ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ ތެރެއިން، ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގެ ދިފާއުގައި 14 ނުކުތާއެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅުއްވައިފިއެވެ.

ޔާމީނަށް ކޮށްފައިވާ ހުކުމާ ގުޅޭ ތިން މައްސަލައެއް ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެ މަނިކުފާނުގެ މައްޗަށް ސާބިތުވި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ މައްސަލައިގެ އިތުރުން، ރައީސް ޔާމީނަށް ރިޝްވަތު ދިނުމުގެ ހުކުމް އިއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްސަލައިގެ އިސްތިއުނާފެވެ.

އޭގެ ތެެރެއިން ހައިކޯޓުގައި މިއަދު ކުރިއަށްދިޔައީ ރިޝްވަތު ގަބޫލުކުރުމުގެ މައްްސަލައިގެ އަޑުއެހުމެކެވެ. އެ މައްސަލައިގެ ދިފާއުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ވަނީ 14 ނުކުތާއެއް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

އެ ނުކުތާތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ދަށު ކޯޓުގައި ޝަރީއަތް ކުރިއަށް ދިޔައިރު، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ މުއްދަތު ގުނުމުގައި، އެ ކޯޓުން މިހާތަނަށް އަމަލުކުރަމުން އައި ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި މުއްދަތު ގުނުމުގެ އުސޫލަށް ބަރޯސާވެ، ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް މުއްދަތު ގުނައި، ޝަރީއަތް ފެށުމުގެ 30 ދުވަސް ކުރިން ހުށަހެޅި، ހުށަހެޅުންތައް ހުށަހަޅާފައިވަނިކޮށް ކްރިމިނަލް ކޯޓުން އަމަލުކުރަމުން އައި އުސޫލު ކުއްލިއަކަށް ބަދަލުކޮށް، ގާނޫނާ ހިލާފަށް މުއްދަތު ގުނައި އެއީ ހުށަހެޅި ހުށަހެޅުންތަކެއް ކަމަށް ނުބަލައި ޝަރީއަތް ނިންމުމެވެ.

އަދި ގާނޫނުލްއުގޫބާތުގެ 15 ވަަނަ މާއްދާގައިވާ ގޮތުގެ މަތީން އެކަށީގެންވާ ޝައްކެއް ނެތި ކުށުގެ ކޮންމެ ރުކުނެއް ދައުލަތުން ސާބިތު ކޮށްދީފައި ނެތީސް އަދި ކުށެއް ކަމުގައި އެ އަމަލު ނުބެލުމަން ހުރި ހާލަތްތައް، ދައުވާ އުފުލާފައިވާ ކުށުގެ މައްޗަށް ދައުލަތުން ސާބިތު ކޮށްދީފައި ނެތީސް ކުށް ސާބިތުވާ ކަމަށް ނިންމުންވެސް ހިމެނެއެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ދައުލަތުގެ ހެކިންގެ ތެރެއިން އަދީބާއި ޒިޔަތާއި ނައީމްގެ ހެކިބަސް ބަލައިގަނެ، ކުށުގެ އަމަލު ހިންގިކަމުގެ މައްޗަށް ބާރު ލިބޭ މިންވަރަށް އެހެނިހެން ހެކި ގަރީނާ ނެތީސް، އެ ފަރާތްތަކުގެ ހެކި ބަހަށް ބާރުދީ ކުށް ސާބިތު ކުރުމާއި ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާއާ ހިލާފަށް ދައުލަތުން ހާމަކުރި ހެކިތަކެއް ބަލައިގަނެ، އެ މާއްދާގައި ބަޔާންކުރާ އުސޫލުތަކާ ހިލާފަށް ކުށް ސާބިތުކުރުގައި ޔާމީނާ ދެކޮޅަށް ބޭނުންކޮށްފައިވުންވެސް ހިމެނެއެވެ.

ދިފާއުން ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ދައުލަތުން ހުށަނާޅަނީސް، އެ ފަރާތުން ހުށަހެޅި ހެކިތަކެއް ބަަލައި ނުގަނެ، އަދި އެ ހެކި ތަަކަކީ ދޮގު ހެކި ތަކެއް ކަމަށް ނިންމުމާއި ގާނޫނީ އެއްވެސް އަސާސެއް ބަޔާން ކުރުމަކާ ނުލައި، ދިފާއި ހެކިންގެ ބައެއް ހެކިބަހަށް ބުރަދަން ނުދީ އަދި ބައެއް ހެކިން ދިނީ ދޮގު ހެކި ކަމަށް ކަނޑަަޅައި ހުކުމް ކުރުމާއި ނައީމް، ޔާމީނަށް ދިން އެއް މިލިއަން ޑޮލަރަކީ ސައްހަ ވިޔަފާރީގެ މުއާމަލާތެއް ކަމަށް ސާބިތުކުރުމަށް ހުށަހެޅި ހެކިންނަކީ ސައްހަ ނަޫން، އުފައްދައިގެން ހުށަހެޅި ހެކިން ކަމަށް ނިންމުން ވެސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ނުކުތާތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ސައްހަކަން ކަށަވަރުނުވާ ހެކިތަކެއް ބަލައިގަނެެ، އެ ހެކިތަކަށް ބުރަދަން ދީގެން ކުށް ސާބިތު ކުރުމާއި ރައީސްކަމުގައި ހުރި އިރު އާރަށް، ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ޔާމީން ނިންމާފައި ނުވަނީސް ދައުލަތުން ހުށަހެޅި ހެކިތަކުންނާއި ދިފާއީ ހެކިތަކުންވެސް ޔާމީން، އެ ގޮތަށް ނިންމާފައި ނުވާކަން ސާފުކޮށް އެނގެން އޮތްއިރު ހެތްކާ ބެހޭ ގާނޫނާ ހިލާފަށް އެ ހަގީގަތް ސާބިތުވާ ކަމަށް ނިންމާފައިވުންވެސް ހިމެނެއެވެ.