހަމަ އެކަކުވެސް ނެތެވެ. ދަނޑުގެ ވަށައިގެން ތިން ހަތަރު ތަނެއްގައި އުނގުވިޔަފާރީގައި ޖާޒީ ވިއްކަމުން ދިޔަ އިރު، ޗެތުރީގެ ޖާޒީ ނޫން ޖާޒީއެއް ނުވެސް ވިއްކައެވެ. ޗެތުރީގެ ޖާޒީތައް ގަނެ، ދަނޑަށް ވަދެވެން ޗެތުރީގެ ނަމުން ދަނޑު ގުގުމަމުން ދިޔައެވެ. މެޗު ފެށުނީއްސުރެ ޗެތުރީ ބާލަންދެންވެސް އިރުއިރުކޮޅާ ޗެތުރީގެ ނަން ދިޔައީ ގުގުމަމުންނެވެ. ޗެތުރީ ބޭލި ވަގުތު، އާޖެންޓީނާ ސަޕޯޓަރުން މެސީއަށް ދޭ ގަދަރު އިންޑިއާގެ އެތައް ހާސް ބަޔަކު ދިނެވެ. "ޗޭތުރީ .... ޗޭތުރީ.." އެ ފޭނުން ދައްކުވައިދިނީ ފުޓުބޯޅައިގައި ޗެތުރީއަށް ދޭ އިހުތިރާމްގެ މަންޒަރެވެ.

ބެންގަލޫރުން ޗެތުރީއަށް ލޯބި ނުދޭންވީ ސަބަބެއްވެސް ނެތްތާއެވެ. 2013 އިން 2015 އަށް ބެންގަލޫރު އެފްސީއަށް ކުޅެ، އެޓީމަށް 26 ގޯލް އެފަހަރު ޖަހައިދިން ޗެތުރީ އޭގެ ފަހުން 2016 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް އެހުރީ އެ ކްލަބުގެ ލޯބީގައެވެ. ވަރުގަދަ ބެންގަލޫރު އެފްސީއަށް ދެވަނަ ފަހަރަށް ބަދަލުވިފަހުން ޗެތުރީ ވަނީ ކްލަބަށް 60 އަށްވުރެ ގިނަ ގޯލު ޖަހައިދީފައެވެ. ރޭ ބެންގަލޫރުން ޗެތުރީއަށް ގައުމީ ބަތަލެއްގެ އިއްޒަތް "ސަޕޯޓްކޮށްގެން" ދިނެވެ. އެކަމަކު ޗެތުރީގެ ކާމިޔާބުކެރިއަރުން، އޭނާއަށް އެ ޝަރަފު ދޭނީ ހަމައެކަނި ބެންގަލޫރުން ނޫން ކަންވެސް އެނގެއެވެ. މުޅި އިންޑިއާއިން ޗެތުރީއަށް ސެލިއުޓް ކުރާނެއެވެ.